ހަދަމުން އަންނަ ރިޒޯޓްތައް ނިމޭއިރަށް ސަރަޙައްދީ އެއަރޕޯޓްތައް ހުޅުވުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން: ރައީސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 13ސ
ހަދަމުން އަންނަ ރިޒޯޓްތައް ނިމޭއިރަށް ސަރަޙައްދީ އެއަރޕޯޓްތައް ހުޅުވުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން: ރައީސް

މިހާރު ހަދަމުން އަންނަ ރިޒޯޓްތައް ނިމެންވާއިރަށް، ސަރަޙައްދީ އެއަރޕޯޓްތައް ހުޅުވުމަށްވެސް، ސަރުކާރުން މި އަންނަނީ މަސައްކަތް ކުރަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.  

އެމަނިކުފާނު މިމޭރުމުން ވިދާޅުވީ [ޖަޒީރާ ރާއްޖެ – މަގޭ ރާއްޖެ] އިފްތިތތާޙް ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. 

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރަމުންދާ މިންވަރާއި ގާތަށްވެސް، ވައިގެ ބަނދަރު ތަރައްޤީވެފައި ނެތުމަކީ ވަރަށްބޮޑު ގޮންޖެހުމެއް ކަމަށާއި އެކަން ޙައްލުކުރުމަށްޓަކައި، ހުޅުލޭ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް މިހާރު ވާނީ ވަރަށް ބޮޑަށް ހަލުވިކުރެވިފައި ކަމަށެވެ.  

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ސަރުކާރަށް މިވީ ކުރު މުއްދަތުގެ ތެރޭގައި، ފަތުރުވެރިކަމަށް ހެޔޮ ބަދަލުތަކެއް އައި ފަދައިން، ރައްޔިތުންނަށްވެސް ވަރަށްބޮޑު  ކުރިއެރުންތަކެއް ލިބިއްޖެ ކަމަށެވެ. އަދި އެންމެބޮޑު ކުރިއެރުމަކީ، އެއްވެސް ރައްޔިތެއްގެ ޙައްޤެއް، ސަރުކާރުން ނިގުޅައިނުގަންނާނެ ކަމުގެ ޔަޤީންކަން ލިބުން ކަމަށާއި އަޅުގަނޑުމެން މިއަދު މި އިޙްސާސްކުރާ ހަމަޖެހުމާއި އަމާންކަމުގެ ސިއްރަކީ އެއީ ކަމަށެވެ.  

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވާހަކަފުޅުން:

މި ސަރުކާރު ފެށުނު ފަހުން، ދައުލަތުގެ މާލީ ހިސާބުތައް، އަޅުގަނޑުމެން މި އަންނަނީ މަހަކު އެއްފަހަރު ޢާންމު ކުރަމުން. ދައުލަތަށް ލިބޭ އާމްދަނީއާއި، ކުރެވޭ ޚަރަދުތައް، ރައްޔިތުންނަށް މިހާރު ދާނީ އޮޅުންފިލަމުން. ސަރުކާރުން ހިންގާ މަޝްރޫޢުތައް، ރައްޔިތުންނަށް ހާމަވެ، ހެޔޮ ވެރިކަމެއްގެ އިޙްސާސް މިހާރު ކުރެވޭނެ. އަޅުގަނޑުމެން ދައުލަތް ހިންގުމާ ޙަވާލުވިއިރު، ފަތުރުވެރިކަމުން ދައުލަތަށް ލިބުނު ފައިސާތައް، ވަކި ބަޔަކު ދިޔައީ ނާޖާއިޒު ގޮތުގައި ބޭނުންކުރަމުން. ފަތުރުވެރިކަމަށް އިންވެސްޓް ކުރި އަނެއްބައަކު ތިބީ، ސަރުކާރުން ކުރި ޖޫރިމަނާތަކާހެދި ދަރަނިވެރިވެ، ގޮތް ހުސްވެފައި. ރިޒޯޓް ހަދަން ދޫކުރި 70 ވަރަކަށް ރަށް، ނުނިމި އޮންނަތާ އެތައް އަހަރެއް ވެއްޖެ.

އަޅުގަނޑުމެންނަށް މިވަގުތަށް މުހިންމީ، ބައަކު ކުށްވެރިކޮށް ޖޫރިމަނާ ކުރުމެއް ނޫން. ދެވެން އޮތް ލުޔެއް ދީގެންވިޔަސް، ވީހާ އަވަހަކަށް އެ ރަށްތައް ހުޅުވޭނެގޮތްވުން މާ މުހިންމު. ފަތުރުވެރިކަން ކުރިއެރުވޭނީ، މި ޞިނާޢަތުގައި ޙަރަކާތްތެރިވާ ވިޔަފާރިވެރިންނަށް، މިހާރު ދިމާވާ ދަތިތައް ޙައްލުކޮށްދީ، ލުއި ގޮތްތައް ހޯދައިދީގެން. އަޅުގަނޑުގެ އަމާޒަކީ ސަރުކާރާއި، ފަތުރުވެރި ވިޔަފާރިވެރިން ގުޅިގެން، މިކަންކަން ޙައްލުކޮށް މި ޞިނާޢަތު ކުރިއެރުވުން.

މިއަދު އޮންލައިން