ޕެންޝަން ފަންޑުން ހައްޖަށް ދެވޭނެ މަގު ފަހިކޮށްދިނުމަކީ ސަރުކާރުގެ ވެލްފެއާއިން ކޮށްދޭ ކަމެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 44ސ
ޕެންޝަން ފަންޑުން ހައްޖަށް ދެވޭނެ މަގު ފަހިކޮށްދިނުމަކީ ސަރުކާރުގެ ވެލްފެއާއިން ކޮށްދޭ ކަމެއް ނޫން!

ޕެންޝަން ފަންޑުން ހައްޖަށް ދެވޭނެ މަގު ފަހިކޮށްދިނުމަކީ ސަރުކާރުގެ ވެލްފެއާއިން ކޮށްދޭ ކަމެއްގެ ގޮތުގައި މަޖިލީހުގެ ބައެއް މެންބަރުން މިއަދު ފާހަގަކުރި ނަމަވެސް އެއީ އެއްވެސް ޙާލެއްގައި ސަރުކާރުގެ ވެލްފެއާއިން ކޮށްދޭ ކަމެއް ނޫނެވެ. އެ ފަންޑޫގައި ހުރީ ސަރުކާރުގެ ފައިސާ ނޫން ކަމަށްވެފައި ރައްޔިތު މީހާގެ އަމިއްލަ ފައިސާ ކަމުގައިވާތީއެވެ.

 

ރާއްޖޭގައި ވަޒީފާ އަދާ ކުރާ މީހުންގެ އަތުން ޕެންޝަން ފަންޑަށް އުނިކުރަނީވެސް އެމީހެއްގެ ހުއްދަ އާއި ލައިގެނެއް ނޫނެވެ. ވަޒީފާ އަދާ ނުކުރާ މީހުންނަށް ދައުލަތުގެ ފައިސާ އިން އުމުރުން ދުވަސްވުމުން ޕެންޝަން އެލަވަންސް ދެމުން ވަޒީފާ އަދާކުރާ މީހުންގެ މުސާރައިން ޕެންޝަނަށް ދޭނެ ފައިސާ އުނިކުރުމަކީ ވަޒީފާ އަދާކުރާ ގިނަ ބައަކު ރުހޭ ކަމެއް ނޫން ކަމަށް އެމީހުން ދަނީ ބުނަމުންނެވެ.

 

ގިނަ ބައަކު ބުނަނީ މަޖިލީހުން ޤާނޫނެއް ހަދައި އެމީހުންގެ މުސާރައިން އުނިކުރަނީ އެމީހުންގެ ރުހުމާއިލައިގެން ނޫން ކަމަށެވެ. ވަޒީފާގައި ދެމިހުރެވޭނެ އިތުރު ގޮތެއް ނެތުމުން ޝުކުރުކޮށްގެން ތިބެނީކަމަށެވެ. "އެއްވެސް ފައިސާއެއް ޕެންޝަން ފަންޑަށް ޖަމާ ނުކުރި ނަމަވެސް މަހަކު 5000 ރުފިޔާ އެބަދޭ. ދެން ކީއްކުރަންތޯ އަޅުގަނޑުމެންނަށް ޕެންޝަން އެލަވަންސް ދޭން އަޅުގަނޑުމެން ބުރަ މަސަކަތްކޮށްގެން ހޯދާ މުސާރައިން އުނިކުރަންވީ؟ ކޮބައިތޯ އިންޞާފު؟" މިއީ ވެސް ބައެއް މުވައްޒިފުންގެ ޝުޢޫރު ތަކެވެ.

 

ގިނަ މުވައްޒިފުން އެދެނީ އެމީހުންނަށް ލިބޭ މުސާރައަކީ ވަރަށް ކުޑަ ކުޑަ މުސާރައަކަށްވާއިރު ޕެންޝަން ފަންޑުގައި ބައިވެރިވުމާއި ނުވުމުގެ އިޚްތިޔާރު މުވައްޒިފުންނަށް ދިނުމަށެވެ. އެކަން މަޖުބޫރު ނުކުރުމަށެވެ. "ބައްލަވަ އުމުރުން ދުވަސްވުމުން ދޭ ޕެންޝަން ދޭން ކީއްވެގެންތޯ އަޅުގަނޑުމެންގެ މުސާރައިން އުނިކުރަން ޖެހެނީ؟ އެއްވެސް ފައިސާއެއް ނުދައްކާ މީހުންނަށް ވެސް އިނާޔަތްދޭއިރު. އަޅުގަނޑުމެންނަކީ ދިވެހި ރައްޔިތުން ނޫނީތޯ؟"

 

 

ޤާނޫނެއް ހަދައި މުވައްޒިފުންގެ ރުހުމާއި ނުލައި އެމީހުންގެ މުސާރައިން އުނިކުރުމަކީ ދީނީ ގޮތުންވެސް ސުވާލު އުފައްދަމުންދާ ކަމެކެވެ.

 

މިއަދު އޮންލައިން