"މޯލްޑިވްސް ސައިން ލެންގުއޭޖް ވޮކިބިއުލަރީ ޑިވެލޮޕްމަންޓް ވޯކްޝަޕް" ބައްދަލުވުން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 1ސ
"މޯލްޑިވްސް ސައިން ލެންގުއޭޖް ވޮކިބިއުލަރީ ޑިވެލޮޕްމަންޓް ވޯކްޝަޕް" ބައްދަލުވުން ފަށައިފި

މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ އާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެންކުރިއަށްގެންދާ "މޯލްޑިވްސް ސައިން ލެންގުއޭޖް ވޮކިބިއުލަރީ ޑިވެލޮޕްމަންޓް ވޯކްޝަޕް" ފެށުމުގެރަސްމިއްޔާތުގައި މިނިސްޓާރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ ގީލާ އަލީ ބައިވެރިވެވަޑައިގެންފިއެވެ.

މި މަސައްކަތު ބައްދަލުވުމަކީ "ސްޓްރޯންގް" (STRONGG) މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ސައިން ލެންގުއޭޖް ތަރުޖަމާނުންނާއި، ޚިދުމަތްދޭ ފަރާތްތަކުގެ އިތުރުން ސިޔާސަތު ކަނޑައަޅާ ފަރާތްތައް ގުޅިގެން،08 ދާއިރާއަކުން އައު އިޝާރާތްތައް އުފެއްދުމަށް ބާއްވާ ބައްދަލުވުމެކެވެ. މީގެ މައިގަނޑު މަޤްޞަދަކީ އަޑުއެހުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަޢުލޫމާތާއި ޚިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ.

އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ މުޖުތަމައުގެ އެހެން މީހުންނެކޭވެސް އެއްގޮތަށް ކަންކަމުގައި ޝާމިލުވެ އުޅޭ، އަދި ޚިދުމަތް ހޯދުމުގައި ވެސް އެ ފަރާތްތަކަށް ފަސޭހަކަން ލިބިފައިވާ ބައެއްކަން ކަށަވަރުކުރުމަކީ އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަސައްވުރުގެ ތެރޭގައި ހިމެނޭ މުހިންމު އެއް ބައެވެ. އެމަނިކުފާނުގެ އެ ތަސައްވުރާއި އެއްގޮތްވާ ގޮތުގެ މަތިން، އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުއާމަލާތުކުރުމަށް ބޭނުންކުރާ ސައިން ލޭންގުއޭޖް ވީހާވެސް ގިނަ ބަޔަކަށް ދަސްކޮށްދިނުމާއި، ސައިން ލޭންގުއޭޖުން މުއާމަލާތުކުރުމަކީ އަހުލުވެރި ކަމަކަށް ހެދުމުގެ އަމާޒުގައި މި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިއަދު ކުރިއަށްދިޔަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ގީލާ ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހައިން ޚިދުމަތްތައް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ މުއާމަލާތުކުރުމަށާއި، އެހެން ފަރުދުންނެކޭވެސް އެއްގޮތަށް ސަރުކާރުގެ އިދާރާތަކުން ޚިދުމަތް ހޯދުމުގެ މަގުފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން މިނިސްޓްރީއިން ވަނީ އޮންލައިން ސައިން ލޭންގުއޭޖް ޕްރޮގްރާމެއް ފަރުމާކޮށް ސަރުކާރުގެ މުވައްޒަފުންނަށް މި ތަމްރީން ފުރިހަމަކުރުމުގެ ފުރުސަތު ހުޅުވާލާފައިކަމުގައި މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އާއި މޯލްޑިވްސް ޕޮލިޓެކްނިކް މެދުވެރިކޮށް ސައިން ލެންގުއޭޖް ތަމްރީނުތައް ފޯރުކޮށްދެމުންދާކަމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރު ތަރައްޤީކޮށް، ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމާއި، މުޖުތަމަޢުގައި އެފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި "އެމްޕަވަރމަންޓް ހަބް" އެއް ޤާއިމުކުރުމުގެ މަސައްކަތް ވެސް ސަރުކާރުން ކުރިއަށްގެންދާކަން މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވެއެވެ.

މިނިސްޓަރ ގީލާ އިތުރަށް ވިދާޅުވީ، ސައިން ލެންގުއޭޖް ހަރުދަނާކޮށް ދައުލަތުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ސައިން ލެންގުއޭޖް ފުޅާދާއިރާއެއްގައި ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަފަރާތްތަކާއި ކަމާގުޅުންހުރި އެންމެހައި ފަރާތްތަކާއެކު މަސައްކަތްކުރުމުގައި ސަރުކާރުން އަބަދުވެސް ދެމިއޮންނާނެ ކަމުގައެވެ.

އަދި މި މަސައްކަތްތަކުގައި އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ ހައިކޮމިޝަނާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ވެދެއްވާ އެހީތެރިކަމާއި ބާއްވާ ގާތް ގުޅުމަށްޓަކައި އެފަރާތްތަކަށް މިނިސްޓަރ ވަނީ ޝުކުރުއަދާކުރައްވާފައެވެ. 

މިއަދު އޮންލައިން