ސަރުކާރުގެ 5 އަހަރުގެ ތެރޭގައި، ހަމައެކަނި ފަތުރުވެރިކަމުގެ ދާއިރާއިން އެކަނިވެސް، 35000 އަށްވުރެ ގިނަ ވަޒީފާ އުފެދިގެންދާނެ ކަމަށާއި ނަމަވެސް އެ ވަޒީފާތަކުން ދިވެހިންނަށް މަންފާއެއް ކުރާނީ، އެ ވަޒީފާތަކަށް ޤާބިލް ދިވެހިންތަކެއް ތަމްރީނުކޮށް، މި ޞިނާޢަތަށް އަހުލުވެރި ކުރެވިގެން ކަމަށާއި އެއީ ފަތުރުވެރިކަމާ ގުޅޭ އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމުގެ ވަރަށް މުހިންމު މަސައްކަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިމޭރުމުން ވިދާޅުވީ [ޖަޒީރާ ރާއްޖެ – މަގޭ ރާއްޖެ] އިފްތިތތާޙް ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލީޙް ވިދާޅުވީ ފަތުރުވެރިކަމުގެ ފަސްވަނަ މާސްޓަރ ޕްލޭން އެކަށައެޅޭއިރު، ހުރިހާ އަތޮޅަކަށް ބެހިފައިވާ، ދެމެހެއްޓެނިވި ފަތުރުވެރިކަމަކަށް، މި ޞިނާޢަތުގެ މިސްރާބު ބަދަލުވެގެންދާނެ ކަމަށެވެ. ބޮޑު ތިލަދުންމަތިން ފެށިގެން އައްޑުއަށް ފަތުރުވެރިކަން ފުޅާވެގެންދާއިރު، ވަކިވަކި ފަރުދުންގެ ޖީބަށް ވަންނަ ޑޮލަރު، ވަރަށް ބޮޑަށް އިތުރުވެ، ޢާއިލާތަކަށް އުފާވެރިކަން ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލީޙް ވިދާޅުވީ ފ އިތުރު ރިޒޯޓްތަކާއި ގެސްޓްހައުސްތައް ހުޅުވެމުންދާއިރު، ބައިނަލްއަޤްވާމީ ބާޒާރުގައި ރާއްޖެ އިޝްތިހާރު ކުރުމަށްވެސް، ސަރުކާރުން އަންނަނީ ޚާއްޞަ މަސައްކަތްތަކެއް ކުރަމުން ކަމަށާއި އެކަމަށްޓަކައި ބޮޑު ބަޖެޓެއް ކަނޑައަޅައި، ކަމާއިގުޅޭ މުއައްސަސާތައް ގުޅިގެން، މިހާރުވެސް އަންނަނީ މަސައްކަތް ކުރަމުން ކަމަށެވެ.