ރާއްޖޭގެ ވެރިރަށް ކަމުގައިވާ މާލެ ތޮއްޖެހުމަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ މަރުކަޒީ އުސޫލުން ހިންގުން ކަމަށާއި އެކަން ބަދަލު ކުރައްވާ ކައުންސިލުތަކަށް ބާރުތައް ދޫކުރުކަށް ތައްޔާރަށް ހުންނެވި ކަަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ މަހާސިންތާ ފައްޓަވާ ދެއްވާ، ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އިޤްތިސާދީ ދުވެލި ހުރި ގޮތާއި އާބާދީ ހުރި މިންވަރަށް ބަލާއިރު ތަރައްޤީގެ މިސްރާބު މިހާރުން މިހާރަށް ބަދަލު ކުރަން ޖެހިއްޖެކަން ޤަބޫލު ކުރެވޭ ކަމަށެވެ.
"ނޫންނަމަ 2050 ވަނަ އަހަރަށް ދާއިރު ރާއްޖޭގެ އާބާދީގެ 60 އިންސައްތަ ދިރިއުޅޭނީ ތޮއްޖެހިފައިވާ މާލޭގައި، އޭގެ ސަބަބުން އެތައް އިޖްތިމާއީ މައްސަލަތަކެއް ދިމާވާނެ. މިހާރު ވެސް މާލެ ތޮއްޖެހުމާއި ދިމާވެފައިވާ އިޖުތިމާއީ މައްސަލަތަކުގެ އަސްލަކީ ޒަމާނުއްސުރެ ގެންގުޅުނު މަރުކަޒީ ވިސްނުން" ރައީސް ޞާލިޙު ވިދާޅުވިއެވެ.
މަރުކަޒީ އުސޫލުގައި ތިބުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެއީ ކުރަން ހެޔޮވާނެ ކަމެއް ނޫން ކަމަށް ވެސް ރައީސް ޞާލިޙު ވިދާޅުވިއެވެ.