މިއަދުން ފެށިގެން މާލެ ސަރަހައްދުގައި ރަޖިސްޓްރީކޮށްފައިވާ ހުރިހާ ޓެކްސީތަކެއްގައި ޓެކްސީ އެޕްލިކޭޝަން ބޭނުންކުރުން މަޖުބޫރުކޮށް ދަތުރުތަކުގެ އަގު ޓްރާންސްޕޯޓް އޮތޯރިޓީއިން ކަނޑައަޅައިފިއެވެ.
ޓްރާންސްޕޯޓު އޮތޯރިޓީ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ މިއަދުން ފެށިގެން ދެ މަސް ދުވަހުގެ ތެރޭގައި މާލެ ސަރަހައްދުގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ޓެކްސީތަކަކުން އެ އޮތޯރިޓީ އިން ކަނޑައަޅާ ހުއްދަ ދީފައިވާ އޮންލައިން އެޕްލިކޭޝަނެއް ދަތުރުތައް ކުރުމުގައި ބޭނުން ކުރަން ޖެހޭނެ ކަމަށެވެ.
ޓްރާންސްޕޯޓުން ހުއްދަދިން އެޕްލިކޭޝަން ތަކަކީ ރައިޑް، ޕިކްމީ އަދި އެއައީ އެވެ. ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ހުރިހާ ޓެކްސީތަކުން މި ތިން އެޕްލިކޭޝަންގެ ތެރެއިން ކޮންމެސް އެއް އެޕްލިކޭޝަނެއް ބޭނުން ކުރަން ފަށަން ޖެހޭނެ އެވެ.
މިއަދުން ފެށިގެން ޓެކްސީ އެޕްލިކޭޝަން ބޭނުންކުރަން ފެށިކަމުގައި ވިއަސް އަގުތަކަށް ބަދަލު އަންނާނީ އަންނަ ބުދަ ދުވަހުން ފެށިގެންނެވެ.
ދަތުރުތަކަށް ނެގޭނެ އަގަކީ 60ރ އާއި 75ރ. ދެމެދު ކަމަށް ޓްރާންސްޕޯޓުން ހަމަޖައްސައިފައިވާއިރު މިއަގުގައި ދަތުރުތައް ކުރަން ފަށާނީ މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އެވެ.