މާލޭގައި ދިރިއުޅޭ މީހުންނަށް ހުޅުމާލޭގައި އިތުރު 4000 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް މި އަހަރު ފެށޭނެ: ރައީސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
މާލޭގައި ދިރިއުޅޭ މީހުންނަށް ހުޅުމާލޭގައި އިތުރު 4000 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް މި އަހަރު ފެށޭނެ: ރައީސް

މާލޭގައި ދިރިއުޅޭ މީހުންނަށް، ހުޅުމާލޭގައި އިތުރު 4000 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަށް، ޢަދުލުވެރި އަދި އިތުބާރު ހިފޭ ޙައްލެއް ހޯދުމަށްޓަކައި، "ހައުސިންގ ނީޑް އެސެސްމަންޓެއް" ހެދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި ކަމަށެވެ. އަދި އެ މަސައްކަތް ނިމުމުން، މުޅި ރާއްޖެއަށް އަމާޒުކޮށް، ބޯހިޔާވަހިކަމުގެ ޤައުމީ ސިޔާސަތު އެކުލަވާލައި، ތަންފީޒުކުރަން މި އަހަރު ފެށޭނެ ކަމަށެވެ. 

ރައީސް ޞާލިޙްގެ ރިޔާސީ ބަޔާނުން: 

އެކި ރަށްރަށުގައި މި އަހަރު އަލަށް ހަދާ 550 ހައުސިންގ ޔުނިޓްގެ މަސައްކަތް، ބީލަމަށްލުމަށް މިހާރު އަންނަނީ ތައްޔާރުވަމުން. މަސައްކަތް ފަށައި، ނުނިމި ހުރި 1500 އަށްވުރެ ގިނަ ހައުސިންގ ޔުނިޓް ނިންމުމުގެ މަސައްކަތްވެސް މިހާރު ވަނީ އަލުން ފަށާފައި. 

ކުރީ ސަރުކާރުގެ [ހިޔާ] މަޝްރޫޢުގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ލިޔުން ދީފައިވާ މީހުންނާއި، މަތިން ޕޮއިންޓް ލިބި، ފްލެޓް ނުލިބުނު މީހުންގެ މައްސަލަތަކަކީވެސް، ކުރީ ސަރުކާރުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ މައްސަލަތަކެއް. 

އެ މައްސަލަތަކުގެ އިތުރުން، ގެދޮރުވެރިކަމުގެ މަޝްރޫޢުގެ ކަންކަމާއި، ގުޅީފަޅު މަޝްރޫޢުގެ މައްސަލަވެސް، އިރާދަކުރެއްވިއްޔާ މި ސަރުކާރުން ޙައްލުކޮށްދޭނަން. ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމާ ގުޅޭ ދެ ޤާނޫނެއްގެ މަސައްކަތްވެސް މިހާރު އަންނަނީ ކުރަމުން. އެއީ، ހިޔާވަހިކަމާއި އިމާރާތް ކުއްޔަށް ދިނުމުގެ އުސޫލުތައް ބަޔާންކުރާ [ޓެނެންސީ އެކްޓް] އާއި، އެއްމެދު ޢިމާރާތްތަކާ ބެހޭ އުސޫލުތައް ކަނޑައަޅައިދޭ [ކޮންޑޮމީނިއަމް އެކްޓް]. 

ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް، އެއް ފުރާޅެއްގެ ދަށުން ހިންގުމަށްޓަކައި، [ނޭޝަނަލް ހައުސިންގ ކޯޕަރޭޝަން]ގެ ނަމުގައި ކުންފުންޏެއް އުފެއްދުމަށް އަޅުގަނޑު ގަސްދުކުރަން. އަޅުގަނޑުގެ އަމާޒަކީ، މީގެ ކުރިން ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ އަގަށްވުރެ، ހެޔޮއަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުން.

މިއަދު އޮންލައިން