ކުދިޖަޒީރާތަކަށް އެހީތެރިކަން އިތުރުކުރަން ރާއްޖެއިން ގޮވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
ކުދިޖަޒީރާތަކަށް އެހީތެރިކަން އިތުރުކުރަން ރާއްޖެއިން ގޮވާލައިފި

އދ. ގެ މޫސުމީ ބަދަލުތަކާ ބެހޭ މައި މުއާހަދާ (ޔޫ.އެން.އެފް.ސީ.ސީ.ސީ) ގެ 31 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް31) ބައްދަލުވުން ރަސްމީކޮށް އިއްޔެ ތުރުކީވިލާތުގެ އަންތާލިޔާގައި ފަށައިފިއެވެ. މި ބައްދަލުވުން ރަސްމީކޮށް ފެށިގެން ދިޔައީ މިއަދު ބޭއްވުނު މި ސަމިޓުގެ ފުރަތަމަ ޕްލެނަރީ ސެޝަނުންނެވެ.

މި މުހިންމު ސަމިޓުގައި ދިވެހިރާއްޖެ ތަމްސީލުކުރަމުން ގެންދަނީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގެ ފަރާތުންނެވެ.

މި ސަމިޓުގެ ތެރެއިން ރާއްޖެއިން ވަނީ މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކަށް، ހާއްސަކޮށް ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ބޭނުންވާ މާލީ އަދި ފަންނީ އެހީތެރިކަން އިތުރުކޮށްދިނުމަށް ވަކާލާތުކޮށް، އެކަމަށް ބައިނަލްއަގުވާމީ މުޖުތަމައުއަށް ގޮވާލާފައެވެ.

ކޮޕް31 ގެ ޕްލެނަރީ ސެޝަންގައި ރާއްޖޭގެ ފަރާތުން ފާހަގަކުރި ގޮތުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ނުރައްކަލަކާ ކުރިމަތިލާންޖެހިފައިވަނީ ކުދި ޖަޒީރާ ގައުމުތަކަށެވެ. އެހެންކަމުން، މި ގައުމުތަކުގެ ވިލުންވެރިކަން އިތުރުކުރުމަށާއި، ތިމާވެށީގެ ގެއްލުންތަކުން އަރައިގަތުމަށް ބޭނުންވާ އެހީތެރިކަން ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަކީ މިވަގުތަށް ކޮންމެހެން މުހިންމު ކަމެއް ކަމަށް ރާއްޖެއިން ބަޔާންކުރިއެވެ.

ދުނިޔޭގެ ގިނަ ގައުމުތަކެއްގެ މަންދޫބުން ބައިވެރިވާ މި ސަމިޓް ކުރިއަށް އޮތް ދުވަސްތަކުގައި އަންތާލިޔާގައި ކުރިއަށްދާނެއެވެ. މި ބައްދަލުވުމުގައި މޫސުމީ ބަދަލުތަކާ ދެކޮޅަށް އެޅޭނެ ފިޔަވަޅުތަކާއި، ދުނިޔޭގެ ފިނިހޫނުމިން ވަކި މިންވަރެއްގައި ހިފެހެއްޓުމަށް ގައުމުތަކުން ވެފައިވާ ވައުދުތައް ފުއްދުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން