އެއްބާރުލުން ދިނުމުގެ މުހިންމު 7 އެއްބަސްވުމެއްގައި ރާއްޖެ އާ ސީޝެލްސް އިން ސޮއިކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 39ސ
އެއްބާރުލުން ދިނުމުގެ މުހިންމު 7 އެއްބަސްވުމެއްގައި ރާއްޖެ އާ ސީޝެލްސް އިން ސޮއިކޮށްފި

އެއްބާރުލުން ދިނުމުގެ މުހިންމު 7 އެއްބަސްވުމެއްގައި ދިވެހިރާއްޖެއާއި ސީޝެލްސްއިން މިއަދު ސޮއިކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒުނާ އަޙުމަދު ސީޝެލްސްއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދެޤައުމުން ސޮއިކުރެއްވި މި އެއްބަސްވުންތަކުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތު ބާއްވަވާފައި ވަނީ ސީޝެލްސްގެ ރައީސްގެ ރަސްމީ އޮފީހުގައެވެ. މިއަދު ސޮއިކުރެއްވި އެއްބަސްވުންތަކުގައި ހިމެނޭ ދާއިރާތަކުގެ ތެރޭގައި ދެޤައުމުގެ ސަރުކާރުގެ ދެމެދުގައި ގުޅުންބަދަހިކުރުމުގެ އެއްބަސްވުމަކާއި، ދެޤައުމުގެ ފޮރިންމިނިސްޓްރީގެ ދެމެދުގައި ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމަކާއި ފަތުރުވެރިކަމުގެ ދާއިރާއާއި ނޫ އިޤްތިޞާދުގެ ދާއިރާއާއި ވޮކޭޝަނަލް ޓްރެއިނިންގ ދާއިރާއާއި ޒުވާނުން ކުރިއެރުވުމަށް ކުރެވޭ ކަންކަމާއި ކުޅިވަރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތައް ހިމެނެއެވެ.

މިއަދު ސޮއިކުރެއްވި އެއްބަސްވުންތަކުގެ ތެރެއިން ކުޅިވަރުގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުމަކީ 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ރާއްޖޭގެ ކުޅުންތެރިން ތައްޔާރުކުރުމަށް ލިބޭ މުހިންމު ފުރުޞަތަކަށް ވެގެންދާނެއެވެ.

ޚާރިޖީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ވެވުނު އެއްބަސްވުމަކީ ރާއްޖެއާ ސީޝެލްސްއާ ދެމެދު މިހާރު އޮތް ޚާރިޖީގުޅުން އިތުރުދާއިރާތަކުން ފުޅާކޮށް އެކިއެކި ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ އެއްބަސްވުމެކެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން ސޮއިކުރެވުނު އެއްބަސްވުމާއި، ނޫ އިޤްތިޞާދުގެ ދާއިރާއާއި ތިމާވެށީގެ ދާއިރާއިން ވެވުނު އެއްބަސްވުންތަކުގެ ސަބަބުން ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތްކުރުމުގައި އެއްބާރުލުން އިތުރުކުރެވިގެންދާނެއެވެ. 

ކުޅިވަރުގެ ދާއިރާއިން ސޮއިކުރެވުނު އެއްބަސްވުމާއި ވޮކޭޝަނަލް ޓްރެއިނިންގ ދާއިރާއިން ސޮއިކުރެވުނު އެއްބަސްވުމުގެ ސަބަބުން ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް ޒުވާނުން ބާރުވެރިކުރުވުމަށް މަގުފަހިވެގެންދާނެއެވެ.

ރާއްޖެއާ ސީޝެލްސްއާ ދެޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 1980 ވަނަ އަހަރުގައެވެ. 

 

މިއަދު އޮންލައިން