މެޑަމް ސާޖިދާގެ އަރިހަށް، ޕާކިސްތާނުގެ ސަފީރުގެ އަނބިކަނބަލުން ވަދާޢީ ޒިޔާރަތް ކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
މެޑަމް ސާޖިދާގެ އަރިހަށް، ޕާކިސްތާނުގެ ސަފީރުގެ އަނބިކަނބަލުން ވަދާޢީ ޒިޔާރަތް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ އަރިހަށް، އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ އަނބިކަނބަލުން، މެޑަމް ހުމައިރާ ލޯދީ، ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު މުލީއާގޭގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، ޒަމާނުއްސުރެ ޕާކިސްތާނުން ރާއްޖެއަށް ވެދެމުން އަންނަ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި އެކަމުގެ އަގު ވަޒަންކުރައްވާފައެވެ. އަދި ދާދިފަހުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، ޕާކިސްތާނުން އަދާކުރެއްވި ފުރިހަމަ މެހްމާންދާރީއަށް ޝުކުރު ދަންނަވަމުން، މި ދަތުރުފުޅުގެ ސަބަބުން ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ފުރުޞަތު ފަހިވެގެންދިޔަކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އަންހެނުންގެ ދައުރު ފުޅާކޮށް ބާރުވެރިކުރުވުމަށާއި، ރާއްޖެއާއި ޕާކިސްތާނުގެ ރައްޔިތުންގެ މެދުގައި އޮންނަ އިޖްތިމާޢީ ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މުހިންމުކަމުގެ މައްޗަށް ދެކަނބަލުންގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި މެޑަމް ހުމައިރާ ލޯދީ ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށާއި، ދިވެހި ސަރުކާރާއި، ރައްޔިތުންނަށް ފާގަތި މުސްތަޤުބަލަކަށް އެދިވަޑައިގެން، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމާއި ގާތްގުޅުން، ކުރިމަގުގައިވެސް އިތުރަށް ހަރުދަނާވެގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފައެވެ.

މިއަދު އޮންލައިން