ފްލެޓަށް އެދުމަށް ކިއުގައި ނުޖެހި، އޮންލައިންކޮށް ހުށަހެޅޭނެ ޕޯޓަލް ހައުސިން މިނިސްޓްރީން މިއަދު އިފްތިތާހް ކޮށްފިއެވެ.
"މަގޭ ހިޔާވެހި" ގެ ނަމުގައި، ސްޓެލްކޯ ކޮންފަރެންސް ހޯލުގައި މިއަދު ލޯންޗުކުރި އެ އޮންލައިން ޕޯޓަލް ލޯންޗުކޮށްދެއްވީ ހައުސިން މިނިސްޓަރު އައިމިނަތު އާތިފާއެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނަޝީދު ވިދާޅުވީ، ބޯހިޔާވަހިކަން ހޯދުމަށް ވޭތުވެދިޔަ އަހަރުތަކުގައި އެތައް ވަގުތެއް ހޭދަކޮށް އެތައް ތަކުލީފެއް ވެސް ރައްޔިތުން އުފުލި ކަމަށެވެ. އެކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ކިއުގައި ނުޖެހި ފްލެޓަށް އެދެވޭނެ ނިޒާމެއް ތައާރަފުކުރައްވާނެ ކަމަށް ވިދާޅުވި ކަމަށް ވެސް ނަޝިދު ވިދާޅުވިއެވެ.
"މިއީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ލުއެއް. މަސްވެރިޔާ އެންދަމައިގެން ކަނޑަށް ނުކުންނަމުން މޯބައިލް ފޯނު މެދުވެރިކޮށް ފްލެޓަށް އެދެވޭނެ. އާއިލާއާ ދުރުގާ ރިސޯޓުތަކުގައި މަސައްކަތް ކުރާ އަޅުގަނޑުމެންގެ ޒުވާނުން ހުސް ވަގުތުކޮޅުގައި ސްކީމަކަށް އެދެވޭނެ. އަދި ދާއިމީ ބައްޔަކަށް ބޭސް ކުރެއްވުމަށް ރާއްޖެއިން ބޭރުގައި ހުރި ދިވެހި ރައްޔިތަކަށް އިޖުތިމާއީ ބޯހިޔާވަހިކަން ހޯދުމަށް ރާއްޖެ އަންނާކަށް ނުޖެހޭނެ" ނަޝީދު ވިދާޅުވިއެވެ.