އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކު (އައިއެސްޑީބީ) ގެ މާލީ އެހީތެރިކަމާއެކު ހުޅުމާލޭގައި ޤާއިމުކުރާ ބޮޑު ކަންނެލި ޕެކިންގ ފެސިލިޓީގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ނިމި، މިހާރު އެ ކާރުހާނާގެ ޑިޒައިނިންގ މަސައްކަތް ކުރިއަށްދާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
މަސްވެރިކަމުގެ ސިނާޢަތް ކުރިއަރުވައި، ބޮޑު ކަންނެލީގެ މަސްވެރިކަމުން ލިބޭ މަންފާ އިތުރުކުރުމުގެ މަޤުޞަދުގައި ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، މި ފެސިލިޓީ ތަރައްޤީކުރުމަށް ހުޅުމާލެއިން 25,000 އަކަފޫޓުގެ ބިމެއް ވަނީ ހަމަޖައްސާފައެވެ. އަދި އެ ބިމާ ގުޅޭގޮތުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.
މީގެކުރިން ކަނޑުއޮތްގިރީގައި ޤާއިމުކުރުމަށް ނިންމާފައި އޮތް މި ކާރުހާނާ ހުޅުމާލެއަށް ބަދަލުކޮށްފައިވަނީ، ކަންނެލި އެކްސްޕޯޓްކުރާ ކުންފުނިތަކަށް ޒަމާނީ ފެންވަރުގެ ޕެކިންގ ޚިދުމަތެއް ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުންނެވެ. މިފްކޯގެ ޤާބިލުކަން އިތުރުކުރުމުގެ އަމާޒުގައި ކުރިއަށްގެންދާ މި ފެސިލިޓީއަކީ 35 ޓަނުގެ މަސް ބަންދުކުރުމާއި، 100 ޓަނުގެ ޕެކިންގ ޤާބިލުކަން ލިބިގެންވާނެ މަރުކަޒެކެވެ.