މިނިވަންކަމަކީ އެއްވެސް މީހެއްގެ ކިބައިން، ހިނދުކޮޅަކަށް ވެސް ނިގުޅައިގަނެވިގެން ނުވާނެ، އިންސާނީ ޝަރަފެއް: ރައީސް ޞާލިޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 2ސ
މިނިވަންކަމަކީ އެއްވެސް މީހެއްގެ ކިބައިން، ހިނދުކޮޅަކަށް ވެސް ނިގުޅައިގަނެވިގެން ނުވާނެ، އިންސާނީ ޝަރަފެއް: ރައީސް ޞާލިޙް

މިނިވަންކަމަކީ ކޮންމެ މީހަކު އުފަންވާ ހިނދުން ފެށިގެން، ކޮންމެ މީހަކާ އެކުގައިވާ، އަދި އެއްވެސް މީހެއްގެ ކިބައިން، ހިނދުކޮޅަކަށް ވެސް ނިގުޅައިގަނެވިގެން ނުވާނެ، އިންސާނީ ޝަރަފެއް ކަމަށާއި، ޤައުމެއްގެ ކީރިތިކަމާއި މޫރިތިކަން ބިނާވެފައިވަނީ، އެ ޤައުމެއްގެ ވަކިވަކި ފަރުދުންނަށް މިނިވަންކަން އިޙްސާސްކުރެވޭ މިންވަރެއްގެ މައްޗަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިމޭރުމުން ވިދާޅުވީ މިއަދު ރާއްޖޭގައި ފާހަގަކުރަމުންދާ ރާއްޖޭގެ 54 ފުރޭ ދުވަހުގެ މުނާސަބަތުގައި ދިވެހި ޤައުމާ މުޚާތަބްކުރައްވައި މިއަދު ހެނދުނު ދެއްވި ޚީޠާބުގައި ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތަކާއި، އެ ޙައްޤުތަކާ ގުޅިފައިވާ މިނިވަންކަމުން ރައްޔިތުން މަޙްރޫމުވާ އެންމެ ހިނދުކޮޅެއްވެސް، މި ޤައުމަށް ކުރިމަތިވެގެންވާނެ ކަމަކަށް ޤަބޫލުފުޅު ނުކުރައްވާ ކަމުގައި ވިދާޅުވެ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މިނިވަންކަމަކީ ކޮންމެ މީހެއްގެވެސް، އިންސާނީވަންތަކަން ރަމްޒުކޮށްދޭ، އެންމެ މަތިވެރި ސިފަކަމަށާއި، އެއީ އިންސާނީ ޙައްޤުތަކުގެ ތެރެއިން އެންމެ މަތީ ދަރަޖައިގެ ޙައްޤުކަމަށެވެ. މިނިވަން ދުވަހުގެ އުފާވެރި އިޙްސާސްތަކާ ބައްދަލުކުރާ އިރު، އިއްޔެ އަޅުގަނޑުމެންނަށް މިނިވަންކަން ލިބިފައި އޮތް މިންވަރާއި، މިއަދު އެ މިނިވަންކަމުގެ ބޭނުން ހިފަމުންދާ ގޮތާއި، މާދަމާ އެ މިނިވަންކަން އޮންނާން އެދޭ ގޮތާ މެދު ވިސްނައިލުމަކީ، ވަރަށް މުހިންމު ކަމެއް ކަމުގައެވެ.

"ފުރިހަމަ މިނިވަންކަމެއް އިޙްސާސް ކުރެވޭނީ، އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާއާއި، ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ ހިޔާވަހިކަމުގެ ދަށުގައި ތިބެ، ޙާޞިލްކުރަން އެދޭ ކޮންމެ ކަމެއް ޙަޤީޤަތަކަށް ހެދޭނެ ކަމުގެ ޔަޤީންކަން ލިބިގެންވާ މާޙައުލެއް، މިރާއްޖޭގައި އުފެދިގެން. އެފަދަ މާޙައުލެއް އުފެއްދުމަކީ، އަޅުގަނޑުމެން އެންމެންގެ މަސްއޫލިއްޔަތެއް. ކޮންމެ މީހެއްގެ ފަރުދީ ޒިންމާއެއް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މިނިވަންކަމުގެ މުޅިން އައު އަހަރަކާ ކުރިމަތިލާއިރު، ސަރުކާރުގެ އެންމެ އިސް ސިޔާސަތަކަށްވާނީ، މުޖްތަމަޢުގެ ހަމަޖެހުމާއި އަމާންކަން ޤާއިމްކުރުންކަމަށާއި، އުފާވެރިކަމާއެކު ދިރިއުޅޭ، ގެދޮރުވެރި، ފުދުންތެރި އަދި ފަޚުރުވެރި ޢާއިލާތަކެއް ބިނާކުރުންކަމުގައެވެ.

"ފަރުދީ މިނިވަންކަން އިޙްސާސް ކުރެވޭނީ، އެ މަޤްޞަދު ޙާޞިލްވެގެ. ރާއްޖޭގެ ކަނޑުފަޅާއި، ފަރާއި އެއްގަމާއި، ވަޔާއި ކަނޑުން ގުޅިފައިވާ، މި ބިޔަ ނޫ އިޤްތިޞާދުގެ ނަފާ، ހުރަހެއް ނެތި، ވަކިވަކި ފަރުދުންގެ ޖީބަށް ފޯރައިގެން. ރައްޔިތުންގެ ޙައްޤުތައް ފުރިހަމައަށް ޙިމާޔަތްކުރެވި، ޢަދުލު އިންޞާފު ޤާއިމުކުރެވޭނެ ކަމުގެ، އިތުބާރާއި ޔަޤީންކަން ހޯދައިދެވިގެން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެކަންކަން ޙާޞިލްކުރެވޭނީ، އަޅުގަނޑުމެން އެންމެން، އެއް ޢަޒުމެއްގައި އެކަމަށް މަސައްކަތް ކޮށްގެން ކަމަށާ އަދި ދައުލަތުގެ ހުރިހާ ބާރުތަކާއި އެންމެހައި މުއައްސަސާތަކުގެ، ޙަޤީޤީ މަޤްޞަދަކަށް ވާންޖެހޭނީވެސް، ރައްޔިތުންގެ ފަރުދީ މިނިވަންކަން ޙިމާޔަތްކޮށް ރައްކާތެރިކޮށްދިނުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ޤައުމުގެ މަޞްލަޙަތުގައި މަސައްކަތްކުރާ، ރާއްޖޭގެ ނޫސްވެރިންނާއި، ޖަމްޢިއްޔާ ޖަމާޢަތްތަކުގެވެސް، އެންމެ އިސް އަމާޒަކަށް ހަދަންޖެހޭނީ، ރައްޔިތުންގެ ފަރުދީ މިނިވަންކަމާއި ޙައްޤުތައް ޙިމާޔަތް ކޮށްދިނުންކަމުގައި ވިދާޅުވިއެވެ.

"ރާއްޖޭގެ ޚާރިޖީ އަދި ސިޔާސީ މިނިވަންކަން ދަމަހައްޓައިދޭ މޭސްތިރިންނަކީ، ރާއްޖޭގެ ލޮބުވެތި ރައްޔިތުން. އެހެންކަމުން، ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި، މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ، ރައްޔިތުން ބާރުވެރިކުރުވައި، ރައްޔިތުންގެ އަޑު އުފުލައިދިނުމަށް. އެހެންކަމުން، ރައްޔިތުންގެ ޙައްޤުތަކަށް ހުރަސްއެޅޭ ގޮތަށް ހުރި ޤާނޫނުތަކާއި އުޞޫލުތައް އުވާލައި، އެ ޙައްޤުތައް ފުރިހަމައަށް ލިބިދިނުމަށްޓަކައި، ޤާނޫނުތައް އިޞްލާޙްކުރުމުގެ މަސައްކަތް ސަރުކާރުން މިއަންނަނީ ކުރަމުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. "

ޚާރިޖީ ސިޔާސަތުގައި އަޅުގަނޑުމެންނަކީ، ޤައުމުތަކާއެކު ގުޅުން ބަދަހިކުރާ ބައެއް. ހަތުރުވެރިކަމެއް ނެތި، މިތުރުވެރިކަން އިސްކޮށް އާލާކުރާ ޤައުމެއް. ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާކޮށްފައިވާނީ، އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް، ޑިމޮކްރެސީގެ ހަމަތަކާއި އަގުތައް ނަގަހައްޓައި، މޫސުމީ ބަދަލުތަކަށާއި ތިމާވެށީގެ ޙިމާޔަތަށް އިސްކަން ދިނުމުގެ މައްޗަށް. ޤައުމުތަކާ އެކު އަޅުގަނޑުމެން ގުޅުންތައް ދަމަހައްޓަމުން ދާނީ، މި ތަ

ރަހައިގެ މަތީގައި." އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދު އޮންލައިން