ތިމާގެ ފިރިމީހާގެ ފަހަތުން އަންހެނަކު ދުވާނަމަ ކަންބޮޑުވެވޭނެއެވެ. އަދި އިތުރު އަންހެނަކާއި ގުޅިގެން އުޅޭނަމަ ކަންބޮޑުވުން އިތުރުވާނެއެވެ. މިއީ ދެބަސްވެވޭނެ ކަންކަމެއް ނޫނެވެ. ސުވާލަކީ އެކަމަށް އޮތް ޙައްލަކީ ކޮބައިހެއްޔެވެ؟
މިބުނި ފަދަ ކަމެއް ކުރިމަތިވެއްޖެނަމަ ގިނަ އަންހެނުންނަށް އަވަސްވެގަނެވެނީ އެއަންހެނަކު ހޯދުމަށެވެ. ކުށްވެރިކުރެވެނީ އެއަންހެނެކެވެ. ހަމައެއާއިއެކު އެއަންހެނެއްގެ ފަހަތުން ދުއްވައިގަނެވެއެވެ. ގުޅައި އެއްޗެތި ގޮވައެވެ. އެކަން ހުއްޓައިލުން އެދި އާދޭސްވެސްކުރެއެވެ.
ދެން އަހުރެން ކުރަން ބޭނުންވާ ސުވާލަކީ އެކަންކަމުން މައްސަލަ ޙައްލުކުރެވޭނެ ހެއްޔެވެ؟ އަނބިމީހާ އެގޮތަށް ކަންކަން ކުރުމުން ވިސްނޭ ބައެއް އަންހެނުން އެކަން ހުއްޓައިވެސްލައިފާނެއެވެ. އެހިސާބުން އެކަން ނިމޭ ހެއްޔެވެ؟ ޖަވާބަކީ ނުނިމޭނެއެވެ. އަބަދުވެސް ޖެހޭނީ ކޮންމެވެސް އަންހެނެއްގެ ފަހަތުން ދުވާށެވެ!
އެކަމަށް އޮތް ޙައްލަކީ އެގޮތަށް އުޅުން ފިރިމީހާ ހުއްޓައިލުމެވެ. މަޗްވަރާކުރަންވީ ފިރިމީހާއަށެވެ. އާދޭސްކުރަންވީވެސް ފިރިމީހާށއަށެވެ. ފިރިމީހާ އިޞްލާޙްނުވެއްޖެނަމަ ދެން އަޅަންޖެހޭ ފިޔަވަޅު ނިންމުމަކީ އަނބިމީހާގެ އަތްމަތީގައި އޮތްކަމެކެވެ. އެއީ ކެތްތެރިވެގެން ދެރަވެ ހިތާމަކުރުންމަތީގައި ޢުމުރަށް އިނުންތޯ ނުވަތަ އެހިސާބުން ވަކިވެ އަލުން ޙަޔާތެއް ފަށާނީތޯ ނިންމުމަކީ އެމީހެއްގެ އިޚްތިޔާރުގައި ކަމެކެވެ.
އަނބިންނަށް އަހުރެން ދޭން އޮތް ނަޞީހަތަކީ އަމިއްލައަށް ގޮތް ނިންމާށެވެ. ނިންމުމަށްފަހު އެގޮތަކަށް ޢަމަލުކުރާށެވެ. މިހެން ބުނަންމިޖެހެނީ މިފަދަ ކަންކަމުގައި ޝަކުވާކުރަން އަންނަ އަބިންގެ ޢަދަދު ގިނަވާތީއެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން / މިއަދުނޫސް