ޞިއްޙީ ޚިދުމަތްދޭ ތަންތަން އެއް ވިޔުގައަކުން ގުޅާލެވިއްޖެ- ސްކޫލްތައްވެސް ގުޅާލެވިއްޖެ - ޓެކްނޮލޮޖީ ބޭނުންކޮށްގެން އިތުރު ކުރިއެރުން ހޯދާނަން!: ރައީސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 20ސ
ޞިއްޙީ ޚިދުމަތްދޭ ތަންތަން އެއް ވިޔުގައަކުން ގުޅާލެވިއްޖެ- ސްކޫލްތައްވެސް ގުޅާލެވިއްޖެ - ޓެކްނޮލޮޖީ ބޭނުންކޮށްގެން އިތުރު ކުރިއެރުން ހޯދާނަން!: ރައީސް

ސަރުކާރުގެ ޞިއްޙީ ޚިދުމަތުގެ ނިޒާމުގެ ތެރޭގައި ހިމެނޭ ހުރިހާ ހޮސްޕިޓަލްތަކާއި، ޞިއްޙީ މަރުކަޒުތަކާއި، ހެލްތު ޕޯސްޓުތައް މިހާރުވަނީ ޑިޖިޓަލް ވިއުގައިން ގުޅާލެވިފައި ކަމަށާއި ތަޢުލީމީ ނިޒާމަށްވެސް ވަނީ އެ ބަދަލު ގެނެވިފައި ކަމަށް އަދި ސަރުކާރުން ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އިތުރު ކުރިއެރުން ހޯދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވީ ކިތަންމެ ގިނަ ފައިސާއެއް ހޭދަކޮށް، ކިތަންމެ ގިނަ ވަސީލަތެއް ބޭނުންކުރި ނަމަވެސް ޤައުމީ ތަރައްޤީގެ ފަތިހަކަށް އަލިވިލޭނީ، އިންސާނާގެ ނަފްސާއި، އޭނާގެ ޒާތަށް ކުރިއެރުން ލިބިގެން ކަމަށާއި އިންސާނާގެ ޙަޤީޤީ ތަރައްޤީ ބިނާވެފައިވަނީ، އޭނާގެ ހަށިހެޔޮކަމާއި، ޞިއްޙަތުގެ ދުޅަހެޔޮކަމާއި، ބުއްދީގެ ޤާބިލުކަމުގެ މައްޗަށް ކަމަށެވެ. 

މިހާރުގެ ޙާލަތަށް ބަލާއިރު، ދިވެހީންގެ ވިސްނުމަށާއި ޞިއްޙަތަށް ހުރި އެންމެ ބޮޑު ނުރައްކަލަކީ، ސިއްޙަތަށް ގެއްލުން ހުރި ތަކެތީގެ ބޭނުންކުރުމާއި، ގައިންގައަށް ނާރާ ބަލިތައްކަން ފާހަގަކުރައްވައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ޞިއްޙަތަށް ނުރަނގަޅު ކާބޯތަކެއްޗާއި، ނުރަނގަޅު އާދަތަކުން ދިވެހީން ހަލާކުވަމުން ދަނީ ހިތާމަކުރަންޖެހޭ މިންވަރަށް ކަމަށެވެ. 

ރައީސް ޞާލިޙްގެ ރިޔާސީ ބަޔާނުން: 

އެފަދަ ބަލިތަކަށް މީހާ ވާޞިލުކުރާ އެކައްޗަކީ، ދުންފަތާއި ދުންފަތުގެ އުފެއްދުންތައް. ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާބެހޭ ގަވާއިދަށް، ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް ކަމަށްވާ، މެއި މަހުގެ 31 ވަނަ ދުވަހު ޢަމަލުކުރަން ފެށުމުން، ވަކިވަކިން ބިޑި، ސިނގިރޭޓް ސުއްޓާ ވިއްކުން މަނާވާނެ.

ތެލަސީމިޔާ ކުދީންގެ ޢަދަދު، އަހަރުން އަހަރަށް އިތުރުވަމުން ދިޔުމަކީ، ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް. ތެލަސީމިއާ ކުދިންގެ ލޭގައި ހުންނަ ދަގަނޑުގެ މިންވަރު ދެނެގަތުމަށް ހަދާ "ސީރަމް ފްރިޓީން" ޓެސްޓު، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ހެދޭނެ އިންތިޒާމު، މި އަހަރުގެ ތެރޭގައި ހަމަޖެހިގެންދާނެ.

އޭގެ އިތުރުން، ރާއްޖޭގައި އިތުރުވަމުން އަންނަ "ސަރވިކަލް ކެންސަރ" ބަލި ޖެހޭ އަންހެނުންގެ ޢަދަދު މަދުކުރުމަށްޓަކައި، ނުވަ އަހަރާއި ތޭރަ އަހަރާ ދެމެދުގެ އަންހެން ކުދީންނަށް، އެޗް.ޕީ.ވީ ވެކްސިން، މި އަހަރުގެ ތެރޭގައި ދޭން ފެށޭނެ. އަދި އަޅުގަނޑުމެން ވަޢުދުވެފައިވާ ފަދައިން، ރާއްޖޭގެ އުތުރާއި ދެކުނުގައި، ޓަރޝަރީ ހޮސްޕިޓަލްތައް ޤާއިމުކުރުމަށްޓަކައި، ކުރަންޖެހޭ މަސައްކަތްތައް މި އަންނަނީ ކުރަމުން.

ނަފްސާނީ ބަލިތަކަށް ފަރުވާދިނުމަށް އުފައްދާ "ނޭޝަނަލް މެންޓަލް ހެލްތު ސެންޓަރ"، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި ޤާއިމުކުރެވި، އެފަދަ ބަލިތަކަށް އާސަންދަ ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ. މިކަމަށް ބޭނުންވާ ވަސީލަތްތައް އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި މިހާރު އަންނަނީ ޤާއިމުކުރަމުން. އަދި މިކަމަށް ބޭނުންވާ މެންޓަލް ހެލްތު ބިލްވެސް، މި އަހަރުގެ ތެރޭގައި މަޖިލީހަށް ހުށަހެޅޭނެ.

ދިވެހިން އެންމެ ގިނައިން ގޮސް އުޅޭ، އިންޑިޔާ، ސްރީލަންކާ އަދި މެލޭޝިޔާގައި ދިރިއުޅޭ ދިވެހީންނަށްވެސް، އެ ޤައުމުތަކުގެ ކަނޑައެޅޭ ވަކި ހޮސްޕިޓަލްތަކަކުން އާސަންދައިގެ ޚިދުމަތް ލިބޭނެގޮތް ހަމަޖެއްސުމަށްޓަކައި، ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުގެ އިދާރާތަކުން މިހާރު އަންނަނީ ކުރަމުން. މިއާއެކު، ލަންކާގައި ދިރިއުޅޭ ދިވެހީންނަށް، އަންނަ އެޕްރީލް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އާސަންދައިގެ ޚިދުމަތް ލިބެން ފަށާނެ.

ޢުމުރުން ދުވަސްވެ، އަޅައިލާނެ ފަރާތެއްނެތި އެކަނި ދިރިއުޅެމުން އަންނަ މީހުންނަށް، ދައުލަތުގެ ފަރާތުން ހިޔާވަހިކަމެއް، ނުވަތަ އެލްޑަރލީ ހޯމްއެއް ހަމަޖައްސައިދިނުމަށްވެސް، މިހާރު މި އަންނަނީ މަސައްކަތް ކުރަމުން.

 

މިއަދު އޮންލައިން