ޓްރާންސްޕޯޓު މިނިސްޓްރީ އިން އަލަށް ޓެކްސީގެ އާ އަގުތަކަށް ބަދަލު ނުގެންނާނެ ކަމަށް އެމިނިސްޓްރީ އިން ބުނެފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވަނީ ޓެކްސީގެ ހިދުމަތް ދިނުމުގެއާ އުސޫލު ކަނޑައެޅީ ޑްރައިވަރުން ކުރަން ޖެހޭ ހަރަދާއި އެ މީހުންގެ އާމްދަނީ އަށް ވެސް ގެއްލުމެއް ނުވާނެ ގޮތް ބަލައިގެން ކަމަށާއި މިއުސޫލު ތަންފީޒު ކުރަން މަސައްކަތް ކުރާނެ ކަމަށެވެ.
އަލަށް އެކުލަވާލި އުސޫލުގައިވާ ގޮތުން މާލެ އިން ހުޅުމާލެ އަށް ކުރާ ދަތުރަކަށް ނެގޭނެ އެންމެ ބޮޑު އަގަކީ 75ރ. އެވެ. އަދި މާލެ އިން ވެލާނާ އިންޓަނޭޝަަނަލް އެއާޕޯޓަށް ކުރާ ދަތުރަކަށް ނެގޭނެ އެންމެ ބޮޑު އަގަކީ 60ރ. އެވެ.
އަލަށް އެކުލަވާލި އުސޫލަށް ޓެކްސީގެ ޑްރައިވަރުން ކަންބޮޑުވުންފާޅުކޮށްފައިވާއިރު އެޕްލިކޭޝަން ބޭނުން ކުރަން ފެށުމާއެކު ޓެކްސީ ސެންޓަރުތަކުގެ ބޭނުން ކެނޑޭނެކަމަށާއި ދާގީނާ އަރުވާއިރު މިހާރު އިތުރަށް ނަގާ ފަސް ރުފިޔާ ނެގުން އަލަށް އެކުލަވާލި އަގުތަކުގައި ހިމަނާފައި ނުވުމާއި ރޭގަނޑު 12 ގެ ފަހުން 30 ރުފިޔާ އަށް ދަތުރުކުރި ކުރުން އުވާލާފައިވުމުގެ ޝަކުވާ، ޓްރާންސްޕޯޓު މިނިސްޓްރީ އަށް ޓެކްސީގެ ޑްރައިވަރުން ވަނީ ހުށަހަޅާފައެވެ.
އަންނަ ބުދަދުވަހު އާ އުސޫލުގެ ދަށުން އަގު ނަގަން ފަށަން ޖެހޭނެ ކަމަށް ސަރުކާރުން ކަނޑައަޅާފައިވާއިރު ޑްރައިވަރުން އެދުވަހު މުޒާހަރާ ކުރާނެ ކަމަށް ވަނީ ބުނެފައެވެ. އަދި އަގު ނެގުުމުގެ އާ އުސޫލަށް އަމަލު ކުރުން ހުއްޓުވައިދޭން އެދި ސިވިލް ކޯޓަށް ދާން ވެސް ޑްރައިވަރުންގެ ޖަމިއްޔާ އިން ވަނީ ނިންމައިފައެވެ.