މިއަހަރުގެ ޙައްޖު މޫސުން ފެށުނީއެވެ. މިއަހަރުވެސް 3،4 މިލިއަން މީހުން ހައްޖަށްދާނެއެވެ. ޙައްޖުން އެނބުރި އައިސް ވަރަށް ގިނައިން އަޅުކަންވެސް ކުރާނެއެވެ. އެހެންވެ އިބިލީސް މިހާރުން ފެށިގެން މަސައްކަތްކުރަމުން ގެންދާނީ އެމީހުންގެ ޙައްޖު ނަގައިލެވޭނެ، ބޭކާރުކޮށްލެވޭނެ ގޮތްތައް ހޯދުމަށެވެ. ބޭނުންކުރާނެ އުކުޅުތައް ތައްޔާރުކުރުމަށެވެ.
އިބިލީސް އެންމެ ފުރަތަމަވެސް ހަމަލާދޭނީ އެމީހާގެ ހިތަށެވެ. އަޅުކަން ކުރަން ހުރަސް އަޅަން ކުރާ މަސައްކަތަށްވުރެ ބޮޑަށް މަސައްކަތް ކުރާނީ ހިތުގެ ތެރެއަށް ވަދެގަތުމަށެވެ. އެގޮތުން އެންމެ ގިނައިން ކުރާނެ ކަމަކީ ހިތުގެ ތެރެއަށް ވަދެގަނެ ހިތުގައި ހަސަދަވެރިކަން އުފެއްދުމެވެ.
މިވެނި މީހަކަށް މާރީތި، ދުޅަހެޔޮ ދަރިއަކު ލިބުނީތީއެވެ. މިވެނި މީހެއްގެ މުއްސަނދިކަން އިތުރުވާތީއެވެ. މިވެނި މީހަކު މާރީތި، އަގުބޮޑު ކާރެއް ގަތީތީއެވެ.
މީސްތަކުންނޭވެ! ހިތުގައި ހަސަދަވެރިކަން އުފެދުމުން ދެން ވެގެންދާނެ ގޮތް ރަސޫލް (ޞޢވ) ވަނީ ބަޔާން ކުރައްވަވައިފައެވެ. ހަސަދަވެރިކަމަކީ އަލިފާން، ދަރުތައް ކައި ހުސްކުރާ ފަދައިން އެމީހާ ކުރާ އަޅުކަން ނެތިކޮށްލާނެ އެއްޗެއް ކަމުގައި ރަސޫލް (ޞޢވ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. ވީމާ ޙައްޖުވުމަށްފަހުގައިވެސް އެމީހެއްގެ ހިތުގައި ހަސަދަވެރިކަން އުފެދިއްޖެނަމަ އެމީހާ ވެގެން އައި ޙައްޖާއި ކުރާ އަޅުކަން ދާނީ އަނދައި ހުލިވަމުންނެވެ. ނެތި ހުސްވަމުންނެވެ.
ޙައްޖު ނިންމައި އެނބުރި އަންނަ މީހުންނަށް މި ހަމަލާދޭން އިބިލީސް ހުންނާނީ ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ. ވީމާ އެކަމަށް ޙައްޖުވެރިން ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެއެވެ. ނޫންނަމަ ތިބާގެ ޙައްޖު އަނދައިލާނެއެވެ. ހިފި ރޯދަތައް އަނދައިލާނެއެވެ. ކުރި ނަމާދުތަކާއި ކުރާ ނަމާދުތަކާއި އެހެން ވެސް އަޅުކަންތައް އަނދައި ހުސްކޮށްލާނެއެވެ.
މީހަކަށް ތަނަވަސްކަން ލިބުނު ނަމަވެސް ހަސަދަވެރިނުވާށެވެ! އެއީ އެހައި މުހިންމު ކަމެއް ނޫނެވެ. ޢަރަބި ޤައުމުތަކަށް ގޮސް ކަންކަން ބަލާށެވެ! ﷲ ތަޢާލާ އިންތިހާއަށް ތަނަވަސްކަން ދެއްވެވި މީހުންނަށް މިސްކިތްތައް ހުންނަ ކަމެއް ނުއެނގެއެވެ.
ވީއިރު ލިބިފައިވާ ތަނަވަސްކަމުން ކުރާނީ ކޮންފައިދާއެއް ހެއްޔެވެ؟ ބޮޑު ތަނަވަސްކަމެއް ނުލިބުނު ނަމަވެސް އަސާސީ ބޭނުންތައް ފުދޭނަމަ އެއީ މުއްސަންޖެކެވެ. ބަރާބަރަށް ނަމާދުކޮށް އަޅުކަން ކުރާނަމަ އެއީ އެންމެ ބޮޑު މުއްސަނދި މީހާއެވެ. ވީއިރު މީހަކަށް ލިބޭ މުއްސަނދިކަމަކާއިމެދު ހަސަދަވެރިވުމުގެ އޮތީ ކޮން ބޭނުމެއް ހެއްޔެވެ؟
އެންމެހައި މީސްތަކުންނޭވެ! ޚާއްޞަކޮށް މިއަހަރު ހައްޖަށްދާ މީހުންނާއި މިހާރުވެސް ޙައްޖުވެގެން ތިބި އެންމެންނޭވެ! ޙައްޖުގެ މަތިވެރިއަޅުކަން އަދާކުރެވެނީ ކިހައި ވަރެއްގެ ޤްރުބާނީއެއް ވެގެންކަން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރާ އެންމެންނަށްވެސް ވަރަށް ރަނގަޅަށް އެނގޭނެއެވެ.
ފައިސާގެ ގޮތުން އެކަންޏެއް ނޫނެވެ. މުޅި ހަށިގަނޑުންވެސް މެއެވެ. އެކަމުގެ އަގެއްގެ ގޮތުން އެމީހާ އެނބުރި ޙައްޖުން އަންނަނީ މައިންގެ ބަނޑުން އުފަންވީ ފަދައިންނެވެ. އެއްވެސް ފާފައެއް ނެތް މީހެއްގެ ގޮތުގައެވެ.
އެފަދަ މަތިވެރި ނިޢްމަތެއް ލިބިގަތުމަށްފަހު އިބިލީހުގެ މަޅީގައި ޖެހި އެ ނިޢްމަތް އަމިއްލައަށް ނަގައިލުމަކީ އަމިއްލައަށް ލިބިގަންނަ ކޮންފަދަ ދެރަ ނިކަމެތި ކަމެއް ހެއްޔެވެ؟ ވީމާ މި ދެއްކި ވާހަކައަށް އެންމެންވެސް ސަމާލުކން ޑޭނެ ކަމަށް އުންމީދުކުރަމެވެ! --ޢަބްދުﷲ ޙާކިމް ކްއިކްގެ ދަރުސަކުން