ޞިއްޙީ ޚިދުމަތަކީ ރާއްޖޭގެ ކޮންމެ ރަށެއްގައި ހަރުދަނާ ކުރަންޖެހިފައިވާ ކަމެއް ކަމަށާއި ދެވޭ ޚިދުމަތުގެ ފެންވަރު މަތިކުރަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ބ. އަތޮޅު ހޮސްޕިޓަލުގެ ރަންޔޫބީލް ފާހަގަކުރުމުގެ ޖަލްސާގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ޢިމާރާތުގެ ދަތިކަމާއި، އެކަށީގެންވާ ވަރަށް ޑޮކްޓަރުންނާއި ނަރުހުން އަދި ޞިއްޙީ އެހީތެރިން ނެތުމަކީ، ކޮންމެ ރަށަކަށް ވެސް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އަދި ލެބޯޓްރީގެ ޚިދުމަތް ވެސް އެކަށީގެންވާ ފެންވަރަށް ތަރައްޤީވެފައި ނެތުމަކީވެސް ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅުން:
ރަށްރަށުން އެކަށީގެންވާ ޞިއްޙީ ހިދުމަތްތައް ލިބެން ނެތުމަކީ، މިއަދުވެސް ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާ. މާލެއަށް ދިޔަސް، ވަކި ބައްޔަކަށް ޚާއްޞަ ޑޮކްޓަރަކަށް ދެއްކުމަށް، އެތައް ދުވަހަކު އިންތިޒާރުގައި ތިބެން އެބަޖެހޭ. ރަނގަޅަށް ތަމްރީނުވެފައި ތިބި މީހުން، ރަށްރަށުގައި އެކަށީގެންވާ މިންވަރަށް ނެތުން އެއީ އަނެއް މައްސަލަ. ބޭސް ލިބެން ނެތުމާއި ބޭހުގެ ކޮލިޓީ ދަށްވުންވެސް މައްސަލައެއްގެ ގޮތުގައި އަދިވެސް އެބައޮތް.
މި ޝަކުވާތައް އުފެދުނީ، ރާއްޖެ ތަރައްޤީކުރަން ގެންގުޅުނު ސިޔާސަތުގެ ސަބަބުން. އެއީ މާލެއަށް މީހުން ތޮއްޖެހޭ ގޮތަށް ރޭވި ތަރައްޤީގެ މަޝްރޫޢުތައް. އޭގެ ނަތީޖާއަކަށްވީ، ޑޮކްޓަރަށް ދައްކަން ވިޔަސް، އެކްސްރޭއެއް ނަގަން ޖެހުނަސް، ދަތުރު ހަދާފައި މާލެ ދާން ޖެހުން. އެއީ ރަށްރަށުގެ ރައްޔިތުން ކުރަންޖެހޭ ވަރަށް ބޮޑު ޚަރަދުތަކެއް.