ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު އިއްވެވި ރިޔާސީ ބަޔާން ނިންމަވައިލައްވަމުން ވިދާޅުވި ބައެއް ވާހަކަފުޅުތަކަކީ ވަރަށް އަސަރުން ފުރިގެންވާ އަދި އިންތިހާއަށް މާނަފުން ވާހަކަފުޅުތަކެކެވެ. އަދި އެމަނިކުފާނު ރައްޔިތުންނަށްޓަކައި ޚިދުމަތް ކުރައްވަމުން އެގެންދަވަނީ ކިހައި ބޮޑު ތަކްލީފްތަކަކާއި އެކުގައިކަން ހާމަވެގެން ދިއަ ވާހަކަފުޅުތަކެކެވެ. ހަމަ އެއާއިއެކު ކުރިމަތިވެދާނެ ގިނަ ކަންތައްތަކެއް ތިލަވެގެންދިއަ ވާހަކަފުޅުތަކެކެވެ.
އެއިގެ ތެރެއިންވެސް މިވާހަކަފުޅަކީ ހަމަ ކޮންމެ ދިވެހި ރައްޔިތަކުވެސް ފުންކޮށް ވިސްނާލައިފިނަމަ ގިނަ ކަންތައްތަކެއް އެނގިގެންދާނެ ވާހަކަފުޅެކެވެ.
"ޤުދުރަތުގެ މަތިވެރި ނިޔާގެ މަތީން، މި ރާއްޖޭގެ ރައްޔިތުންގެ އެންމެހައި ޙައްޤުތައް ރައްކާތެރިކުރުމުގެ މަތިވެރި އަމާނާތާ، މިވަގުތު ޙަވާލުވެހުރި މީހަކީ އަޅުގަނޑު. މި މަތިވެރި އަމާނާތް އަދާކުރުމުގައި، އަޅުގަނޑަށް މަދަދާއި ވާގިވެރިކަން ދެއްވުން އެދި، ކޮންމެ ކަމަކަށް ކުޅަދުންވަންތަ ﷲގެ ޙަޟްރަތުގައި އިބްތިހާލްވެ ދަންނަވަން."
މިބަސްފުޅުން އެނގިގެންދަނީ މިދިއަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ކަމަށް ވާދަކުރެއްވުމުގެ ފުރުޞަތު އެމަނިކުފާނަށް ލިބިވަޑައިގެންނެވީ އަދި އިންތިޚާބު ކާމިޔާބު ކުރެއްވެވުނީ އެމަނިކުފާނު ދުރާލައި އެކަމަށް ތައްޔާރުވެވަޑައިގެން ކުރެއްވެވި މަސަކަތްޕުޅު ތަކަކުން ނޫންކަމާއި ކީރިތި ޤްރްއާނުގައި ﷲ ތަޢާލާ އިރާދަ ކުރައްވަވައިފި ކޮންމެ ކަމެއް އެއްވެސް ލަހެއް ފަހެއް ނެތި ވެގެންދާނެކަން ބަޔާން ކުރައްވަވާފައިވާ ފަދައިން ހިނގައިދިއަ ކަމެއް ކަމަށް އެމަނިކުފާނު ޔަޤީން ކުރައްވަވާ ކަމެވެ.
އެކަން ބަޔާން ކުރެއްވެވުމާއިއެކު ވިދާޅުވެފައި އެވަނީ އެމަނިކުފާނާއި ﷲ ތަޢާލާ ޙަވާލުކުރެއްވެވި މަތިވެރި އަމާނާތް އަދާކުރެއްވުމުގައި، އަޅުގަނޑަށް މަދަދާއި ވާގިވެރިކަން ދެއްވެވުން އެދިވަޑައިގަންނަވަނީ ކޮންމެ ކަމަކަށް ކުޅަދުންވަންތަ ﷲގެ ޙަޟްރަތުން ކަމެވެ.
"އަހަރެމެން ވޯޓުލީ އިބޫއަކަށް ނޫނޭ. މިވެނި ފިކުރަކަށޭ. ވެރިކަން ކުރަން ޖެހޭނީ އެ ފިކުރަށޭ" ބުނާ މީހުންނަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ މި ބަސްފުޅުން ވަރަށް ބޮޑު އެއްޗެއް އެނގިގެންދާނެއެވެ. އެކަމުގެ އިތުރު ތަފްޞީލުވެސް އެމަނިކުފާނު ވަނީ ރިޔާސީ ބަޔާނުގައި ދެއްވައިފައެވެ. ވިދާޅުވަން ޖެހިވަޑައިގަންނަވާ ވަރަށްވުރެ އިތުރަށް ވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ބަޔާންކޮށް ދެއްވައިފައެވެ.
"އަޅުގަނޑު މަޤާމުގެ ހުވައި ކުރި ދުވަހެކޭ އެއްފަދައިން، ރިޔާސީ އިންތިޚާބުގައި ރައްޔިތުން ވޯޓު ދެއްވި ގޮތުގެ ތަފާތަށް ބެލުމެއްނެތި، ރައްޔިތުންގެ އުއްމީދުތައް ޙާޞިލުކޮށްދިނުމަށްޓަކައި، ރައްޔިތުންގެ ޚިދުމަތުގައި އަޅުގަނޑު ދެމިހުންނާނެ" ކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވަވައިފައެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ އެމަނިކުފާނު ބޭނުންފުޅުވާ ގޮތަށް ވެރިކަން ކުރެއްވުމަށް މަޖިލީހުގެ އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފައެވެ. އަދި ވެރިކަން ކުރައްވަން އެމަނިކުފާނު ބޭނުންފުޅުވާ ގޮތް ވަނީ ހާމަ ކުރައްވައިފައެވެ. "ދިވެހި ދައުލަތް ހިންގުމުގެ ހުރިހާ ކަމެއް ތަރުތީބު ކުރެވެމުން ދާނީ، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މައްޗަށް. ދިވެހީންގެ ދީނަކީ، މާތްވެގެންވާ އިސްލާމްދީންކަން، ޤާނޫނުއަސާސީގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި އެބައޮތް. ސަރުކާރުގެ ސިޔާސަތަކީ ވެސް އެއީ" ކަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ބަޔާންކޮށް ދެއްވަވައިފައެވެ. "އެކަލާނގެ މަތިވެރި ރަޙްމަތްފުޅާއެކު، އެ ޒިންމާ އަދާކުރުމުގައި، މި ޢިއްޒަތްތެރި މަޖިލީހުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން އަޅުގަނޑަށް ދެއްވާނެ ކަމަށް ޔަޤީންކުރަން."
ހަމަ އެއާއިއެކު އެމަނިކުފާނަށް ފުރިހަމަ އެއްބާރުލުން ދިނުމަށް ރައްޔިތުންގެ ކިބައިންވެސް ވަނީ އެދިވަޑައިގެންފައެވެ. "ސަރުކާރެއް ދެމިއޮތުމުގެ ބޭނުމަކީ ރައްޔިތުންނަށް ޚިދުމަތްކުރުން. ކޮންމެ ޤައުމެއްގައިވެސް ދައުލަތެއްގެ ސިފަ ޖެހިގެންދަނީ، ސަރުކާރާއި ރައްޔިތުން ގުޅިގެން ހިންގާ ވެރިކަމެއް އޮތުމުން. އެހެންވީމާ، ޙަޤީޤީ ވެރިކަމެއް ދެމިއޮތުމުގެ އެންމެ ވަރުގަދަ ބަހާއަކީ، ކޮންމެ ބަޔަކުވެސް، އެބައެއްގެ ޒިންމާތަކާއި ވާޖިބުތައް އަދާކުރުން." ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މިހުރިހާ ރިޔާސީ ބަޔާނުގައި ބަޔާންކޮށް ދެއްވުމަށްފަހު އެވަރުންވެސް ފުއްދަވައިލެއްވެވީއެއް ނޫނެވެ. ރައްޔިތުންނަށް ފުރަތަމަ ދުވަހު ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުމުގައި ދެމިހުންނަވާނެ ކަމުގެ ޔަޤީން ރިޔާސީ ބަޔާނުގައި ދެއްވާފައިވާނެކަމަށް ފަހުން ވެސް ވަނީ ވިދާޅުވެފައެވެ.
ރިޔާސީ ބަޔާން ދިރާސާ ކުރި ބައެއް މީހުން ބުނެފައިވަނީ ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދިވަޑައިގެން ތިއަ ސާބިތުކަންމަތީގައި ހުންނެވިހައި ދުވަހަކު މާތް ﷲ ކަންކަން ފަހިކޮށްދެއްވަވަމުން ގެންދަވާނެކަން ޔަޤީންކުރެއްވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް ދަންނަވަން ބޭނުންވާ ކަމަށެވެ.
In my Presidential Address, I reaffirmed my assurance to the beloved Maldivian people that I am adamantly committed to fulfill the expectations they have of me. My resolve on the day of my inauguration to be of service to all Maldivians remains intact.
— Ibrahim Mohamed Solih (@ibusolih) February 7, 2019