އެއްވެސް ސިޔާސީ ލީޑަރަކު ރައްޔިތުންނަށް ދުވަހަކުވެސް ތެދެއް ނުހަދާ ކަމަށާއި ނަމަވެސް އެމަނިކުފާނު ދުވަހަކުވެސް "ދޮގެއް ނުހަދަން" ކަމަށް އެމްޑީއޭގެ ލީޑަރު، މީދޫ ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.
މިއަދުގެ ޖަލްސާގައި ޝިޔާމް ވިދާޅުވީ ދޮގު ހަދާތީ މީހަކަށް އަދަބު ދޭނަމަ ފުރަތަމަ އަދަބު ދޭން ޖެހޭނީ ސިޔާސީ ލީޑަރުންނަށް ކަމަށެވެ. "ކުދި ސޯބުތައް އެނބުރޭނީ ބޮޑު ސޯބުތައް އެނބުރޭ ގޮތަށް. އެކިއެކި މަޤާމުތަކަސް ސަރުިކާރުން އިސްކުރާ މީހުންނާ ރައްޔިތުން އިންތިޚާބުކުރާ މީހުންވެސް ވަރަށް ގިނައިން ދޮގުހަދާތަން އެބަ ފެނޭ! މަޖިލިސް ތެރޭގައިވެސް ވަރަށް ގިނައިން ދޮގު ހަދާތަން އެބަ ފެނޭ!"
ޝިޔާމް ވިދާޅުވީ ދޮގަކީ ﷲ ތަޢާލާ ޙަރާމް ކުރައްވަވާފައިވާ ކަމެއް ކަމަށާއި ދޮގުހަދާ މީހާ ބަނގުރާ ބުއިމާއި ވައްކަންކުރުމާއި އެނޫންވެސް ހުރިހާ ފާފަތަކެއް ކުރާނެ ކަމަށެވެ. ހަރާންކޯރުވެސް ވާނެ ކަމަށާއި އެކަމުގެ ސަބަބުން ޤައުމު ދާނީ ޚަރާބުވަމުން ކަމަށެވެ. "އެންމެ ފުރަތަމަ ތެދު ހަދައި ނަމޫނާ ދައްކަންވީ މަޖިލިސްތެރެއިން. މަޖލިސް މެންބަރުންނަކީ ސާފުތާހިރު ބައެއްގެ ގޮތުގައި ނަމޫނާ ދައްކަންވީ. ދެއްކީމާ ރައްޔިތުން ބަލައިގަންނާނެ."
ޝިޔާމް ވިދާޅުވީ މަޖިލީހަށް ގިނަ މެންބަރުން ހޮވިފައި ތިބީ ރައްޔިތުންގެ ގާތަށް ގޮސް އިންޖީނު ދޯންޏާއި ބޮޑެތި ލޯނުތައް ދިނުމުގެ ވައުދާއިއެކުގައި ކަމަށެވެ. "މިއީ ޙަޤީޤަތްކަން ރައްޔިތުން ވެސް ޤަބޫލުކުރާނެ. މި މަޖިލީހުގައި ތިބެން ޖެހޭނީ ވައްކަން ނުކުރާ ވަރަށް ތެދުވެރިން. ވޯޓަކަށް އައުމުން ތިމާއަށް 2 މިލިއަން ރުފިޔާ ލިބޭތީ އަނެއްކޮޅަށް ވޯޓު ދިނީމާ ކަންކަން ގޯސްވަމުން މިދަނީ. މިއީ މަޖިލީހުގަ ހިނގާފަހުރި ކަންކަން. މިކަމަސް ދޭނީ ކޮން އަދަބެއްތޯ؟ ވީމާ ފުރަތަމަ އިޞްލާޙްވާން ޖެހޭނީ މަޖިލިސް. މީހަކަށް ޕިން ޕޮއިންޓް ކުރެވޭކަށް މިމަޖިލީހަކަށް ނެތް."
ޝިޔާމް މިއަދުވެސް ވަނީ ފާއިތުވި 25 އަހަރު ތެރޭގައި ވައްކަންކުރި އެމެންމެންގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅަންޖެހޭނެ ކަމަށް ވިދާޅުވެ އެކަމަށް ގޮވާލައްވައިފައެވެ. "800 އޮޑިޓް ރިޕޯޓް މަޖިލީހުގަ އޮތް އިރުވެސް ވައްކަން ފިޔަވައި އިތުރު ކަމެއް ނެތް."