ސަރުކާރުގެ އަމާޒަކީ، މިއަހަރުގެ ތެރޭގައި 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ގެނައުން ކަމަށާއި ދުނިޔޭގެ އިތުރު މާކެޓުތަކުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް، މި ވެރިކަމުގެ ފަސް އަހަރު ނިމޭއިރު، އަހަރަކު 2.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް އަމާޒުކުރައްވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވީ ރާއްޖޭގެ ކޮންމެ އަތޮޅަކީވެސް، ޚާއްޞަ ސިފަތަކެއް ލިބިގެންވާ ނާދިރު އަތޮޅެއް ކަމަށާއި އެކަންކަމަށް ފަތުރުވެރިންގެ ޝައުޤުވެރިކަން އިތުރުކޮށް، ރާއްޖޭގެ އެކި ސަރަޙައްދުތައް، ވަކިވަކި މަންޒިލްތަކެއްގެ ގޮތުގައި، ތަރައްޤީކޮށް މާކެޓުކުރުމުގެ މަސައްކަތް މި އަހަރު ފެށޭނެ ކަމަށެވެ. އެއިރުން ރާއްޖޭގެ އުތުރާއި ދެކުނުގައި ފަތުރުވެރިކަމުގެ ޞިނާޢަތަށް އިތުރު ދިރުމެއް އަންނާނެ ކަމަށެވެ.
ރައީސް ޞާލިޙްގެ ރިޔާސީ ބަޔާނުން:
ރާއްޖޭގެ މުޅި އިޤްތިޞާދުގެ 70 އިންސައްތަ ޙިއްޞާކުރަނީ ފަތުރުވެރިކަން. މިދިޔަ އަހަރު ނިމުނުއިރު، ތަފާތު މަންޒިލްތަކުން ރާއްޖެއަށް 1.4 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރި. މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގައި ހުރި 145 ރިޒޯޓާއި، 521 ގެސްޓްހައުސްގައި، 44,860 އެނދު ހުރި.
މި އަހަރުގެ ތެރޭގައި އަލަށް ހުޅުވާ 20 ރިޒޯޓާއެކު، ޓޫރިސްޓް އެނދުގެ ޢަދަދު 47,000 އަށްވުރެ އިތުރުވެގެންދާނެ.
ރާއްޖޭގެ އިޤްތިޞާދުގެ ރޫފަ ހެޔޮކުރުމަށާއި، ފަތުރުވެރިކަމުގެ ނަފާ އިތުރުކުރުމަށްޓަކައި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ފެންވަރު މަތިކޮށް، ޖާގަ ތަނަވަސްކުރުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް. މިހާރު އެ އެއަރޕޯޓް ބޭނުންކުރާ ފަތުރުވެރިންނާއި ދަތުރުވެރިންގެ ޢަދަދުވަނީ، އެތަނުގެ ޖާގައަށްވުރެ ދެގުނަ އިތުރުވެފައި.
ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތަށް ކޮންމެ އަހަރަކު އެތައް ރިޒޯޓަކާއި، އެތައް ގެސްޓްހައުސްއެއް އިތުރުވަމުން އަންނައިރު، ފަތުރުވެރިކަން ކުރިއަރަމުން އަންނަ މިންވަރަށް، އެއަރޕޯޓުގެ ޚިދުމަތްތައް ތަރައްޤީ ނުވުމަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތަށް ކުރިމަތިވެފައި އޮތް ވަރަށް ބޮޑު ގޮންޖެހުމެއް.
އެއަރޕޯޓުގެ އައު ރަންވޭގެ ހުރިހާ މަސައްކަތެއް ނިމިފައިވިޔަސް، އައު ޓަރމިނަލް ހަދައިގެން ނޫނީ، އެ ރަންވޭގެ ބޭނުން އެންމެ އެކަށޭނަ ގޮތެއްގައި ހިފޭކަށް ނެތް. އެހެންކަމުން، އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ މަސައްކަތްތައް މި އަންނަނީ ކުރަމުން.
އެއަރޕޯޓްގެ ތަރައްޤީއާ އެކުއެކީގައި، ރާއްޖޭގެ ބައިނަލްއަޤްވާމީ ކަނޑުގެ ބަނދަރުގެވެސް ކެޕޭސިޓީ އިތުރުކޮށް، ޚިދްމަތް ރަނގަޅު ކުރަން ވަނީ ޖެހިފައި. ރާއްޖެއަކީ ގާތްގަނޑަކަށް ހުރިހާ ކަމަކަށްހެން އިމްޕޯޓަށް ބަރޯސާވެފައިވާ ޤައުމަކަށްވާއިރު، މާލޭ ކޮމާރޝަލް ހާބަރަށް ދިމާވެފައިވާ ތޮއްޖެހުންތަކުގެ ސަބަބުން، ވިޔަފާރިތަކަށްވަނީ ނުހަނު ދަތިތަކާ ކުރިމަތިލާންޖެހިފައި.
މިކަމަށް ޙައްލެއް ހޯދުމަށްޓަކައި، ގުދަން ކުރުމާއި ލޮޖިސްޓިކް ޚިދްމަތްތައް ހިމެނޭ ގޮތަށް، ތިލަފުށީގައި ޒަމާނީ ފެންވަރުގެ ބަނދަރެއް ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް، އިރާދަކުރެއްވިއްޔާ މިއަހަރުގެ ފަހުކޮޅު ފެށިގެންދާނެ. މިބަދަލުތައް އައުމުން، މާލޭގައި ހުރި ގުދަންތަކާއި، ޞިނާޢީ މަސައްކަތް ކުރާ ގިނަ ތަންތައް މާލެއިން ބޭރުވެ، މާލޭގެ ތޮއްޖެހުމަށް ބޮޑު ލުޔެއް ލިބިގެންދާނެ.