މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ ޕްރޮގްރާމްތައް، ރައީސްގެ ދެކަނބަލުން ބައްލަވާލައްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ ޕްރޮގްރާމްތައް، ރައީސްގެ ދެކަނބަލުން ބައްލަވާލައްވައިފި

ދިވެހިރާއްޖޭގެ މިނިވަންކަމުގެ 54 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ މުނާސަބަތުގައި މިރޭ ރަސްމީ ދަނޑުގައި ބޭއްވެވި ހެވިކަމާއި، ޝަރަފްގެ ހިނގާލުމާއި، ކުޅިވަރުގެ ޕްރޮގްރާމްތައް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައްލަވާލައްވައިފިއެވެ. މި ރަސްމިއްޔާތަށް، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރަސްމީ ދަނޑަށް ވަޑައިގަތުމުން، އެދެކަނބަލުންނާ އިސްތިޤްބާލު ކުރެއްވީ، މިނިސްޓަރ އޮފް ހޯމްއެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ އެވެ.

މިރޭ ބޭއްވި ކުޅިވަރު ހަރަކާތްތައް ބައްލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަޞީމާއި އެމަނިކުފާނުގެ އަނބިކަނބަލުން ޢާއިޝަތު ޝަމްޞަދާ ވެސް ރަސްމީ ދަނޑަށް ވަޑައިގެންނެވިއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރަސްމީ ދަނޑަށް ވަޑައިގަތުމާއެކު، އެ ދެކަނބަލުންނަށް ރިޔާސީ ކުރުނީހެއް އެރުވިއެވެ. އަދި ސިފައިންނާއި ސްކޫލްތަކުގެ އެއްކޮށްލެވިފައިވާ ބޭންޑްގައި ޤައުމީ ސަލާން ކުޅުނެވެ. އޭގެފަހުން، ކުރިއަށްދިޔަ ދިވެހި ސިފައިންގެ ލަޝްކަރިންނާއި ސްކޫލްތަކުގެ އެއްކޮށްލެވިފައިވާ ހެވިކަމުގެ ލަޝްކަރުގެ ޝަރަފުގެ ހިނގާލުމުގައިވެސް ރައީސުލްޖުމްހޫރިއްޔާއަށް ރިޔާސީ ކުރުނީހެއް އެރުވިއެވެ.

މިރޭ ހުށަހަޅައިދިން ކުޅިވަރުގެ ޕްރޮގްރާމްތަކުގައި ބައިވެރިވެފައިވަނީ ފަލާހު ޕްރީ ސްކޫލް، ދަރުމަވަންތަ ސްކޫލް، މުހްޔިއްދީން ސްކޫލް، އިސްކަންދަރު ސްކޫލް، ރެހެންދި ސްކޫލް، އަދި ވިލާ އިންޓަރނޭޝަނަލް ހައިސްކޫލް އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއެވެ.

މިއަދު އޮންލައިން