މިފްކޯއިން ރާއްޖެއިން ބޭރަށް އެކްސްޕޯޓުކުރާ މަސް ރިޖެކްޓްވާ މައްސަލަ ހައްލުކުރުމަށްޓަކައި، މިހާރު މަސް އެކްސްޕޯޓުކުރުމުގެ ކުރިން ބަނދަރުގައި ހުރެގެން އިންސްޕެކްޓް ކުރެވޭނެ ގޮތަށް އުސޫލުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
"އަހާ" ފޯރަމުގައި ވާހަކަދައްކަވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، ރާއްޖެއިން ރޯ މަހުގެ ގޮތުގައި ބޭރުގެ ބާޒާރުތަކަށް އެކްސްޕޯޓުކުރާ މަހުގެ ތެރެއިން ބައެއް މަސް ބަލައިނުގަނެ ރިޖެކްޓްވުމަކީ ޒަމާންވީ މައްސަލައެއް ކަމަށެވެ. އަދި މިއީ ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން އެކްސްޕޯޓުކުރާ މަހާ ގުޅުވައިގެން ފެންމަތިވެފައިވާ މައްސަލައެއްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، އެމަނިކުފާނު ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ދުވަސްވަރުވެސް ބައެއް ޝިޕްމެންޓްތަކުގެ 10 ނުވަތަ 12 އިންސައްތަ މަސް ރިޖެކްޓްވެގެން ގޮސްފައިވާ ކަމަށެވެ. އަދި އޭރު އެކަން ހިންގަމުންދިޔަ ގޮތުން އެކަމުގައި ގޯސްތަކެއް ހުރި ކަމުގެ ތުހުމަތު ކުރެވުނު ކަމަށްވެސް ވިދާޅުވިއެވެ.
"މިމައްސަލައަކީ ޒަމާންވީ މައްސަލައަކަށްވެފައި، މީގެ ތެރޭގައި ބޮޑެތި 'ނެޓްވޯކްތަކެއް' ހުރުމުން އެކަން ރަނގަޅު ކުރާނަމަ ދިވެހިން މިކަމުގައި ތެދުވެރިވާންޖެހޭނެ،" ވަޒީރު ވިދާޅުވިއެވެ.
ނަމަވެސް، މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު މި މައްސަލަ ހައްލުކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށާއި، މިހާރު ރާއްޖެއިން އެއްވެސް ވަރަކަށް މަސް ރިޖެކްޓްވާނެ ގޮތަކަށް އެކްސްޕޯޓު ނުކުރާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.
"މިއަދު މަސްގަންނަ ކުންފުނިން، ދިވެހިރާއްޖޭގެ ބަނދަރެއްގައި މަސް ލޯޑު ކުރާ ގަޑީގައި ހުންނާނީ އެ މަސް އިންސްޕެކްޓް ކުރަން. އެހެންވީމަ އެހިސާބުން ރިޖެކްޓްވާ އެއްޗެއް ރިޖެކްޓްވަނީ. އޭގެ މާނައަކީ މިފްކޯގެ ބުކްގައި ރިޖެކްޓްވާކަށް މަހެއް ބޭރެއް ނުވާނެ،" ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
މީގެއިތުރުން، މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ މިފަދަ ބޮޑެތި މައްސަލަތައް ހައްލުކުރުމަށްޓަކައި މިފްކޯގެ އިތުރުން އަމިއްލަ ކުންފުނިތަކަށްވެސް ފުރުސަތު ފަހިކޮށްދޭންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ނިމިދިޔަ ސަރުކާރުގައި ބައިނަލްއަގުވާމީ ބާޒާރުގައި މަހުގެ އަގު ހުރި މިންވަރަށް ބެލުމެއްނެތި ސިޔާސަތުތަކަށް ބަދަލުގެނައުމުގެ ސަބަބުން އަމިއްލަ ކުންފުނިތަކަށް ބޮޑެތި ގެއްލުންތަކެއްވިކަން ފާހަގަކުރައްވަމުން، މިހާރު މި ސިނާއަތް ހަމަމަގަށް އެޅުވުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ އެދެވޭ ނަތީޖާ ފެންނަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.