ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ފަރުވާދޭން މައިމީހާގެ އެއް ކިޑްނީ ވިއްކާލަން ޖެހޭ ހިސާބަށް ކަންކަން ދިއުމުން ކަންބޮޑުވާން ޖެހޭ!: ޢަލީ ޙުސައިން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ފަރުވާދޭން މައިމީހާގެ އެއް ކިޑްނީ ވިއްކާލަން ޖެހޭ ހިސާބަށް ކަންކަން ދިއުމުން ކަންބޮޑުވާން ޖެހޭ!: ޢަލީ ޙުސައިން

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ފަރުވާދޭން މައިމީހާގެ އެއް ކިޑްނީ ވިއްކާލަން ޖެހޭ ހިސާބަށް ކަންކަން ދިއުމުން ކަންބޮޑުވާން ޖެހޭ ކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި މިއަދު ޢަލީ ޙުސައިން ވިދާޅުވީ ދަރިފުޅުގެ ކަންކަން ބެލެހެއްޓުމަށްޓަކައި ވަޒީފާ ދޫކޮށްލައި ގޭގައި ހުރެގެން ދަރިފުޅުގެ ކަންކަން ނުބެލެހެއްޓިގެން އެއް ކިޑްނީ ވިއްކާލަން ޖެހުނު މައެއްގެ މައުލޫމާތު ސޯޝަލް މީޑިއާއިން ފެނިވަޑައިގެންފައިވާ ކަމަށާއި މިހާލަތަށް ކަންކަން ދިއުމުން އިތުރަށް ވިސްނާލަން ޖެހިފައިވާ ކަމަށެވެ.

ޢަލީ ޙުސައިން ވިދާޅުވީ އެހެން މީހުންގެ އެހީތެރިކަމާއި ނުލައި ދިރިނުއުޅެވޭ ފަދަ ހާލަތުގައި ތިބި މީހުންނަށް ރައްކައުތެރިކަމާއިއެކު ދިރިއުޅެވޭނެ މާހައުލެއް ޤާއިމުކޮށްދޭން ޖެހޭނެ ކަމަށެވެ. އަދި ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް އެފަދަ މީހުންނަށް އިނާޔަތްތައް ދެވޭ އުޞޫލުން ރާއްޖޭގައިވެސް އިނާޔަތް ލިބޭނެ އުޞޫލެއް ހަމަޖައްސަން ޖެހޭނެ ކަމަށެވެ.

އަލީ ހުސައިން ވިދާޅުވީ ޤައުމެއްގެ ރައްޔިތުންނާއި އަޅައިލެވޭ މިންވަރު އެނގޭނީ އެޤައުމެއްގައި ތިބި ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ މީހުންނާއިމެދު އަޅައިލެވޭ މިންވަރު އަޅާ ކިޔައިގެން ކަމަށެވެ. "ޤައުމުގައި ދިރިއުޅޭ މުއްސަނދިންނަށާ ސިޔާސީ މީހުންނަށްވުރެ މާ ބޮޑު ރައްކައުތެރިކަމާ އިނާޔޔަތްތައް އެ ޤައުމެއްގަ އުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ލިބެން ޖެހޭ.

އަދި އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީވެސް އެފަދަ ދުވަހެއް އަތުވެދާނެ މީހެއް ކަމަށް ޤަބޫލުކުރަން އެބަ ޖެހޭ. ޙަޔާތުގެ ކޮން ދުވަހަކު ކަމެއް ނުއެނގެ އެފަދަ ކަމެއް ދިމާވާނީ. ވީމާ އަޅުގަނޑުމެން ގަދަވެ ހެޔޮ ހާލުގައި ތިބި އިރު އަޅުގަނޑުމެންނަށާއި އަޅުގަނޑުމެންގެ ދަރިންނަށް މިފަދަ ޙާލަތެއް ކުރިމަތިވެދާނެ ކަމަށް ބަލައިގެން ކަންކަން ކުރަން އެބަ ޖެހޭ."

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އިނާޔަތް ބޮޑުކުރުމަށް ރައީސް ޔާމީނުގެ ވެރިކަމުގަ މަޖިލީހަށް އަނާރާ ނަޢީން ހުށަހެޅުއްވި އިޞްލާޙާއި މިސަރުކާރުގައި ކާނަލް މުޙައްމަދު ނާޒިމް ހުށަހެޅުއްވި އިޞްލާހް ވަނީ މަޖިލީހުން ބޭރުކޮށްލައިފައެވެ.

މިއަދު އޮންލައިން