ރަށްފުށުގެ ޞިއްޙީ ޚީދުމަތް ތަރައްޤީކުރަން ބޮޑަށް މަސައްކަތްކުރީ އަތޮޅުތަކުގެ ރައްޔިތުން: ރައީސް ޞާލިޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 7މ 9ސ
ރަށްފުށުގެ ޞިއްޙީ ޚީދުމަތް ތަރައްޤީކުރަން ބޮޑަށް މަސައްކަތްކުރީ އަތޮޅުތަކުގެ ރައްޔިތުން: ރައީސް ޞާލިޙް

 

އަތޮޅުތަކުގައި ޞިއްޙީ ޚިދުމަތް ތަރައްޤީ ކުރުމުގައި، މާލޭގައި އޮންނަ މައި ސަރުކާރުން އަދާކުރި ދައުރަށްވުރެ މާމަތީ ދައުރެއް، އެ އަތޮޅެއްގެ ރައްޔިތުން އަދާކޮށްފައިވާކަމަށް ޤަބޫލުކުރެވޭ ކަމަށާއި ބޮޑެތި ބަލިތަކާއި ރޯގާތަކާ ކުރިމަތިލުމަށް، އޭރު ލިބެން އޮތް ހަމައެކަނި ވަސީލަތަކީ، ދިވެހި ބޭސްވެރިކަމާއި ހަކީމީ ބޭސްވެރިކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 

 

ބ. އަތޮޅު ހޮސްޕިޓަލުގެ ރަންޔޫބީލް ފާހަގަކުރުމުގެ ޖަލްސާގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ އަތޮޅުތަކުގައި މި ޒަމާނުގެ ޞިއްޙީ ޚިދުމަތް ތަރައްޤީކުރުމަކީ ވަރަށް ބޮޑު ގޮންޖެހުމަކަށްވި ކަމަށެވެ. އަދި ވިލާތުގެ ޑޮކްޓަރީ ބޭސްވެރިކަން ދިވެހީންގެ ތެރެއަށް ތަޢާރުފްކުރަން ފެށިއިރު، އެހެން ޤައުިމުތައް ފަދައިން ދިވެހިންވެސް ފަރިތަވެފައި ތިބީ، ޙަކީމީ ބޭސްވެރިކަމާއި ދިވެހި ބޭސްވެރިކަމާއި ފަންޑިތަވެރިކަމަށް ކަމަށެވެ.

 

 

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅުން:  

 

އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ވިއްޔާ، މީގެ ތިރީހަކަށް އަހަރު ކުރިން، މާބަނޑު މީހުންނަށާއި ކުޑަކުދިންނަށް ވެކްސިން ދިނުމަށް، މާލެއިން ފޮނުވާ ޓީމުތައް ރަށްރަށަށް އަރާ ދުވަހަކީ، އެ ރަށަކަށް ވަރަށް ބިރުވެރި ދުވަހެއް. ބައެއް ރަށްރަށުގައި، ބައެއް މީހުންނާއި ކުޑަކުދިން، އެދުވަހު ހަތަރުދަމު ފިލައިގެން އުޅޭ ކަމަށްވެސްވޭ. 

 

ވެކްސިން ދިނުމާއި ޑޮކްޓަރީ ބޭސް ބޭނުންކުރުމާމެދު ހޭލުންތެރިކުރުމަށް، ވަރަށް ބުރަ މަސައްކަތްތަކެއް އޭރު ކުރަންޖެހުނު. އެކަންކަން ކުރަންޖެހުނީ، ރައްޔިތުންނަށް ވަރަށް ބޮޑަށް ނަސޭހަތްދީ ވިސްނައިގެން. އެއީ، އެފަދަ ކަންކަމަކީ ދިވެހީންގެ ތެރެއަށް އެހާފަރިތަ ކަންކަމަށް ނުވާތީ. އެއީވެސް ޞިއްޙީ ޚިދުމަތުގެ 50 އަހަރުގެ ވަރަށް މުހިންމު ތަޖުރިބާތަކެއް. 

 

އެ ބުރަ މަސައްކަތުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުވުމުގެ ނަތީޖާ، ވަރަށް އަވަހަށް އަޅުގަނޑުމެންނަށް ފެނިގެންދިޔަ. ދެކުނު އޭޝިޔާ ސަރަޙައްދުގެ ޤައުމުތަކުގެ ތެރެއިން، އެންމެ ފުރަތަމަ މެލޭރިޔާ އާއި ފައިލޭރިޔާ ނައްތައިލެވުނު ޤައުމަކީ ދިވެހިރާއްޖެ. ޕޯލިއޯ އާއި މީސަލްސްވެސް ވަނީ މި ރާއްޖެއިން ނައްތާލެވިފައި. 

 

އެ ކާމިޔާބީގެ ފަހަތުގައިވަނީ، ރާއްޖޭގައި ކުރިން އޮތް ޕްރައިމަރީ ހެލްތު ކެއަރ ޕްރޮގްރާމް. ބަލި ޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުމުގެ އެ ޕްރޮގްރާމް އިހުމާލުކޮށްލުމުގެ ސަބަބުން، މިއަދު އަޅުގަނޑުމެންގެ ފުރާނަތައް ގެއްލެމުން އެދަނީ، ގައިން ގަޔަށް ނާރާ ބަލިތަކުގައި. މިއަހަރުން ފެށިގެން ޕްރައިމަރީ ހެލްތު ކެއަރ ޕްރޮގްރާމަށް އަޅުގަނޑުމެން ޚާއްޞަ ސަމާލުކަމެއް ދޭނަން.

 

ރާއްޖެ ދުށް އެންމެ ނުރައްކާތެރި ދެ ރޯގާއަކީ ކޮލެރާއާއި ޝިގެއްލާ. އެފަދަ ރޯގާތަކުން އަޅުގަނޑުމެން ސަލާމަތްކުރުމުގައިވެސް، އެންމެ މުހިންމު ދައުރެއް އަދާކުރީ، ޕްރައިމަރީ ހެލްތު ކެއަރގެ ދަށުން، ތަމްރީނުކުރި ހެލްތު ވޯކަރުންނާއި، ފޫޅުމައިންނާއި، މަދު ޢަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުންގެ ބުރަ މަސައްކަތް. 

 

މި ދެންނެވި ހުރިހާ ތަޖުރިބާތަކެއްގެ ތެރެއިން، އަތޮޅު ހޮސްޕިޓަލެއްގެ ގޮތުގައި މި މުއައްސަސާ މިއަދާ ހަމައަށް އައީ، ތަފާތު ނަންނަމުގައި އެތައް މަރުޙަލާތަކެއް ކަޑައްތުކޮށްފައި. ވަރަށް އާދައިގެ ފެންވަރެއްގައި ފެށި ހެލްތު ސެންޓަރުން، އެންމެ ފުރަތަމަ ފަހަރަށް ޑޮކްޓަރެއްގެ ޚިދުމަތް ލިބެން ފެށީވެސް، ހެލްތު ސެންޓަރު އުފެދުނުތާ 25 އަހަރު ފަހުން 1993 ވަނަ އަހަރު. 

 

އޭގެ ފަހުން 2001 ވަނަ އަހަރު، ހޮސްޕިޓަލަކަށް ބަދަލުވިއިރުވެސް، ޙަޤީޤީ ހޮސްޕިޓަލަކުން ލިބެންވާ ހުރިހާ ޚިދުމަތްތައް މި ހޮސްޕިޓަލުން ލިބޭކަށް ނެތް. އަދި މިރޭ އަޅުގަނޑުމެން ރަން ޔޫބީލް ފާހަގަކުރަމުންދާއިރުވެސް، ރައްޔިތުން އެންމެ ބޭނުންވާ ފެންވަރަށް ޚިދުމަތް ނުލިބޭކަން އަޅުގަނޑު ފާހަގަކުރަން. 

 

އެހެން ނަމަވެސް، ބ. އަތޮޅުގެ ރައްޔިތުންނަކީ، އަބަދުވެސް ޢާންމު ޞިއްޙަތަށް ވަރަށް ބޮޑަށް ސަމާލުކަން ދޭ ރައްޔިތެއް ދިރިއުޅޭ އަތޮޅެއްކަން، މި އަތޮޅުގެ ތާރީޚުން އެބަ ސާބިތުކޮށްދޭ. މި އަތޮޅުގެ ރައްޔިތުންގެ ޞިއްޙީ ދުޅަހެޔޮކަން އިތުރުކުރުމުގައި، މި އަތޮޅުގެ އަތޮޅު ކޮމިޓީން، އަމިއްލައަށް އިސްނަގައިގެން ވަރަށް މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވާކަން އަޅުގަނޑަށް އެނގޭ. 

 

މި ހޮސްޕިޓަލުގެ ތާރީޚަށް ބަލާއިރު، މި ހޮސްޕިޓަލަކީ، މާލޭގައި އޮންނަ މަރުކަޒީ ސަރުކާރުން ކަންކަން ކޮށްދޭނެ ވަގުތަކަށް އިންތިޒާރު ކުރުމުގެ ބަދަލުގައި، އަމިއްލައަށް ކަންކަން ރާވައިގެން، ޞިއްޙީ ހޭލުންތެރިކަމަށް ވަރަށް ބޮޑަށް މަސައްކަތްކުރި ތަނެއް. ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން، ދެ އަހަރެއްގައި މި ހޮސްޕިޓަލްވަނީ އެވޯޑުވެސް ޙާޞިލުކޮށްފައި.

 

ތުއްތު ކުދީންނަށް ވެކްސިން ދިނުމަށް ހިންގާ ޕްރޮގްރާމް، 2008 ން ފެށިގެން 2012 ވަނަ އަހަރާ ހަމައަށް އެންމެ ރަނގަޅަށް ބަލަހައްޓާފައިވަނީ ވެސް މި ހޮސްޕިޓަލުން. މިއީ ޙަޤީޤަތުގައި ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ މަސައްކަތުގައި މި ހޮސްޕިޓަލް ހޯދާފައިވާ ވަރަށްމަތީ ކާމިޔާބެއް. އަދި މިއަތޮޅު ރައްޔިތުންގެ ޞިއްޙީ ހޭލުންތެރިކަން އިތުރުވެފައިވާކަން ރަމްޒުކޮށްދޭ ކަމެއް. 

 

މުޅި ދުނިޔޭގެ ޞިއްޙީ ނިޒާމަށް އިންޤިލާބީ ބަދަލެއް ގެނެސްދިނީ، ތުއްތުކުދިންނާއި މާބަނޑު މީހުންނަށް ޚާއްޞަ ވެކްސިންތަކެއް ތަޢާރުފްކުރެވުނު ހިސާބުން. ރާއްޖޭގައވެސް ތުއްތު ކުދިން ޅަފަތުގައި މަރުވުމާއި، ވިހެއުމުގެ ތެރޭގައި މާބަނޑު މީހުން މަރުވާ ނިސްބަތް ދަށްވެގެން ދިޔައީ، ވެކްސިން ދިނުމުގެ ޕްރޮގްރާމްގެ ތެރެއިން.  

 

މި އަތޮޅުގެ ޞިއްޙީ ޚިދުމަތުގެ މި މުހިންމު ތާރީޚީ މުނާސަބަތުގައި، މި އަތޮޅުގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އާއި މުބާރަކްބާދީ ދަންނަވަން. ހޮސްޕިޓަލެއްގެ ޙަޔާތުގައި 50 އަހަރަކީ މާ ދިގު މުއްދަތެއް ނޫނަސް، އެ މުއްދަތުގެ އަގު ވަޒަންކުރެވިގެން ދަނީ، އެ ތަނެއްގެ ޚިދުމަތުގެ ކާމިޔާބީތަކުން. 

 

މި އަތޮޅުގެ ޞިއްޙީ ޚިދުމަތަކީ ކާމިޔާބު ޚިދުމަތެއް. ނަމަވެސް މިއީ، ދެތިން މަސްދުވަހުން ނުވަތަ ދެތިން އަހަރަކުން ހޯދުނު ކާމިޔާބެއް ނޫން. ޞިއްޙީ ޚިދުމަތް ކުރިއަރައިގެން އަންނަނީ، ރައްޔިތުންގެ ޞިއްޙީ ހޭލުންތެރިކަން އިތުރުވާ މިންވަރަކުން. އެހެންކަމުން، މި ހޮސްޕިޓަލުގެ ކާމިޔާބީ ގުޅިފައިވަނީ، މި އަތޮޅުގެ ރައްޔިތުން ހޭލުންތެރިކުރުމަށް، އެތައް މަރުހަލާތަކެއްގައި ކޮށްފައިވާ މުހިންމު މަސައްކަތްތަކާ.

 

ފޫޅުމައިންނާއި ހެލްތު އެސިސްޓެންޓުންގެ އަތްމަތިން ހެލްތު ވޯކަރުންގެ އަތްމައްޗަށް. އޭގެ ފަހުން ޑޮކްޓަރުންގެ އަތްމައްޗަށް ޞިއްޙީ މަރުކަޒުތައް ބަދަލުވެ ސަރަޙައްދީ ހޮސްޕިޓަލްތައް އުފެދިގެން ދިޔައީ. އެއަށްފަހު، މީގެ ވިއްސަކަށް އަހަރު ކުރިން، އަތޮޅު ހޮސްޕިޓަލުތައް އުފެދިގެން ދިޔައީ، ކޮންމެ އަތޮޅަކަށް އަންހެނުންގެ ބަލިތަކުގެ ޑޮކްޓަރަކާއި، ހޭނައްތާ ޑޮކްޓަރަކާއި، ކުޑަކުދިންގެ ޑޮކްޓަރެއް ލިބުނު ހިސާބުން. 

 

މިއަދު އަޅުގަނޑުމެންނަށް ފެންނަން މިހިރަ، އަތޮޅު ހޮސްޕިޓަލަކީވެސް، މީގެ 50 އަހަރު ކުރިން، އެންމެ މީހަކާއެކު ފެށުނު ޚިދުމަތެއް. ހެލްތު ސެންޓަރެއްގެ ގޮތުގައި މި ރަށުގެ ޞިއްޙީ ޚިދުމަތް ފެށިއިރު، އެތަނުގައި ހެލްތު އެސިސްޓެންޓެއްގެ ގޮތުގައި ފަރުވާ ދެއްވަން ހުންނެވި ފުރަތަމަ ބޭފުޅަކީ، އަޅުގަނޑުގެ ބޮޑުބޭބެ އިބްރާހީމް ޞާލިޙް. 

 

މި ރަށާއި މި އަތޮޅުގެ ޞިއްޙީ ޚިދުމަތްތައް ތަރައްޤީ ކުރުމުގައި، ބޮޑުބޭބެ ޙިއްޞާވެފައިވާކަމީ، އަޅުގަނޑަށާއި އަޅުގަނޑުގެ ޢާއިލާއަށް ލިބޭ ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް. އެކި ދުވަސްވަރު، އެކި މަރުޙަލާތައް ކަޑައްތުކޮށް، މި ފެންވަރަށް ހޮސްޕިޓަލް ތަރައްޤީކުރުމުގައި ބައިވެރިވި، އިޚްލާޞްތެރި ހުރިހާ ޚިދުމަތްތެރީންނަށް ޝުކުރުވެރިކަމާއެކު، ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ދަންނަވަން. 

 

މި އަތޮޅުގައި ފަތުރުވެރިކަން ފުޅާވަމުން އަންނަ ނިސްބަތަށް ބަލާއިރު، މި އަތޮޅުގެ ޞިއްޙީ ޚިދުމަތްތައް ހަރުދަނާ ކުރުމަކީ، ތަރައްޤީއަށްޓަކައި ވެސް ވަރަށް މުހިންމު ކަމެއް. މާލެ އަތޮޅާއި އަރިއަތޮޅު ފިޔަވައި ދެން އެންމެ ގިނަ ރިޒޯޓް ހިންގަނީ، މި އަތޮޅުގައި. މިއަތޮޅުގެ ފަތުރުވެރިކަމަށް ފައިދާ ހުރި ކޮންމެ ކަމަކީ، މި އަތޮޅުގެ ރައްޔިތުންނަށް ލިބިގެންދާނެ ކުރިއެރުމެއް.

 

 

މިއަދު އޮންލައިން