ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ސީޝެލްސް ސަރުކާރުން ވަރަށް ހޫނު މަރްޙަބާއެއް ދަންނަވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ސީޝެލްސް ސަރުކާރުން ވަރަށް ހޫނު މަރްޙަބާއެއް ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދަށް ސީޝެލްސްގެ ސަރުކާރުން ވަރަށް ހޫނު މަރްޙަބާއެއް ދަންނަވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ރަސްމީގޮތުން މަރްޙަބާ ދެންނެވުމުގެ ރަސްމިއްޔާތު އޮތީ، ސީޝެލްސްގެ ރައީސްގެ ރަސްމީ އޮފީހުގައި މިއަދު ހެނދުނެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސީޝެލްސްގެ ރައީސްގެ އޮފީސްކޮޅަށް ވަޑައިގަތުމުން، މަރްޙަބާ ވިދާޅުވީ، ސީޝެލްސްގެ ރައީސް ހިޒް އެކްލެންސްސީ ޑެނީ ފޯރއެވެ. މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާއާ ސީޝެލްސްގެ ރައީސް ޕޯޑިއަމަށް އަރާވަޑައިގެންނެވުމުން ދިވެހިރާއްޖެއާއި ސީޝެލްސްގެ ޤައުމީ ސަލާން ކުޅުނެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް، އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ.

އެއަށްފަހު ސީޝެލްސް ސަރުކާރުގެ އިސްބޭފުޅުން ރައީސުލްޖުމްހޫރިއްޔާއަށް ތަޢާރުފުކޮށް އެރުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުން، ސީޝެލްސްގެ ރައީސަށް ތަޢާރުފުކޮށް އެރުވުންވެސް މިރަސްމިއްޔާތުގައި އޮތެވެ. 

މަރުޙަބާ ދެންނެވުމުގެ މިރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ރަސްމީ ފޮޓޯފުޅެއް ނެންގެވުމުގައި ބައިވެރިވެ ވަޑައިގެންފައެވެ. 

ރައީސުލްޖުމްހޫރިއްޔާ ސީޝެލްސްއަށް ކުރައްވަމުންގެންދަވާ މިދަތުރުފުޅަކީ ސީޝެލްސްގެ ރައީސްގެ ދަޢުވަތަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅެކެވެ.

 

މިއަދު އޮންލައިން