މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މިއަދާއި ހަމައަށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އިންވެސްޓްކުރަން ބޭރުގެ 28 ހުށަހެޅުމެއް ސަރުކާރަށް ލިބިފައިވާ ކަމަށާއި އެއިގެ ތެރެއިން 23 އިންވެސްޓްމެންޓަކަށް ހުއްދަ ދޭން ސަރުކާރުން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިމޭރުމުން ވިދާޅުވީ [ޖަޒީރާ ރާއްޖެ – މަގޭ ރާއްޖެ] އިފްތިތތާޙް ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ އެއިގެ ތެރެއިން 17 އިންވެސްޓްމެންޓެއް މިހާރު ސަރުކާރުން ވާނީ ރަޖިސްޓްރީ ކޮށްދީފައި ކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ދުނިޔޭގެ 13 ޤައުމަކުން ރާއްޖޭގައި އިންވެސްޓް ކޮށްފި ކަމަށާއި މިއީ ރާއްޖޭގައި ޤާނޫނުގެ ވެރިކަން ނަގަހައްޓައި، ޞުލްޙަޔާއި ހަމަޖެހުން ޤާއިމުވުމުގެ ނަތީޖާ ކަމަށެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވާހަކަފުޅުން:
ހަމައެއާއެކު، ބޭރުގެ އިންވެސްޓަރުންގެ މެދުގައި މިހާރު ވަނީ ރާއްޖެއާމެދު އިތުބާރާއި ޔަޤީންކަން އުފެދިފައި. ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓް ކުރުމަށް، މި އަހަރުގެ ޖަނަވަރީން ފެށިގެން މިއަދާ ހަމައަށް، ބޭރުގެ 28 ހުށަހެޅުމެއް ސަރުކާރަށް ލިބިފައި އެބައޮތް.
އެހެންކަމުން ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި، ތަރައްޤީ ކުރުމުގެ ބުރަ އުފުއްލަވާ ހުރިހާ ބޭފުޅުން އެ ކުރައްވާ މަސައްކަތުގެ އަގު ވަޒަންކޮށް، ޝުކުރު ދަންނަވަން. އަދި މި ދާއިރާގައި ޙަރަކާތްތެރިވާ ހުރިހާ ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކުބާދީ ދަންނަވަން.
ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި، ރާއްޖޭގެ ފަތުރުވެރިކަން މިހާރު ވަނީ، ވަރަށް މަތީ މަޤާމެއް ޙާޞިލުކޮށްފައި. އެކަމުގެ ހުރިހާ ފަޚުރަކާއި ޝަރަފެއްގެ ޙައްޤުވެރީންނަކީ، މި ޞިނާޢަތު ކޮޅަށް ޖެހުމުގައި، އެކި މަރުޙަލާތަކުގައި މަސައްކަތްކުރި ހުނަރުވެރި ދިވެހިން. ޖަޒީރާވަންތަ ފަތުރުވެރިކަމުގެ ނަމޫނާއެއްގެ ގޮތުގައި ދުނިޔެ ބަލައިގެންފައިވަނީ، އަޅުގަނޑުމެން ދިވެހީންގެ އަމިއްލަ އުފެއްދުމެއް.
މިއީ ހަމަގައިމުވެސް އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ފަޚުރެއް. މި ޞިނާޢަތުގައި 40 އަހަރަށްވުރެ ގިނަ އަހަރުވީ ދިވެހީން އެބަތިބި. އެމީހުންގެ މުޅި ދިރިއުޅުން ޤުރްބާންކުރީ ފަތުރުވެރިކަން ދިރުވައި އާލާކުރުމުގައި. ނަމަވެސް ރާއްޖޭގެ ފަތުރުވެރިކަން، ދުނިޔޭގެ ފެންވަރުގެ ވިޔަފާރި މަރުކާއަކަށް ހަދައިދިން މީހުންގެ އަގު، ފުރިހަމައަށް ވަޒަންނުކުރެވޭކަން، އަޅުގަނޑު ހިތާމައާއެކު ފާހަގަކުރަން.