ވަގުތީ މަންފާއަކަށްޓަކައި، ދިވެހި ފަސްގަނޑުގެ ކިތަންމެ ކުޑަ ތަންކޮޅެއްގެ މިލްކުވެރިކަންވެސް، ބޭރު ބައަކަށް ދޫކޮށެއް ނުލާނަން: ރައީސް ޞާލިޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ވަގުތީ މަންފާއަކަށްޓަކައި، ދިވެހި ފަސްގަނޑުގެ ކިތަންމެ ކުޑަ ތަންކޮޅެއްގެ މިލްކުވެރިކަންވެސް، ބޭރު ބައަކަށް ދޫކޮށެއް ނުލާނަން: ރައީސް ޞާލިޙް

ރާއްޖެ ތަރައްޤީކުރަން ކިތަންމެ ބޭނުންވިޔަސް، ނަމަވެސް ވަގުތީ މަންފާއަކަށްޓަކައި، މި ލޮބުވެތި ފަސްގަނޑުގެ ކިތަންމެ ކުޑަ ތަންކޮޅެއްގެ މިލްކުވެރިކަންވެސް، ބޭރު ބައަކަށް ދޫކޮށްލުމަކީ މި ސަރުކާރުން ކުރާނެ ކަމެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިކަން ހާމަކުރެއްވީ މިއަދު ރާއްޖޭގައި ފާހަގަކުރަމުންދާ ރާއްޖޭގެ 54 ފުރޭ ދުވަހުގެ މުނާސަބަތުގައި ދިވެހި ޤައުމާ މުޚާތަބްކުރައްވައި މިއަދު ހެނދުނު ދެއްވި ޚީޠާބުގައވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މުދަލާއި ފައިސާއިން އަގުކުރެވޭ ވަރަށް ވުރެ، މި ޖަޒީރާތަކުގެ ޤަދަރާއި ކަރާމާތް، ދިވެހިންގެ ކުރިމަތީގައި މާ މަތިވެރިކަމަށެވެ. "ހުޅުވައިލެވިފައިވާ ދުނިޔެއަކަށް ނޭވާލަމުންދާއިރު، ދުނިޔޭގެ ސިޔާސީ އޮއިވަރަށް ދީލާނުލައި، ޖަޒީރާވަންތަ ޤައުމެއްގެ ގޮތުގައި ރާއްޖެ ތަރައްޤީކުރުމަކީ، މިއަދު އަޅުގަނޑުގެ ކޮނޑުގައި އެޅިފައިވާ އެންމެ މަތީ ޤައުމީ ވާޖިބު." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންގެ ޙައްޤުތައް ފުރިހަމައަށް ޙިމާޔަތްކުރެވި، ޢަދުލު އިންޞާފު ޤާއިމުކުރެވޭނެ ކަމުގެ އިތުބާރާއި ޔަޤީންކަން ހޯދައިދިނުމަށް، ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާނެކަމުގެ ޔަޤީންކަންދެއްވާފައެވެ. އަދި، ސިޔާސީ މިނިވަންކަމާއި އިޤްތިޞާދީ މިނިވަންކަން ދެމެހެއްޓުމަށްޓަކައި، ޤައުމީ ތަރައްޤީގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާނެކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ދިވެހި ރައްޔިތުންނަށް އަބަދުވެސް އުފާފާގަތިކަމަށް އެދޭ ޙާލު، ތިޔަ ލޮބުވެތި ރައްޔިތުންގެ ފަރާތުން އަޅުގަނޑު އެދެނީ، ދިވެހީންގެ އަގު އުފުލައިދީ، މި ޖަޒީރާ ރާއްޖޭގެ ތަރައްޤީ އާއި ކުރިއެރުމަށް މަސައްކަތްކޮށްދެއްވުމަށް. ޢަދުލުވެރިކަމާއި ހަމަޔާއި އިންޞާފު ޤާއިމުކުރުމަށްޓަކައި، ވައްކަމާއި ރިޝްވަތާއި ކޮރަޕްޝަނާއި ފަސާދައަށް ނޫނެކޭ ބުނުމުގެ ހިތްވަރު ލިބިގަތުމަށް، ދިވެހި ކޮންމެ ރައްޔިތަކަށް އަޅުގަނޑު އިލްތިމާސް ކުރަން. މިއީ އަޅުގަނޑުމެން އެންމެންގެ ޤައުމު. މި ރާއްޖެ އިޞްލާޙްކޮށް ތަރައްޤީކުރާނީ، އަޅުގަނޑުމެން އެންމެން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދު އޮންލައިން