2040 އަށް ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް މާނަހުރި ބައިނަލްއަޤްވާމީ ގުޅުންތައް ބޭނުންވޭ: ޚާރިޖީ ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 2މ
2040 އަށް ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް މާނަހުރި ބައިނަލްއަޤްވާމީ ގުޅުންތައް ބޭނުންވޭ: ޚާރިޖީ ވަޒީރު

2040 ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖެ ތަރައްޤީވެފައިވާ ޤައުމުތަކުގެ ސަފަށް ގެންދިއުމަށް ސަރުކާރުން ގެންގުޅުއްވާ ތަސައްވުރު ޙާޞިލުކުރުމުގައި އެންމެ މުހިންމު އެއް އަސާސަކީ ބައިނަލްއަޤްވާމީ މައިދާނުގައި ބަދަހިކުރެވޭ މާނަހުރި އަދި ހަރުދަނާ ގުޅުންތައް ކަމަށް ޚާރިޖީ ވަޒީރު އިރުތިޝާމް ޢާދަމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ޑިޕްލޮމެސީ ވީކް ފާހަގަކުރުމުގެ ގޮތުން ޚާރިޖީ ވުޒާރާގެ ޓީމަކާއި ރާއްޖޭގައި މަސައްކަތްކުރައްވާ ބޭރުގެ ޑިޕްލޮމެޓުންގެ ޓީމަކާ ދެމެދު ކުޅުނު އެކުވެރިކަމުގެ ފުޓްސަލް މެޗު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ، ދިވެހި ރައްޔިތުންނަށް ފާގަތި، ވިލުންވެރި، އަދި ކުރިއަރާފައިވާ ޤައުމެއް ޙައްޤުވާ ކަމަށެވެ. އެހެންކަމުން މި އަމާޒަށް ވާސިލުވުމަށްޓަކައި ޤައުމުގެ އެތެރޭގައި ކުރެވޭ މަސައްކަތްތަކުގެ އިތުރުން، ބައިނަލްއަޤްވާމީ މުޖުތަމަޢާ ގުޅިގެން ކުރެވޭ މަސައްކަތްތައް ނުހަނު ބޭނުންތެރިކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ރާއްޖޭގައި ހަރަކާތްތެރިވާ ބޭރުގެ ޑިޕްލޮމެޓުން ތަމްސީލުކުރައްވާ ޤައުމުތަކުން އިންވެސްޓްމަންޓްތަކާއި، ތަރައްޤީގެ އެއްބާރުލުމާއި، ތަޢުލީމާއި، ފަންނީ އެހީތެރިކަމުގެ އިތުރުން ޤާބިލުކަން އިތުރުކުރުމުގެ ދާއިރާތަކުން ފޯރުކޮށްދެމުންދާ އެހީތެރިކަމަކީ ފާހަގަކޮށްލަންޖެހޭ މުހިންމު ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ޚާރިޖީ ސިޔާސަތުގެ މައްޗަށް އަލިއަޅުވާލައްވަމުން ވަޒީރު އިރުތިޝާމް ޢާދަމް ވިދާޅުވީ، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ކަމުގައިވާ "މޯލްޑިވްސް ފަސްޓް" ސިޔާސަތު ބިނާވެފައިވަނީ ދެފަރާތަށްވެސް ފައިދާވާ، އަދި އިތުބާރާއި އިޚްތިރާމުގެ މައްޗަށް ބިނާވެފައިވާ ގުޅުންތަކެއްގެ މައްޗަށް ކަމަށެވެ. އަދި ރާއްޖެއިން ބޭނުންވަނީ ހާސިލުކުރާ ކަންކަމުން ވަޒަންކުރެވޭ ފަދަ ހަރުދަނާ ގުޅުންތަކެއް ކަމަށާއި، މި ދަތުރުގައި ރާއްޖޭގައި ތިއްބެވި ބޭރުގެ ޤައުމުތަކުގެ މަންދޫބުންނަކީ މުހިންމު ބައިވެރިން ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

މި ފުޓްސަލް މެޗާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މިއީ ރަސްމީ މަސައްކަތުގެ ބޭރުން ޚާރިޖީ ދާއިރާގެ ގުޅުންތައް ބަދަހިކުރުމަށް ލިބުނު ވަރަށް ރަނގަޅު ފުރުޞަތެއް ކަމަށެވެ. އަދި ޑިޕްލޮމެސީ ވީކަކީ ޚާރިޖީ ސިޔާސަތުގެ ދަށުން ހޯދާ ކާމިޔާބީތަކާއި، ޤައުމީ މަޞްލަޙަތު ޙިމާޔަތްކުރުމަށް ވެފައިވާ ޢަޒުމާމެދު ފުންކޮށް ވިސްނާލުމަށް ލިބޭ މުހިންމު ފުރުޞަތެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މިއަދު އޮންލައިން