މާޅޮސްމަޑުލު ދެކުނުބުރީ ފުޅަދޫ ކައުންސިލަރުންނާއި އެރަށުގެ މުއައްސަސާ ތަކުގެ އިސް ބޭފުޅުންނާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.
ފުޅަދޫ ކައުންސިލު އިދާރާގައި މިއަދު ބޭއްވި މިބައްދަލުވުމުގައި ކައުންސިލަރުންނާއި މުއައްސަސާތަކުގެ ވެރިން ވަނީ އެރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަމާއި ރައްޔިތުންގެ ޝަކުވާތައް ހުރި ކަންކަމާއި ރަށުގެ ތަރައްޤީއަށް ހުރި ގޮންޖެހުންތަކާބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. އެގޮތުން ރަނގަޅުފެންވަރުގެ ބަނދަރެއްނެތުމާއި ނަރުދަމާއާއި ކަރަންޓުގެ ހުރި ދަތިތަކާއި ޞިއްހީ ދާއިރާއިން ހުރި ބައެއް މައްސަލަތައް ކައުންސިލަރުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ފެރީގެ ޚިދުމަތް މިހާރަށްވުރެ ހަރުދަނާ ކުރުމާބެހޭގޮތުންނާއި ކުނީގެ މައްސަލަ ހައްލުކުރުމުގައި ހުރި ގޮންޖެހުންތަކާ ބެހޭ މައުލޫމާތު ކައުންސިލަރުންނާ މުއައްސަސާތަކުގެ ވެރިން ރައީސްއާ ޙިއްޞާކުރެއްވިއެވެ.
މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ފުޅަދޫ ކައުންސިލާއި މުއައްސަސާތަކުގެ ވެރިން އެދިވަޑައިގެންފައިވާ ކަންކަމުގެ ތެރެއިން ބަޖެޓުގައި ހިމެނިފައިވާ މަޝްރޫޢުތަކުގެ އެންމެފަހުގެ މަޢުލޫމާތުތައް ކައުންސިލަރުންނާ ޙިއްޞާކުރެއްވިއެވެ. އަދި ކައުންސިލުން ހުށަހެޅުއްވި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.