މި ސަރުކާރުގެ ފަތުރުވެރިކަމުގެ ސިޔާސަތުގެ ނާރެހަކީ، ސީދާ ރައްޔިތު މީހާގެ ޖީބު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިމޭރުމުން ވިދާޅުވީ [ޖަޒީރާ ރާއްޖެ – މަގޭ ރާއްޖެ] އިފްތިތތާޙް ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙއްމަދު ޞާލިޙްގެ ވާހަކަފުޅުން:
ދެމެހެއްޓެނިވި ގޮތެއްގައި މި ދާއިރާ ތަރައްޤީ ކުރެވޭނީ، ފަތުރުވެރި ދިވެހި މުވައްޒަފުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް އަޑުއަހައިގެން. އެމީހުންގެ އެންމެ ބޮޑު ޝަކުވާއަކީ، މަޤާމުގެ ނިސްބަތުން ބަލާއިރު، ބިދޭސީންނާއި ދިވެހިންނާ ދެމެދު، ބައެއް ރިޒޯޓްތަކުގައި މުސާރައިގެ ތަފާތުކުރުން ގެންގުޅުން. އަނެއްކަމަކީ، ފަތުވެރިކަމުގެ މަތީ ވަޒީފާތައް، ދިވެހީންނަށް ލިބުން މަދުވުން.
ކޮންމެ ދާއިރާއެއްގައި މަސައްކަތް ކުރިޔަސް، އެންމެންގެވެސް ކަންބޮޑުވުން މި އުފެދެނީ، ޖީބަށް ވަންނަ މިންވަރާ ގުޅިގެން. ދުނިޔޭގެ ފަތުރުވެރިކަމާބެހޭ ޖަމުޢިއްޔާއިން މި އަހަރަށް ކަނޑައެޅި ޝިޢާރުވެސް އަމާޒުކޮށްފައިވަނީ، މި ދެންނެވި ކަންބޮޑުވުންތައް ޙައްލުކުރުމަށް ވިސްނައިގެން. އެ ޝިޢާރަކީ؛ "ފަތުރުވެރިކަމާއި ވަޒީފާތައް: ބާއްޖަވެރި ކުރިމަގެއް އެންމެންނަށް."
އަޅުގަނޑުމެން އަބަދުވެސް މި ބުނަނީ، މުޖްތަމަޢުގެ ތިޔާގިކަން އިތުރުވެގެންދާނީ، ވަކިވަކި ފަރުދުންގެ ޖީބަށް އެނގުން ވެގެންނޭ. ޢާއިލާތަކަށް އުފާވެރިކަން ލިބޭނީ، ފަތުރުވެރި މުވައްޒަފުންނަށް ލިބޭ އެއްޗެއް އިތުރުކުރެވިގެންނޭ. އެހެންވީމާ، މި ސަރުކާރުގެ ފަތުރުވެރިކަމުގެ ސިޔާސަތުގެ ނާރެހަކީ، ސީދާ ރައްޔިތު މީހާގެ ޖީބު.
މި ރާއްޖޭގައި މަދުން ނަމަވެސް، ސަޤާފީ އަދި އާސާރީ ބިނާތައް އެބަހުރި. ދިވެހީންގެ ސަޤާފީ އެތައް ކުޅިވަރުތަކެއް އެބަހުރި. ދިވެހީންގެ ފަންނީ ހުނަރުތަކާއި، ޚާއްޞަ މަސައްކަތްތައް އެބަހުރި. ފަތުރުވެރިކަމުގެ ޞިނާޢަތާ ލާމެހިގެންދާނެ ގޮތަކަށް، އެކަންކަން ދިރުވައި އާލާކުރެވިއްޖެނަމަ، ފަތުރުވެރިކަމުގެ ޞިނާޢަތުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުވެ، ރައްޔިތުން ބާރުވެރިވެގެންދާނެ.
މުޅި ރާއްޖެއަށް ބަލާއިރު، ފަތުރުވެރިކަމުގައިވެސް، މި ރާއްޖޭގެ ބޭނުންކުރެވޭ ބަޔަށްވުރެ، ނުކުރެވޭ ބައި އަދިވެސް މާ ބޮޑު. ރާއްޖޭގެ ކަނޑޫފާތަކާއި، ކުޅިތަކާއި ޗަސްބިންފަދަ ތަންތަނަކީ، މި ރާއްޖޭގެ ޤުދްރަތީ ތަރިކަ. އެފަދަ ތަންތަން ސަރުކާރުން ޙިމާޔަތް ކުރާނީ، އެތަންތަނުން ލިބެން އޮތް އެންމެ ބޮޑު މަންފާއެއްވެސް ލިބޭނެގޮތަށް ބަލައިގެން.