ޤައުމީ އާމްދަނީން ސީދާ ރައްޔިތު މީހާގެ ޖީބަށް ވަންނަ މިންވަރު އަދިވެސް އިތުރެއްނުވޭ: ރައީސް ޞާލިޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 58ސ
ޤައުމީ އާމްދަނީން ސީދާ ރައްޔިތު މީހާގެ ޖީބަށް ވަންނަ މިންވަރު އަދިވެސް އިތުރެއްނުވޭ: ރައީސް ޞާލިޙް

ޤައުމީ އާމްދަނީން ބޮލަކަށް ޖެހޭ ނިސްބަތް ކިތަންމެ މަތީގައި ހުރި ނަމަވެސް އެ އާމްދަނީން ސީދާ ރައްޔިތު މީހާގެ ޖީބަށް ވަންނަ މިންވަރު، އަދިވެސް އިތުރުނުވާ ކަމަށާއި ގިނަ ރަށްރަށުގެ ރައްޔިތުން އަދިވެސް ތިބީ އެންމެ އަސާސީ ޚިދުމަތްތަކުންވެސް މަޙްރޫމްވެފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވީ އެފަދަ ރަށްރަށުގައި  ސާފު ބޯފެނާއި، ނަރުދަމާ ނިޒާމުގެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ. އަދި މި ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި، ރަށުގެ އާބާދީގެ ކުޑަބޮޑުމިނަށް ބެލުމެއްނެތި، އެއް އުސޫލަކުން، ހުރިހާ ރަށެއްގައި އެ ޚިދުމަތްތައް ޤާއިމުކުރެވިގެންދާނެ ކަމަށެވެ. 

ރައީސް ޞާލިޙްގެ ރިޔާސީ ބަޔާނުން: 

މި ރާއްޖޭގެ ޤުދުރަތީ މުއްސަނދިކަމުގެ އެންމެ މުހިންމު ބަޔަކީ، މިޤައުމުގެ ނާޒުކު ތިމާވެށި. މި ރާއްޖޭގެ ޖަޒީރާވަންތަ ސިފަ ދެމެހެއްޓުމަށްޓަކައި، ތިމާވެށި ޙިމާޔަތްކުރުމުގެ ގޮތުން، ރަށްރަށުގެ ޤުދުރަތީ ވެށި ޙިމާޔަތްކުރުމުގެ މަސައްކަތް ޚާއްޞަ އިސްކަމެއްދީގެން މި ސަރުކާރުން ކުރާނެ.

ދިވެހިރާއްޖެއަކީ މާކަނޑުގެ ރާއްޖެއަކަށްވީ ހިނދު، މި ޤައުމުގެ ދިރުން ގުޅިފައިވަނީ ކަނޑުތަކާއި، ފަރުތަކާއި، ހޭޅިފަށާއި، އެ ތަންތަނުގެ ދިރުމާ. ރަށްތަކުގެ ދިރުން ރައްކާތެރިކޮށް، އަންނާން އޮތް ޖީލުތަކަށް މި ރާއްޖެ ވާޞިލު ކޮށްދިނުމަކީ، އަޅުގަނޑުމެން އެންމެންގެ ޒިންމާއެއް. ތަރައްޤީގެ ހުރިހާ ކަމެއްވެސް ބައްޓަންކުރާނީ، މި ޤުދުރަތީ ރީތި ރާއްޖެ ދެމެހެއްޓޭނެ ގޮތަށް. ރައްކާތެރި އަދި ދެމެހެއްޓެނިވި ވެށްޓެއް ދިވެހިރާއްޖޭގައި ކަށަވަރު ކުރެވޭނީ، ޤުދުރަތީ މި އަގުހުރި ވަސީލަތްތައް، އޭގެ އަސްލު ނުގެއްލޭނެ ގޮތަށް ބެލެހެއްޓިގެން. ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ދިވެހިރާއްޖޭގެ ނަން އަނެއްކާވެސް ފަވާލާނީ ތިމާވެށީގެ ލީޑަރެއްގެ ގޮތުގައި. 

ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ، މި އަހަރުގެ ތެރޭގައި އެކުލަވައިލެވޭ ގްރީން ފަންޑަށް ޚާއްޞަކޮށް، އެ ފައިސާ ޚަރަދުކުރުމަށް މިހާރު ނިންމާފައިވަނީ ތިމާވެށި ޙިމާޔަތް ކުރުމަށާއި، ސާފު ބޯފެން ފޯރުކޮށްދިނުމަށާއި، ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަށް ކުރެވޭ މަސައްކަތްތަކަށް. 

ކަރަންޓު އުފެއްދުމަށްޓަކައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް،އިޢާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުން އިތުރުކުރުމުގެ ގޮތުން، މި އަހަރުގެ ތެރޭގައި އިތުރު 82 ރަށެއްގައި، އަވިން ހަކަތަ އުފައްދާ ނިޒާމު ޤާއިމުކުރެވޭނެ. އެ ރަށްރަށުގައި މި ނިޒާމު ޤާއިމުކުރުމުން، އިޢާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދޭ މިންވަރު، މިހާރާ އަޅައިބަލާއިރު ދެ ގުނަ އިތުރުވެގެންދާނެ. 

ރާއްޖެއަކީ މުއްސަނދި ތަރިކައަކާއި، ޒަމާންވީ ސަގާފަތެއް އޮތް ޤައުމެއް.  ރާއްޖޭގެ ސަގާފީ ތަރިކައަށް ޤާނޫނުގެ ރައްކާތެރިކަން ހޯދައިދިނުމަށްޓަކައި، އެކަމާ ގުޅޭ ބިލް، މިއަހަރުގެ ތެރޭގައި މި ޢިއްޒަތްތެރި މަޖިލީހަށް ފޮނުވުމަށް އަޅުގަނޑު ޤަޞްދުކުރަން. 

ތަރިކައިގެ ގޮތުގައި ބެލެވޭ ދުވަސްވީ ބިނާތަކާއި، އާސާރު އެކުލެވޭ ތަންތަން ބެލެހެއްޓުން، ކައުންސިލްތައް މެދުވެރިކޮށް ހަރުދަނާ ކުރެވިގެންދާނެ. ޒަމާނީ ވަސީލަތްތަކާއި ޓެކްނޯލޮޖީ ބޭނުންކޮށްގެން، ސަގާފީ ތަރިކަ ޑޮކިއުމެންޓް ކުރުމުގެ މަސައްކަތްވެސް، އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި ފެށިގެންދާނެ.

 

މިއަދު އޮންލައިން