"އަޅުގެވެރި ރަސްކަލާކޮ! ހަމަކަށަވަރުން، އިނބަރަސްކަލާނގެ ތިމަން އަޅާއަށް ވެރިކަން ދެއްވެވީމުއެވެ. އަދި ހުވަފެންތައް މާނަކުރަން ދަސްކޮށް ދެއްވެވީމުއެވެ! އިސްވެ ދިއަ މިސާލަކާއި ނުލައި، އުޑުތަކާއި، ބިން ހެއްދެވި ރަސްކަލާކޮ! ދުނިޔެއާއި އާޚިރަތުގައި މިއަޅާގެ އެހީތެރިއަކީ، އިނބަރަސްކަލާނގެއެވެ. މުސްލިމެއްގެ ގޮތުގައި މިއަޅާގެ މަރު ގެންދަވާނދޭވެ! އަދި ޞާލިޙުންގެ ތެރެއިން މިއަޅާ ލައްވަވާނދޭވެ!" (ޔޫސުފް ސޫރަތުގެ 101) މިއީ ޔޫސުފްގެފާނު ކުރެއްވެވި ދުޢާ އެވެ!

"އަޅުގެވެރި ރަސްކަލާކޮ! މިއަޅާއަށް ޢިލްމާއި ވިސްނުން ދެއްވަވާނދޭވެ! އަދި ޞާލިޙުންގެ ތެރެއިން މިއަޅާ ލައްވަވާނދޭވެ!" (ޝުޢްރާ ސޫރަތުގެ 83) މިއީ ﷲގެ ޚަލީލް އިބްރާހީމްގެފާނު ކުރެއްވެވި ދުޢާއެވެ.
ކީރިތި ޤްރްއާން އެއްކޮޅުން އަނެއްކޮޅަށް ބެލިކަމުގައިވީނަމަވެސް އާޚިރަތް ދުވަހު ނުފޫޒު ގަދަ، މަޝްހޫރު ސިޔާސީ ލީޑަރުންނާއިއެކުގައި ނުވަތަ މަތީ މަޤާމުތައް ފުރި ވެރިންނާއިއެކުގައި ލެއްވެވުމަށް އޮތް ދުޢާއެއް ނުފެންނާނެއެވެ. ފެންނާނީ ހެޔޮ ލަފާ ޞާލިޙް، ތަޤްވާވެރި، ﷲ ތަޢާލާ އެންގެވި ގޮތަށް ދުނިޔޭގައި އުޅުނު މީހުންނާއިއެކު ލެއްވެވުމަށް ހުރި ދުޢާތަކެވެ. އަދި އެދުވަހު ސަލާމަތްކަން ލިބުން އޮތީވެސް ހެޔޮ ލަފާ ޞާލިޙް، ތަޤްވާވެރި، ﷲ ތަޢާލާ އެންގެވި ގޮތަށް ދުނިޔޭގައި އުޅުނު މީހުންނާއިއެކު ލެއްވެވިއްޖެ މީހަކަށް މެނުވީ ސަލާމަތްކަމެއް ނެތެވެ.
މިވާހަކަކޮޅު ބަޔާންކުރަން މިޖެހުނީ ބައެއް މީހުންނަށް މިއަދު އުޅެވެމުންދާ ގޮތުންނެވެ. ވެރިއަކު އަނގައިފިނަމަ ކޮންމެ ކަމެއްވެސް ކުރާތަން ފެންނާތީއެވެ. އަދި ވެރިމީހާގެ ރުހުން ހޯދަން މަސައްކަތުގައި ހުއްޓައި ބަނަގި ގިވި ނަމަވެސް އެ އަޑުވެސް އިވޭކަމަސް ނުވާތީއެވެ! ބަންގި ގޮވުމުން ނަމާދަށް އަވަސްވެގަތުމުގެ ބަދަލުގައި ނަމާދު ވަގުތު ފާއިތުވެގެންދާއިރުވެސް ވެރިމީހާ ހަވާލުކުރި މަސައްކަތުގައި އުޅޭތަން ފެންނާތީއެވެ!
މިފަދަ އަމަލުތައް މިގޮތަށް ކުރަނީ މަޤާމުގެ ކުރިއެރުން ހޯދުމުގެ ބޭނުމުގައެވެ. ޤިޔާމަތް ދުވަހު އެއްވެސް މީޙަކާއި މެދު ﷲ ތަޢާލާ ޢަމަލުކުރައްވަވާނީ އެމީހާ ދުނިޔޭގައި އަދާކުރި މަޤާމަށް ބައްލަވައިގެނެއް ނޫނެވެ! އެމީހާ ކުޅަ ހެޔޮ އަމަލުތަކުގެ މައްޗަށް ބައްލަވައިގެނެވެ. އެއްވެސް މީހެއްގެ ހިސާބު ބައްލަވާއިރު އެމީހާ ދުނިޔޭގައި އަދާކުރި މަޤާމު މަތިކަމުން އެންމެ މާކްސްއެއްވެސް ނުލިބޭނެއެވެ. ވީއިރު އެއްވެސް ބިރެއް ނެތި ނަމާދުތައް ތިއަ އަޅަނީ ކޮން މޮޅުކަމެއް ލިބޭނެ ކަމަށް ހެއްޔެވެ؟
ކޮންމެ މަޤާމެއްގައި ހުރި ނަމަވެސް ފުރަތަމަ ވާޖިބަކަށް ވާންޖެހޭނީ ﷲ ތަޢާލާ އަންގަވާފައިވާ ވާޖިބުތައް އަދާކުރުމަށެވެ. މަޤާމުގެ މަސްއޫލިއްޔަތު އަންނަނީ އެއިގެ ފަހަތުންނެވެ.