މި ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ 2027 ވަނަ އަހަރުގެ މެއި މަހާ ހަމައަށް އެއްކޮށް ހައްލުކުރެވޭނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ސަރުކާރުން ބޭއްވި "އަހާ" ފޯރަމްގައި އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
ވަޒީރު އިޙްސާން ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުން މިހާތަނަށް ކުރި ބުރަ މަސައްކަތުން ރެކޯޑްކުރެވިފައިވާ ބިދޭސީންގެ ތެރެއިން 260,000 އަށް ވުރެ ގިނަ މީހުން ވަނީ ވެރިފައި ކުރެވިފައެވެ. އަދި މިހާރު ބަޔޯމެޓްރިކްސް ނުނެގި ތިބީ ރެކޯޑް ކުރެވިފައިވާ މީހުންގެ އެންމެ 1 އިންސައްތަ މީހުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މި މައްސަލަ ހައްލުކުރުމަށް އެކުލަވާލާފައިވާ ޕްލޭންގެ ދެވަނަ ފިޔަވަހީގެ ދަށުން، ގަވާއިދާ ހިލާފަށް އުޅޭ މީހުންނާއި ރާއްޖެ އެތެރެވި މަސައްކަތް ނޫން އެހެން މަސައްކަތްތައް ކުރަމުންދާ ބިދޭސީން ހޯދައި، އެމީހުން ޑީޕޯޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.
މީގެ އިތުރުން، ބިދޭސީން ރާއްޖެ ގެނައުމަށްފަހު އިހުމާލުވާ ފަރާތްތަކާއި، ދިވެހިންގެ ނިވަލުގައި ތިބެ ވިޔަފާރިކުރާ މައްސަލަ ހައްލުކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން މިފަދަ ކަންކަމުގައި ބައިވެރިވާ ފަރާތްތަކުން ކޮންމެ ބިދޭސީއެއްގެ ބޮލަކަށް 50,000 ރުފިޔާގެ ޖޫރިމަނާއެއް ދައްކަން ޖެހޭނެ ކަމަށް ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.