ސަރުކާރުގެ އިތުރު އެއްވެސް ޢިމާރާތެއް މާލޭގައި ނުހެދުމަށް މި ސަރުކާރުން ވަނީ ނިންމާފައި ކަމަށާއި އެފަދަ ނިންމުމެއް ނިންމާފައިވަނީ މާލޭގައި ހުސް ބިން އިތުރު ކުރުމުގެ ގޮތުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވީ މާލޭގައި މިހާރު ހުރި ބައެއް ބިންތައް ހުސްކޮށް، ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް އަމާންކަމާއެކީ އުޅެވޭފަދަ ޖަޒީރާ މާޙައުލަކަށް ބަދަލުކުރެވޭނެ ކަމަށެވެ.
ރައީސް ޞާލިޙްގެ ރިޔާސީ ބަޔާނުން:
މާލެއަކީ ހިނގާބިނގާވާ މީހުންނަށްވެސް، އަމާން ތަނަކަށް ހެދުމުގެ ގޮތުން، މާލޭގައި މިނީ ބަހުގެ ޚިދުމަތް ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރުވަނީ ފަށާފައި. އެކަމަށް ބޭނުންކުރުމަށް ނިންމާފައިވަނީ ތިމާވެށްޓާ ރަޙްމަތްތެރި މިނީ ބަސް.
މާލޭގެ ހަލަބޮލިކަމާއި ދަތިތަކަކީ، އެކަމުގެ އަސަރު މުޅި ރާއްޖެއަށް ކުރާ ކަންކަން. މާލޭގެ ތޮއްޖެހުން ނައްތާލައި، މާލެއަކީ، މާލޭގައި ދިރިއުޅޭ މީހުންނަށާއި، މާލެއަށް ޒިޔާރަތްކުރާ މީހުންނަށްވެސް، ހިތްފަސޭހަ އަމާން މާޙައުލަކަށް ހެދުމަށް،ސަރުކާރުގެ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައި.
އަޅުގަނޑު މަޤާމުގެ ހުވައި ކުރި ދުވަހެކޭ އެއްފަދައިން، ރިޔާސީ އިންތިޚާބުގައި ރައްޔިތުން ވޯޓު ދެއްވި ގޮތުގެ ތަފާތަށް ބެލުމެއްނެތި، ރައްޔިތުންގެ އުއްމީދުތައް ޙާޞިލުކޮށްދިނުމަށްޓަކައި، ރައްޔިތުންގެ ޚިދުމަތުގައި އަޅުގަނޑު ދެމިހުންނާނެކަން، މިއަދުވެސް އަޅުގަނޑު ތިޔަ ޢިއްޒަތްތެރި މެމްބަރުންނަށް ޔަޤީންކޮށް އަރުވަން.
ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު އަގުހެޔޮކޮށް ވައިގެ މަގުން ދަތުރުކުރެވޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމުގެ ގޮތުން، މޯލްޑިވިއަން އިން ކުރާ އެތެރޭގެ ދަތުރުތަކުގެ ޓިކެޓްގެ އަގު މިހާރުވާނީ، 25 ޕަސެންޓާއި 30 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ހެޔޮކޮށްފައި.
ސަރުކާރުގެ މޫނުބަލާ ލޯގަނޑު ކަމުގައި އަޅުގަނޑު ގަބޫލުކުރާ، ނޫސްވެރިކަމުގެ މިނިވަންކަންވެސް، މި ވެރިކަން ފެށުނުއިރު އޮތީ، އަބުރުގެ ޤާނޫނުގެ ވަކިތަކުގެ ތެރޭގައި ކަސްތޮޅުއެޅި ޒަޚަމްވެފައި. މާތް ﷲގެ ވާގިފުޅާއެކު، އަޅުގަނޑު ވާނީ އެ ޤާނޫނު އުވާލައި، ނޫސްވެރިކަމަށް މިނިވަން ޖައްވެއް ޤާއިމުކޮށްދީފައި.
ސަރުކާރެއް ދެމިއޮތުމުގެ ބޭނުމަކީ ރައްޔިތުންނަށް ޚިދުމަތްކުރުން. ކޮންމެ ޤައުމެއްގައިވެސް ދައުލަތެއްގެ ސިފަ ޖެހިގެންދަނީ، ސަރުކާރާއި ރައްޔިތުން ގުޅިގެން ހިންގާ ވެރިކަމެއް އޮތުމުން. އެހެންވީމާ، ޙަޤީޤީ ވެރިކަމެއް ދެމިއޮތުމުގެ އެންމެ ވަރުގަދަ ބަހާއަކީ، ކޮންމެ ބަޔަކުވެސް، އެބައެއްގެ ޒިންމާތަކާއި ވާޖިބުތައް އަދާކުރުން.
ޤުދުރަތުގެ މަތިވެރި ނިޔާގެ މަތީން، މި ރާއްޖޭގެ ރައްޔިތުންގެ އެންމެހައި ޙައްޤުތައް ރައްކާތެރިކުރުމުގެ މަތިވެރި އަމާނާތާ، މިވަގުތު ޙަވާލުވެހުރި މީހަކީ އަޅުގަނޑު. މި މަތިވެރި އަމާނާތް އަދާކުރުމުގައި، އަޅުގަނޑަށް މަދަދާއި ވާގިވެރިކަން ދެއްވުން އެދި، ކޮންމެ ކަމަކަށް ކުޅަދުންވަންތަ ﷲގެ ޙަޟްރަތުގައި އިބްތިހާލްވެ ދަންނަވަން. އެކަލާނގެ މަތިވެރި ރަޙްމަތްފުޅާއެކު، އެ ޒިންމާ އަދާކުރުމުގައި، މި ޢިއްޒަތްތެރި މަޖިލީހުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން އަޅުގަނޑަށް ދެއްވާނެ ކަމަށް ޔަޤީންކުރަން.