ރިބާގެ ލޯނު ނެގުމުގެ ކުރިން މި ލިޔުން ކިޔައިލުން ވަރަށް ބުއްދިވެރި!

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 9ސ
ރިބާގެ ލޯނު ނެގުމުގެ ކުރިން މި ލިޔުން ކިޔައިލުން ވަރަށް ބުއްދިވެރި!

"ރިބަވީ ލޯނު ނެގުމަކީ ފާފައެކެވެ. ވަރަށް ބޮޑު ފާފައެކެވެ. ހަމައެފަދައިން އެފަދަ ލޯނުތަކުގައި ހިމެނޭ ރިބާ ނަގައިދިނުމަކީވެސް ރިބާކެއުމަށް އެޅޭ ވަރަށް ބޮޑު ބާރެކެވެ

ރިބާ ކާ މީހާއަކީ، މީހުންނަށް ދަރަނި ދީފައި، ދަރަނި އަނބުރާ އަތުލާ އިރު، އިތުރަށް އަތުލާ މީހާއެވެ. ޝައްކެއް ވެސް ނެތް ގޮތުގައި، މިފަދަ މީހަކީ މާތް ﷲ ގެ ލަޢްނަތް ލިބޭ މީހެކެވެ. އިސްލާމް ދީނުގައި ރިބާ ކެއުމުގެ ފާފަ އުފުލަން ޖެހެނީ، ރިބާ ކާ މީހާ އެކަންޏެއް ނޫނެވެ. ކިއެއްތަ، ރިބާ ކާ މީހާގެ އިތުރުން ރިބާ ދޭ މީހާއާއި ރިބާ ހިމެނޭ ދަރަނި ނަގާ މީހާވެސް ފާފަވެރިވެއެވެ. އަދި ރިބާ ޢަޤުދު ލިޔެދޭ މީހާއާއި ހެކިވެރިވާ މީހުން ވެސް ފާފަވެރިވެއެވެ. ރިބާ ނަގައިދޭ ކޯޓުތައްވެސް މި މުޢާމަލާތުގެ ތެރޭގައި ހިމެނެއެވެ. އެހެނީ ރިބާ ނަގައިދިނުމަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ މިބަސްފުޅާ ޚިލާފުކަމެކެވެ. وَتَعَاوَنُوا عَلَى الْبِرِّ وَالتَّقْوَى وَلَا تَعَاوَنُوا عَلَى الْإِثْمِ وَالْعُدْوَانِ (المائدة: ٢) މާނައީ : ހެޔޮކަންތައް ކުޅައުމަށާއި ، ތަޤުވާވެރިވުމަށް ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކާ އެހީތެރިވެ ވާގިވެރިވާށެވެ. އަދި ފާފަކުޅައުމާއި ޢަދާވާތްތެރިވުމަށް ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކާ ބައިވެރިވެ ވާގިވެރި ނުވާށެވެ. 

ރިބާއަކީ އޭގައި ލަޢުނަތް ހިމެނޭ ކަމެކެވެ. ރަސޫލުﷲ -ޞައްލައްﷲ ޢަލައިހި ވަސައްލަމަ- ގެ ޙަދީޘްފުޅެއްގައި ވަނީ: لَعَنَ رَسُولُ اللَّهِ ‏‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏‏ آكِلَ الرِّبَا وَمُؤْكِلَهُ وَكَاتِبَهُ وَشَاهِدَيْهِ وَقَالَ هُمْ سَوَاءٌ  މާނައަކީ: ”ރިބާ ކާ މީހާއާއި، ރިބާ ދޭ މީހާއާއި، އެ ލިޔާ މީހާއާއި އެކަމަށް ހެކިވެރިވާ ދެމީހުންނަށް، ވެސް ރަސޫލު ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ލަޢްނަތް ލެއްވިއެވެ.” އަދި ވިދާޅުވިއެވެ: ”މި އެންމެންނަކީ ފާފައިގައި ހަމަހަމަ ބައެކެވެ.” (މުސްލިމް)

ރިބާ ނައްތާލުމަކީ އިސްލާމީ އިޤްތިޞާދީ ނިޡާމުގެ އެއްމެ މުހިއްމު މަޤްޞަދެވެ. އެހެނީ ރިބާގެ ފާފައިގެ ބޮޑުކަމާއި އޭގެ ނުރައްކާތެރިކަމުން މުޅި އިސްލާމީ އިޤްތިޞާދީ ނިޡާމް ފުނޑުފުނޑު ކޮށްލައެވެ. ބަރަކާތްކެނޑި ދުނިޔެއާ އާޚިރަތުގެ ބަލާވެރިކަން އޭގެވެރިމީހާއަށް ހުށަހެޅިގެންދެއެވެ. މިއީ ޤުރުއާނާއި ސުންނަތުގެ ނައްޞުން ސާބިތުވާ ކަންތަކެކެވެ. އުއްމަތް ވަނީ މިކަމާ މެދު އިޖްމާޢުވެފައެވެ. މިކަމުގެ ނުބައިކަން ދެނެގަންނަން ބޭނުންވާ މީހަކަށް ކީރިތި ޤުރުއާނުގައި ރިބާއާ ބެހޭގޮތުން އައިސްފައިވާ އާޔަތްތައް ފުދެއެވެ."

- ޢިލްމް.އެމްވީ 

ލިޔުމުގެ އަޞްލު:

https://ilm.mv/5026/?fbclid=IwAR3NG3ZAGvi19ExXL2_4XAb5Iyl4ZcIqp9VvrR5s6AdV4FQNdiy-fmfSbvU

 

 

މިއަދު އޮންލައިން