ގިރާވަރުފަޅުން ބާކީ އޮތް ސަރަޙައްދު ހިއްކުމުގެ މަސައްކަތް މިހާރު ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި، އެ މަސައްކަތް އެއްކޮށް ނިމުމުގެ ކުރިން ސާވޭގެ ކަންކަން ފަށައި ރައްޔިތުންނަށް ގޯތިތައް ޙަވާލުކުރެވޭނެ ކަމަށް ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ކުރިއަށްގެންދިޔަ "އަހާ" ފޯރަމްގެ 10 ވަނަ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، ކުރީ ސަރުކާރުގެ "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ދޫކުރިއިރު އެ ސަރަޙައްދުތައް މާބޮޑަށް ހިއްކާފައި ނުވި ނަމަވެސް، މި ސަރުކާރަށް ދިމާވި އިޤްތިޞާދީ ގޮންޖެހުންތަކާއެކުވެސް ހުޅުމާލެ ފޭސް 3 އަދި ގުޅީފަޅު ހިއްކައި، އެ ދެ ސަރަޙައްދުގެ ގޯތިތައް މިހާރު އެ ފަރާތްތަކާ ޙަވާލުކޮށްފައިވާ ކަމަށެވެ.
ގިރާވަރުފަޅުގެ މަޝްރޫޢާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، އެ ފަޅުން 100 ހެކްޓަރުގެ ސަރަޙައްދެއް ހިއްކުމަށްފަހު މަސައްކަތް މީގެކުރިން މަޑުޖެހިގެންދިޔައީ މެދުއިރުމަތީގެ ޙާދިސާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލުތަކުގެ ސަބަބުންނެވެ. ނަމަވެސް މިހާރު އެ ހުރިހާ ދަތިތަކެއް ޙައްލުކޮށް، ބާކީބައި ހިއްކުމުގެ އަމަލީ މަސައްކަތް އަލުން ފަށައިގެން ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، ހުޅުމާލެ ފޭސް 3 އާއި ގުޅީފަޅުން ދޫކޮށްފައިވާ ގޯތިތަކުގެ ވަށާފާރު ރޭނުމުގެ ހުއްދަ ދިނުމަށްޓަކައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު މަސައްކަތްތައް ކުރެވެމުންދާކަންވެސް ވަޒީރު ހާމަކުރެއްވިއެވެ. އަދި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ދޫކޮށްފައިވާ ގޯތިތައް ރައްޔިތުންނާ ވީ އެންމެ އަވަހަކަށް ޙަވާލުކޮށް، އެ ތަންތަނުގައި އާބާދުވެވޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.