ޖަނަވާރުންނަށް ފަރުވާ ދިނުމަށް ވިލިމާލޭގައި އެގްރިކަލްޗުރަލް މިނިސްޓްރީން ހުޅުވި ވެޓް ކްލިނިކްގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ވެޓް ކްލިނިކްގެ ހިދުމަތް ވަގުތީ ގޮތުން މެދު ކަނޑާލަން ޖެހުނީ ކްލިނިކްގައި މަސައްކަތް ކުރަމުން އައި ވެޓެރިނޭރިއަން އާއިލީ ޗުއްޓީއެއްގައި ދިޔުމުން ކަމަށެވެ.
މިމަހު 24 ވަނަ ދުވަހުން ފެށިގެން އަލުން އެޚިދުމަތް ދޭން ފަށާނެ ކަމަށް ވެސް އެއިއުލާނުގައި ބުނެފައިވެއެވެ.
ވިލިމާލޭގައި ވެޓް ކްލިނިކެއް ހުޅުވައި ޖަނަވާރުންނަށް ފަރުވާދޭން ފެށީ މިދިޔަ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު އެވެ. އެ ހިދުމަތް ފެށި އިރު ގިނަ ބަޔަކު ދިޔައީ ވެޓް ކްލިނިކެއް ރާއްޖޭގައި ނެތުމުން އެކަމުގެ ޝަކުވާ ކުރަމުން ނެވެ. އަދި އެ ދުވަސްވަރަކީ މާލޭގައި އަނިޔާވެރި ގޮތަކަށް ބުޅާ މަރާ މައްސަލަ ތަކެއް ވެސް ފެންމަތިވި ދުވަސްވަރެކެވެ.