ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަކީ އެފަދަ ކަންކަން ކުރަން މަސައްކަތްކުރާ ފަރާތްތަކަށް ދެވުނު ވަރުގަދަ މެސެޖެއް ކަމަށް ދާޙިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙުސާން ވިދާޅުވެއްޖެއެވެ.
ސަރުކާރުން ބޭއްވި "އަހާ" ފޯރަމްގައި ވާހަކަފުޅުދައްކަވަމުން ވަޒީރު އިޙުސާން ވިދާޅުވީ، މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް ގެނެވުނު ތިންވަނަ އިސްލާހުގެ ދަށުން، ފުޅާދާއިރާއެއްގައި މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކްކުރާ މީހުންނަށް މަރުގެ އަދަބު ދެވޭގޮތަށް ހަމަޖެހިގެންދިއުމަކީ އެކަން ހުއްޓުވުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
ބިދޭސީން ރާއްޖެއަށް ޑްރަގް އެތެރެކުރާ މައްސަލައާ ގުޅޭގޮތުން އާންމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، މާރިޗު 2026 އިން ފެށިގެން އަމަލުކުރަން ފެށި މި އިސްލާހާއެކު، ރާއްޖެއަކީ މަސްތުވާތަކެތި އެތެރެކޮށްފި ނަމަ ހަރުކަށި އަދަބުދޭނެ ޤައުމެއްކަން ބޭރުގެ ފަރާތްތަކަށްވެސް ވަރަށް ސާފުކޮށް އެނގިގެންދާނެ ކަމަށެވެ.
ކުރިން މަސްތުވާތަކެތި އެތެރެކުރުމުން ދުވަސްކޮޅަކު ބަންދުކޮށްފައި ދޫކޮށްލާކަން ނުވަތަ އުމުރު ދުވަހަށް ޖަލަށް ލާފައި ބަހައްޓާކަން ފާހަގަކުރައްވަމުން ވަޒީރު އިތުރަށް ވިދާޅުވީ، މަސްތުވާތަކެތި އެތެރެކޮށްފި ނަމަ މަރުގެ ޙުކުމް ތަންފީޒުކުރުމަކީ މިހާރު ސަރުކާރުގެ ސިޔާސަތު ކަމަށެވެ.
މީގެ އިތުރުން، ރާއްޖޭގެ ބޯޑަރ ސެކިއުރިޓީ އިތުރަށް ވަރުގަދަކުރުމުގެ ގޮތުން، މިދިޔަ ޖެނުއަރީ މަހުން ފެށިގެން އެއާޕޯޓުގައި ބޮޑީ ސްކޭނަރ ބަހައްޓައި، ޑްރަގް އެތެރެކުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކޮށްފައިވާކަންވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.