މާލޭގައި ޕާކިންގެ ދަތިކަމަށް ހައްލެއް ނުހޯދާ، ފުލުހުން ސްޓިކާ ޖަހަމުން އަންނަ ކަމަށް ބުނެ، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް އޭވިއޭޝަން އައިޝަތު ނަހުލާ (އައިޝާ) އާއި ސުވާލު ކުރުމަށް، އަންނަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލިހަށް ހާޒިރު ކުރުމަށް މިއަދު ނިންމައިފިއެވެ.
މިމައްސަލައިގައި މިނިސްޓަރ އައިޝާ އާއި ސުވާލު ކުރެއްވުމަށް ހާޒިރުކުރުމަށް، މިއަދު މަޖިލިހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުﷲ ޖާބިރު އެވެ.
ޕާކިން މައްސަލައާއި ގުޅިގެން އަންނަ ބުދަ ދުވަހު ޓްރާންސްޕޯޓް މިނިސްޓަރ މަޖިލިހަށް ހާޒިރު ކުރުމަށް ނިންމާފައިވާއިރު، ރާއްޖެއާއި ޤަތަރުގެ ގުޅުން އަލުން އިޔާދަކުރުމާއި ގުޅޭގޮތުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހު މަޖިލިހަށް ހާޒިރު ކޮށްފައެވެ. އޭގެ އިތުރުން މަޖިލިހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ހާދިސާ އާއި އެދުވަހަށްފަހު ހިނގި ހަމަނުޖެހުންތައް ތަކުރާރުވިޔަ ނުދިނުމަށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން ސުވާލު ކުރުމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވެސް މަޖިލިހަށް ހާޒިރު ކުރުމަށް ވަނީ ނިންމާފައެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަޖިލިހުގެ އަމީން އާންމު ފަތިމަތު ނިއުޝާ ވިދާޅުވީ މިހަފްތާގަ ދެ މިނިސްޓަރަކު މަޖިލިހަށް ހާޒިރު ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އެއީ މިނިސްޓަރ އައިޝާގެ އިތުރުން ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ކަމަށެވެ.