ހުކުރު ދުވަސް ނިމިގެންދާއިރު ފަޤީރަކަށް ޞަދަޤާތް ނުކުރެވުނު މީހާ އަނބިދަރިންނަށް ނަމަވެސް ޞަދަޤާތެއް ކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ހުކުރު ދުވަސް ނިމިގެންދާއިރު ފަޤީރަކަށް ޞަދަޤާތް ނުކުރެވުނު މީހާ އަނބިދަރިންނަށް ނަމަވެސް ޞަދަޤާތެއް ކުރާށެވެ!

މިއަދަކީވެސް ހުކުރު ދުވަހެކެވެ. ހަފްތާގެ ދުވަސްތަކުގެ ތެރެއިން އެންމެ ބަރަކާތްތެރި ދުވަހެވެ. އިރު އަރައި އޮއްސިގެން ދިއައީއެވެ. ނިކަން ބުނެބަލާށެވެ! އެންމެ ޞަދަޤާތެއްވެސް ކުރިން ހެއްޔެވެ؟ 

ބައެއް މީހުން ބުނާ ގޮތުން ފަޤީރުން ހޯދައިގެން ޞަދަޤާތްކުރަން އެމީހުންނަށް ވަގުތު ނުވަނީއެވެ. ހުކުރު ދުވަހަކީ ތަފާތު ކަންކަމުގައި އުޅެންޖެހޭ ދުވަހަކަށްވާތީއެވެ. ޢާއިލީ ޒިންމާތައް އަދާކުރުމުގައި އުޅެން ހަދައިގެންނެވެ. އެފަދަ މީހުން ތިމާގެ އަނބިދަރިންނަށް ނަމަވެސް ޞަދަޤާތެއް ކުރާށެވެ! 

ހުކުރު ދުވަހަކީ ޢާންމު ގޮތެއްގައި ގިނަ ބައްޕައިންނަށް ދަރިންނާއިއެކު މެންދުރު ކެއުމުގެ ފުރުޞަތު ލިބޭ ހަމައެކަނި ދުވަހެވެ. އެހެންކަމުން ގިނަ ޢާއިލާތަކުން އެމީހެއްގެ ކިބައިގައި ތަނަވަސްކަން ހުންނަ މިންވަރަކުން ކޮންމެ މީހަކުވެސް ހުކުރު ދުވަހުގެ ކެއުން ރަނގަޅުކުރާނެއެވެ. ލިބުނު މޮޅުތަކެތި ކާނެއެވެ! ހަވީރުގެ ވަގުތުތަކުގެ ޢާއިލާ ގޮވައިގެން ރެސްޓޯރަންޓްތަކަށްވެސް ދާނެއެވެ. މިކަންކަމަކީ ކުރުިން ހަމަ ވަރަށް ރަނގަޅު ކަންކަމެވެ. 

ވިސްނައިލަންވީ މިފަދަ ދުވަހު ވެސް ކެއުންބުއިމަށް ދަތިވެފައި އަވަށްޓެރިއަކުވެސް ހުރެދާނެ ކަމާއިމެދުގައެވެ. ކޮންމެ އަވަށްޓެރިއަކީ ނުކައި ހުރި ނަމަވެސް އައިސް ސަލާންޖަހާނެ މީހެއް ނޫނެވެ. އަދި ޞަދަޤާތް ދިނުމުގައި އެންމެ ރަނގަޅު ގޮތަކީވެސް އެމީހަކު އަމިއްލައަށް އިސްވެ ކަންކަން ބަލައި ޞަދަޤާތްކުރުމެވެ. 

މީގެ އިތުރުން އެތައް ބައަކު ވަރަށް ނިކަމެތި ހާލުގައި ވެސް ދިރިއުޅެމުންދާކަން އަބަދުވެސް ހަނދާންކުރަންވާނެއެވެ!  އެކަމަށް ވިސްނައި ކުރަންވީ ކަމަކީ އެމީހެއްގެ ކިބައިގައި ތަނަވަސްކަން ހުރި މިންވަރަކުން އެންމެ މީހަކަށް ނަމަވެސް ޞަދަޤާތެއް ކޮށްލުމެވެ. ކިތަންމެ ކުޑަމިންވަރަކުން ނަމަވެސް މެއެވެ.   

މީސްތަކުންނޭވެ! ތަނަވަސްކަން ހުރެމެ އެމީހެއްގެ މިންވަރުން ހުކުރު ދުވަސް ނިމިގެންދާއިރު ކޮންމެވެސް މިންވަރެއް ޞަދަޤާތް ނުކުރި މީހާއަކީ އެ ހުކުރުގައި ބާކީވި މީހެކެވެ. އެއިގެ މާނައަކީ އެމީހާއަށް ތަނަވަސްކަން ދެއްވެވި ﷲ ތަޢާލާގެ އެންގެވުން އެމީހާ ހަނދާން ނެތް ކަމެވެ. ނިކަމެތިން ދުނިޔޭގައި ތިބިކަންވެސް ހަނދާން ނެތްކަމެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ހުކުރު ދުވަހަކީ އެންމެ މާތް ދުވަހެވެ. އެކަމުގެ ވާހަކަތައް އަބަދު ދެކެވޭތީ މިވަގުތު ތަކުރާރުކުރާކަށް ނެތީމެވެ. އެންމެ މާތް ދުވަސް ނިމިގެންދާއިރު ބަލަންވީ ވީހައި ގިނަ ހެޔޮ އަމަލުތައް ކުރެވޭތޯއެވެ! އެގޮތުން ބަލާއިރު ޞަދަޤާތަކީ އެންމެ ހެޔޮ އެއް ޢަމަލެވެ. ވީމާ މިހަފްތާގައި އެކަމަށް ސަމާލުކކަން ނުދެވުނު މީހުން އަންނަ ހަފްތާގައި ސަމާލުކްނަ ދޭނެ ކަމަށް އުންމީދުކުރަމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން