ޢިބްރަތްތެރިވާހަކަ: ތަނަވަސްކަން ހުރީތީ ފަޚުރުވެރިވެ ފިރިމީހާ ނިކަމެތިކުރަމުން އައި އަންހެނަކަށް އެންމެ ނިކަމެތި ޙާލު ޖެހުނު ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 7ސ
ޢިބްރަތްތެރިވާހަކަ: ތަނަވަސްކަން ހުރީތީ ފަޚުރުވެރިވެ ފިރިމީހާ ނިކަމެތިކުރަމުން އައި އަންހެނަކަށް އެންމެ ނިކަމެތި ޙާލު ޖެހުނު ޙާދިސާއެއްގެ ވާހަކަ-

އޭނާއަކީ ފަޤީރެކެވެ. މައިންބަފައިން ފަޤީރުވީމައެވެ. މައިންބަފައިން ފަޤީރުނަމަވެސް ދަރިފުޅަށް އެމީހުންގެ ފެންވަރުން ކިޔަވައިދިނެވެ. އޭނާ މަތީ ތަޢްލީމް ޙާޞިލްކުރީ ސިވިލް އިންޖިނޭރިންގގެ ދާއިރާއިންނެވެ. ވަޒީފާ އަދާކުރަނީ ކޮންސްޓަރަކްޝަން ކުންފުންޏެއްގެ ވަރަށް އާދައިގެ މަޤާމެއްގައެވެ.  

އަނބިމީހާއަކީ އަމިއްލަ ވިޔަފާރިއެއް ހިންގާ ތަނަވަސް އަންހެނެކެވެ. ފިރިމީހާއަކީ އާމްދަނީ މަދުން ލިބޭ މީހަކަށްވުމުން ބަހައްޓަނީ ސައިޒުކޮށްފައެވެ. ގޭތެރޭގެ ހުރިހާ މަސައްކަތެއް ކުރުވަނީވެސް ފިރިމީހާ ލައްވައެވެ. ވަޒީފާ އަދާކުރަމުން ގޭތެރޭގެ މަސައްކަތްތައް ކުރަންޖެހޭތީ ފިރިމީހާއަށް ބުރަވެ އަބަދުހެން ހުންނަނީ ވަރުބަލިވެފައެވެ.  

ފިރިމީހާއަށް ނިދަންޖެހެނީވެސް ވަކިއެނދެއްގައެވެ. ދެތިންމަސް ފާއިތުވެގެންދާއިރުވެސް އަނބިމީހާއާއި އެއް އެނދުގައި ނިދައިލުމުގެ ފުރުޞަތުވެސް ނުދެއެވެ. ބުނަނީ ގައިގަ ބީހެން ބޭނުންވާނަމަ އަނބިމީހާ ބޭނުންވާ ހުރިހާ ޚަރަދުތަކެއް ކުރެވޭވަރަށް ފައިސާ ހޯދުމަށެވެ. ފިރިމީހާއަށް ޖެހެނީ އެކަންވެސް ޤަބޫލުކޮށްގެން ހުންނާށެވެ.  

މިޙާލުގައި ފިރިމީހާ އުޅޭތާ އަހަރެއްހައި ދުވަސްވީތަނާ އޮފީހުގެ މެޑަމް ވަރަށް ކަންބޮޑުވެފައި އިންދާ ފެނުމުން ސުވާލުކުރީމާ ބުނީ މިއުޅެނީ ވަރަށް ބޮޑު ބިޑެއް ކާމިޔާބުކުރަންޖެހިގެން ކަމަށާއި ޢިމާރާތްކުރުމުގެ ޚަރަދު ތަންކޮޅެއް ކުޑަކުރެވޭނެ ގޮތެއް ނުވިސްނިގެންކަމަށެވެ. އިންޖިނޭރުން 3 މަސްދުވަހު ކުރި މަސައްކަތުންވެސް އެކަށީގެންވާ ނަތީޖާއެއް ނުހޯދުނު ކަމަށެވެ.

އޭނާ ބުނީ ތިއަމައްސަލަ ޖެހިގެން އުޅޭކަން އެނގޭކަމަށާއި އޭނާގެ އިސްމީހާއަށް އޭނާ ދިން ވިސްނުން ޤަބޫލުނުކުރީ ކަމަށެވެ. މެޑަމް ފުރުޞަތު ދިނުމުން އޭނާގެ ވިސްނުން ކިޔައިދިނުމުން ވަޤުތުން ބައްދަލުވުމެއް ބާއްވައި އޭނާލައްވައި އެކަންކަން ހުށަހެޅުވިއެވެ. އެންމެންވެސް އޭނާއަށް ތާއީދުކުރިއެވެ. އޭނާގެ ވިސްނުމަށް ތަޢްރީފްކުރިއެވެ.  

ހަމައެދުވަހު އޭނާއަށް ޕްރަމޯޝަންދީ އިސްމަޤާމެއް ޙަވާލުކުރިއެވެ. ނަމަވެސް އޭނާ އެކަން އަނބިމީހާއަށް ސިއްރުކުރިއެވެ.  

އެއީ އާދިއްތަވިލޭރެއެކެވެ. މެޑަމް ކުއްލި ގޮތަކަށް އޭނާގެ ގެއަށް ޒިޔާރަތްކުރިއެވެ. ދޮރުހުޅުވީ އިރުކޮޅެއްފަހުން އަނބިމީހާއެވެ. އެއިރު އަނބިމީހާ ގޮވި އެއްޗެތި ވަނީ މެޑަމަށް އަޑުއިވިފައެވެ. މިއައީ ފިރިމީހާ އާއި ބައްދަލުކުރަން ކަމަށް ބުނުމުން ބުނީ ހިތާވެގެންއުޅޭ އަންހެނުން ގެއަށް ނުވެއްދޭނެ ކަމަށެވެ. މެޑަމް އޭނާއަކީ ކާކުކަން ބުނެދިނުމުން ބުނީ ތިއަހަދަނީ ދޮގުކަމަށެވެ. އެހިސާބުން މެޑަމް ނުކުމެގެންދިއައީއެވެ.  

އަނެއް ދުވަހު އޮފީހަށް ދިއުމުން މެޑަމް އޭނާ ގެންގޮސް ސުވާލުތައް ކުރުމުން ދިރިއުޅެމުން އަންނަ ޙާލަތު ކިޔައިދިނެވެ. މެޑަމް އޭނާއަށް ހިތްވަރުދީފައި ބުނީ ޢުމުރުގެ އަގުހުރި ދުވަސްތައް ނަގައިނުލުމަށާއި ދެވަނަ ކައިވެންޏެއް ކުރަން އެހީތެރިވެދޭނެ ކަމަށެވެ. ދިރިއުޅޭނެ ފްލެޓެއްވެސް ދޭނެ ކަމަށެވެ. އެވަރުން ފުއްދައިލީއެއްވެސް ނޫނެވެ. ކުންފުނީގެ ފްލެޓެއްގެ ތަޅުދަނޑިވެސް ޙަވާލުކުރިއެވެ.  

ޖެހިގެން އައި ދުވަހު ހެނދުނު ގެއިން ނުކުތީ އެނބުރި ގެއަށް ވަންނަން ނުޖެހޭނެ ގޮތަށް ކަންކަން ކޮށްފައެވެ. އަނބިމީހާ ވަރިކޮށްފައެވެ. އޭނާ ބަލައި އައިސްއޮތް ކާރަކަށް އަރައިގެން ދިއަތަން ފެނުމުން އަނބިމީހާ ޙަޤީޤަތް ހޯދަން މަސައްކަތްފެށިއެވެ.  

އަނބިމީހާއަށް ޙަޤީޤަތް ހޯދުނުއިރު ފިރިމީހާ ވަނީ ދެވަނަ ކައިވެނިވެސް ކޮށްފައެވެ. މެޑަމްއާއިއެވެ. އެހެންކަމުން އެއިރު ފިރިމިހާ ހުރީ ތަނުގެ އިސް މީހެއްގެ ގޮތުގައެވެ. މަލްޓިމިލިއަން ކުންފުންޏެއްގެ އިސްވެރިއަކަށެވެ.  

އެއަނބިމީހާ ދެރަވީ އެދުވަހަކު ނޫނެވެ. އެއިގެ ދުވަސްކޮޅެއްފަހުން އޭނާގެ ވިޔަފާރި ބަނގުރޫޓުވެ ދަރަނިވެރިވުމުން މޯގޭޖޖްކޮށްފައި ހުރި އޭނާގެ ގެ ބޭންކަށް ނަގައި އެންމެ ނިކަމެތި ޙާލުގައި ޖެހުމުންނެވެ.   

މިޙާދިސާގެ ވާހަކަ އަޅުގަނޑު މިއަދުނޫހުގެ ކިޔުންތެރިންނަށް މިގެނެސްދިނީ އަންހެނުން ނުވަތަ ފިރިހެނުން ކުށްވެރިކުރާކަށް ނޫނެވެ. އަނބިންވެސް އަދި ފިރިންވެސް ވިސްނައިލުމަށް ބުނުމަށެވެ. ތިމާއަށް ތަނަވަސްކަން ލިބިފައިވުމަކީ އަނެކާ ނިކަމެތިކުރާ ސަބަބަކަށް ނުހެދުމަށް ބުނުމަށެވެ. ތަނަވަސްކަމަށް ފަޚުރުވެރިވެ އަނެކާ ނިކަމެތިކުރާނެ ނަމަ ފަޤީރުންނާއި ކައިވެނި ނުކުރަން ބުނުމަށެވެ.  

ދުނިޔެއަށް ބަލިނަމަވެސް ކުރިން ފަޤީރު ޙާލުގައި އުޅުނު އެތައް ހާސް ބައަކަށް ފަހުން ތަނަވަސްކަން ލިބިފައިވާތަން ފެންނާނެއެވެ. ޙާލަތު ބަދަލުކުރެއްވެވުން އޮތީ މާތް ﷲ ގެ ޙަޟްރަތުންނެވެ.

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން