"ހަމަ މި ފުރަ މާލޭގައި ބައެއް ބޭފުޅުން އަޅުގަނޑުމެންގެ ގާތަށް އައިސް ދަރިން އެއްގޮތަކަށްވެސް ނަމާދު ނުކުރާ ކަމަށާއި އިސްލާމް ދީން ޤަބޫލުކުރާހެން ވެސް ހީނުވާ ކަމަށް އެބަ ބުނޭ. މިހިސާބަށް އެދިއައީ ހަމަ މިއަދުތޯ؟ ނޫނީ އިއްޔެތޯ؟ ނޫން! ކަންކަން މިހެން ހުރުމުން ދަރިންގެ ތަރުބިއްޔަތުގެ ހުރިހާ ކަމެއް 100% އަށް ޓީޗަރުންނަށް ދޫކޮށްލައިގެން މިއަދު ވާކަށް ނެތް! މިއަދު އެބަ ޖެހޭ ތަރުބިއްޔަތުގެ މައްސަލައިގައި އަޅުގަނޑުމެންގެ ބޮލުގައި އެޅިފައި އޮތް ޒިންމާ އަދާކުރަން! އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކީ ޒިންމާ އުފުލަންޖެހޭނެ މަސްއޫލުވެރިއެއް ކަމަށް ﷲ ތަޢާލާ އަނގަވާފައިވަނީ! އެ މަސްއޫލިއްޔަތު އަދާ ނުކޮށްފިނަމަ ދަރިންގެ ސިކުނޑިއަށް ވަރަށް ނުރަނގަޅު ވިސްނުން އެބައާދޭ!"

"ދަރިން އެއްގޮތަކަށްވެސް ނަމާދު ނުކުރާ ކަމަށާއި ހުރީ އިސްލާމް ދީނުގައިކަން ޔަޤީން ނުވާ ކަމަށް" ބުނެ އަދި އެކަމުގައި އެހީތެރިކަމަށްވެސް އެދެމުންދާއިރު މިއީ ވަރަށް ނުރައްކައުތެރި ޙާލަތެކެވެ. މިހާލަތަށް ދަރިން ދިއުމުގެ ޒިންމާ ހަމައެކަނި މުދައްރިސުންގެ ބޮލުގައި އެޅުވުމަކުން ނުފުދޭނެއެވެ. އެޙާލަތަށް ދަރިންގެ ކަންކަން އެދަނީ އެއްދުވަހަކުން ނޫނެވެ. އެތައް ދުވަހަކުންނެވެ. ވީމާ ދަރިން ކިތަންމެ ބޮޑުވި ނަމަވެސް ދަރިންގެ މިފަދަ ކަންކަން ގާތުން ބެލުމަކީ މައިން ބަފައިންގެ މަސްއޫލިއްޔަތެކެވެ.
މިހާރަކަށް އައިސް އިސްލާމް ދީނުގެ ހަޤީޤަތާއި ފުށޫއަރާ ބައެއް މަޢްލޫމާތު މުދައްރިސުންގެ ކިބައިން ވެސް ދަރިންނަށް އެބަ ދެވެއެވެ. އަދި އިންޓަރނެޓް މެދުވެރިކޮށް މުޅި ދުނިޔެއަށް ފަތުރަމުން ގެންދާ މިފަދަ މައުލޫމާތު ތަކުގެ ސަބަބުންވެސް ދަރިން ދަނީ މަގުފުރެދެމުންނެވެ. ބަވަނަވެފައިވާ މިފަދަ ދުނިޔެއެއްގައި މިކަންކަން ކުރިމަތިވާނެއެވެ. އެހެންކަމުން އެފަދަ ކަންކަމުގެ ނޭދެވޭ އަސަރު ދަރިންނަށް ފޯރާތޯ ބެލުމާއި އެފަދަ ކަންކަން ހުއްޓުވަން ކުރިއާލައި ފިޔަވަޅު އެޅުމަކީ މައިން ބަފައިން ކޮނެމެހެން ކުރަންޖެހޭނެ ކަމެކެވެ. އެކަންކަން ކުރެވޭނީ ދަރިންގެ އަމަލުތަކަށް ފާރަވެރިވެ ކަންކަން ބެލެހެއްޓުނު ވަރަކުންނެވެ.
- މިއަދުގެ މަޣްރިބް ނަމާދަށްފަހު މަސްޖިދު މުޙައްމަދު ތަކުރުފާނުލްއަޢްޒަމްގައި ޝައިޚް އަޙްމަދު ފަހްމީ ދީދީ ދެއްވި ދަރުސުން