މެލޭޝިއާގެ ޔޫސީއެސްއައި ޔުނިވާސިޓީގެ 21 ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ.
މި 21 ސްކޮލާޝިޕް ގެ ތެރޭގައި ހިމެނެނީ 14 ބެޗްލާސް ޑިގްރީ އާއި ފަސް މާސްޓަސް ޑިގްރީ އަދި ދެ ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ ބެޗްލާސް ޑިގްރީ ކޯސްތަކަށް ހުށަހަޅާ ދަރިވަރުންގެ ތެރެއިން އެންމެ މަތީ ޕޮއިންޓް ލިބޭ އެއް ދަރިވަރަކަށް މުޅި ކޯސް ފީ ހިލޭ ވާނެ ކަމަށާއި ބެޗެލަރސް ޑިގްރީ، މާސްޓަރސް ޑިގްރީ އަދި ޕީއެޗްޑީ ކޯސްތަކަށް ހޮވޭ ދަރިވަރުންގެ 25 އިންސައްތަ ކޯސް ފީ ހިލޭ ވާނެ ކަމަށެވެ. އެހެންކަމުން ކޯހުގެ ބާކީ ހަރަދުތައް ހަމަޖައްސަން ޖެހޭނީ އަމިއްލައަށެވެ.
ސްކޮލާޝޮޕްގެ ޝަރުތުތަކުގެ ތެރޭގައި ޖީސީއީ އޯލެވެލް އާއި އައިޖީސީއެސްސީ އަދި އެސްއެސްސީ އިމްތިހާނުގެ ފަސް މާއްދާއިން "ސީ" އަށް ވުރެ މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން ހިމެނެއެވެ. އަދި އިއުލާނާއެކު ވެބްސައިޓްގައި އަޕްލޯޑްކުރެވިފައިވާ ކޯސްތަކަށް ޔޫސީއެސްއައި ޔުނިވަރސިޓީއިން، ކަނޑައަޅާފައިވާ ޝަރުތު ފުރިހަމަވާން ވެސް ޖެހެއެވެ.
މިސްކޮލާޝިޕަށް ހޮވޭ ފަރާތްތަކުގެ ކޯސްތައް ފެށުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. ސްކޮލާޝިޕްތަކަށް އެދުމުގެ ފުރުސަތު ހަމަވާނީ އަންނަ މަހުގެ 6 އަންގާރަ ދުވަހުގެ 13:30 ގައެވެ. އެޕްލިކޭޝަން ފޯމާއެކު ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ ހުށަހަޅަން ޖެހޭއިރު އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ https://myedu.egov.mv/ ޕޯޓަލް މެދުވެރިކޮށެވެ.