ތަރައްޤީގެ ރަސްމަގު ހޯދުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅަކީ، ތަޢުލީމީ ޒުވާން ޖީލެއް ބިނާކުރުން - އެކަމަށް މިގެންދަނީ މަގުފަހިކުރަމުން: ރައީސް ޞާލިޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 35ސ
ތަރައްޤީގެ ރަސްމަގު ހޯދުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅަކީ، ތަޢުލީމީ ޒުވާން ޖީލެއް ބިނާކުރުން - އެކަމަށް މިގެންދަނީ މަގުފަހިކުރަމުން: ރައީސް ޞާލިޙް

ތަރައްޤީގެ ރަސްމަގު ހޯދުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅަކީ ތަޢުލީމީ ޒުވާން ޖީލެއް ބިނާކުރުން ކަމަށާއި ސަރުކާރުން ގެންދަނީ އެކަމަށް   މަގުފަހިކުރަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވީ އެ އަމާޒަށް ވާޞިލުވުމަށްޓަކައި، ދިވެހި ޒުވާނުންރާއްޖޭގައި ތިބެގެން، ފުރަތަމަ ޑިގްރީ އާއި ހަމައަށް ހިލޭ ކިޔެވޭނެގޮތް، މި މަސް ނިމުމުގެ ކުރިން ހަމަޖެހޭނެ ކަމަށެވެ. 

ރައީސް ޞާލިޙްގެ ރިޔާސީ ބަޔާނުން: 

މިއަހަރުގެ ބަޖެޓުންވެސް އެންމެ ބޮޑު އިންސައްތައެއް، ތަޢުލީމީ ދާއިރާއަށް ހޭދަކުރުމަށް އަޅުގަނޑުމެން ކަނޑައެޅީވެސް، ޤައުމީ ތަރައްޤީގެ ދުވެލި ހަލުވި ކުރުމަށްޓަކައި. އެއީ 3.4 ބިލިއަން ރުފިޔާ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް، ބަޖެޓުގެ މިހާ މަތީ މިންވަރެއް، ތަޢުލީމަށް ކަނޑައެޅި ފުރަތަމަ ފަހަރު. މި ސަރުކާރުން ޒުވާނުންނަށް މަތީ ތަޢުލީމު ދޭނެ. އެންމެންނަށް ކިޔަވައިދީ ތަމްރީނު ދޭނެ. އެއާއެކު ވަޒީފާގެ ފުރުޞަތުވެސް ހޯދައިދޭނެ.

ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ދޫކުރާ ސްޓޫޑެންޓް ލޯނުގެ އިންޓްރެސްޓް، ތިން އިންސައްތައަށް ކުޑަކޮށް، ލޯނު ދައްކަންޖެހޭ މުއްދަތު މިހާރުވާނީ 25 އިންސައްތަ އިތުރުކޮށްދީފައި. މި ބަދަލު އައުމުން، އެންމެ މަތިން ލޯނު ނަގާ ދަރިވަރުން، މަހަކު ދައްކަންޖެހޭ ޢަދަދުން ގާތްގަނޑަކަށް 4000.00 ރުފިޔާ އުނިވެގެންދާނެ.

މިދިޔަ އަހަރު ސަރުކާރުން އިއުލާނުކުރި ލޯން ސްކީމްގެ ތެރެއިން، ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް، މި ދެންނެވި އިންޓްރެސްޓް ކުޑަ ލޯން ސްކީމުގެ ތެރެއިން ލޯނު ހަމަޖެހިގެންދާނެ. އަދި އިތުރު ފުރުޞަތުތަކަށް ވަރަށް އަވަހަށް ހުޅުވައިލެވޭނެ.  މި ލޯން ސްކީމްގައި ސާރކް ގައުމުތަކުގެ އިތުރުން، މެލޭޝިޔާ، ތައިލެންޑް، ފިލިޕީންސް އަދި ޗައިނާއިން ކިޔެވޭނެގޮތް މި އަންނަނީ ހަމަޖައްސަމުން.

ހިނގަމުންމިދާ ދިރާސީ އަހަރުގެ ފުރަތަމަ ދުވަހާއެކު، ރާއްޖޭގެ 25 ސްކޫލެއްގައި ވަނީ، ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދޭން ފަށާފައި. މި އަހަރުގެ ދެވަނަ ޓާރމްގެ ކިޔެވުން ފެށޭއިރު، ރާއްޖޭގައި މިހާރު ހުރި 213 ސްކޫލްގައި ނާސްތާ ޕްރޮގްރާމް ކުރިއަށްދާނެ. 

ވަށައިޖެހޭ ތަޢުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން، 144 ސްކޫލެއްގައި މިހާރު އަންނަނީ އެއްދަންފަޅިއަށް ކިޔަވައިދެމުން. އަދި އިތުރު 69 ސްކޫލެއް، އެއްދަންފަޅިއަށް ބަދަލުކުރުމަށް ބޭނުންވާ ވަސީލަތްތައް ދެނެގަތުމުގެ އޮޑިޓެއް ހަދައި، އެކަން ކުރެވޭނެ ގޮތުގެ ޕްލޭނެއް، މިހާރު އަންނަނީ ތައްޔާރު ކުރަމުން.

ދިވެހީންނަށް ވަޒީފާ ހޯދައިދިނުމުގެ ސިޔާސަތުގެ ދަށުން، މިއަހަރުގެ ތެރޭގައި، ދިވެހި 580 ޓީޗަރުން ވަޒީފާއަށް ނެރެވުނު. ރާއްޖޭގެ ސްކޫލްތަކުގައި މިއަދާ ހަމަޔަށް 7627 ދިވެހި ޓީޗަރުން އެބަތިބި. ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން، މިއަހަރު ދަސްވެނިވާ 600 އަށްވުރެ ގިނަ މުދައްރިސުންނަކީ، ތަޢުލީމީ ދާއިރާގައި، ޒުވާނުން އިތުރުކުރުމުގެ ސިޔާސަތު ތަންފީޒު ކުރުމަށް ލިބޭނެ، އިތުރު ބާރަކަށް ވެގެންދާނެ.

 

މިއަދު އޮންލައިން