ސްރީލަންކާއާއި މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނަށް ހިދުމަތްތައް ހޯދުމުގައި ބޮޑެތި ލުއިތަކެއް ހަމަޖައްސައިދެވިއްޖެ: ހާރިޖީ ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 36ސ
ސްރީލަންކާއާއި މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނަށް ހިދުމަތްތައް ހޯދުމުގައި ބޮޑެތި ލުއިތަކެއް ހަމަޖައްސައިދެވިއްޖެ: ހާރިޖީ ވަޒީރު

ސްރީލަންކާ އަދި މެލޭޝިޔާގައި ދިރިއުޅެމުންދާ ދިވެހި ރައްޔިތުންނަށް އެމްބަސީތައް މެދުވެރިކޮށް ލިބެންޖެހޭ އަސާސީ ހިދުމަތްތައް ފަސޭހަކޮށްދިނުމަށް މި ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅައި، ބޮޑެތި ލުއިތަކެއް ހޯދައިދީފި ކަމަށް ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ މަސައްކަތްތަކާ ގުޅޭގޮތުން އާންމުންގެ ސުވާލުތަކަށް ޖަވާބުދިނުމަށް ބޭއްވި "އަހާ" ފޯރަމްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާރިޖީ ސިޔާސަތު ބިނާވެފައިވަނީ "މޯލްޑިވްސް ފަސްޓް" ނުވަތަ ދިވެހި ގައުމާއި ރައްޔިތުންގެ މަސްލަހަތު އެންމެ ކުރިއަށް ނެރުމުގެ އުސޫލުގެ މައްޗަށް ކަމަށެވެ. އެގޮތުން، ރައީސް ޑރ. މުއިއްޒު ސްރީލަންކާ އަދި މެލޭޝިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުތަކުގެ ތެރެއިން، އެ ދެ ގައުމުގައި ތިބި ދިވެހިންނަށް އިލެކްޓްރޯނިކް ޕާސްޕޯޓާއި އައިޑީ ކާޑު އެމްބަސީތައް މެދުވެރިކޮށް ފަސޭހައިން ދޫކުރެވޭނެ އިންތިޒާމު މިހާރު ހަމަޖައްސައިދެވިފައިވާ ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، އެ ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް ދިމާވާ ވިސާގެ ދަތިތަކަށް ހައްލު ހޯއްދަވައިދެއްވުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ހާއްސަކޮށް، މެލޭޝިޔާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ޑިޕެންޑެންޓް ވިސާއާ ގުޅޭގޮތުންނާއި، މެޑިސިން (އެމްބީބީއެސް) ކިޔަވާ ދަރިވަރުންގެ ވިސާގެ ކަންކަމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ރައީސް ޑރ. މުއިއްޒު ވަނީ މަތީ ފަންތީގެ މަޝްވަރާތަކެއް ކުރައްވާފައެވެ.

އަދި ހަމައެހެންމެ، ބޭރު ގައުމުތަކަށް ދަތުރުކުރާ ދިވެހި ވިޔަފާރިވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ރާއްޖޭގެ މަސްވެރިކަމާއި، ފަތުރުވެރިކަން އަދި ސަގާފަތް ދުނިޔެއަށް އިސްތިހާރު ކުރުމަށްޓަކައި އެ ގައުމުތަކުގައި ބާއްވާ ބައިނަލްއަގްވާމީ މައުރަޒުތަކުގައި ރާއްޖޭގެ މިޝަންތަކުން އިސްނަގައިގެން ބައިވެރިވަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ރާއްޖެއިން ބޭރުގައި އުޅޭ ޅަދަރިވަރުންގެ މެދުގައި އިސްލާމީ އަގީދާ ހަރުދަނާކޮށް، ދިވެހިވަންތަކަން އާލާކުރުމަށްޓަކައި އެމްބަސީތައް މެދުވެރިކޮށް އޮންލައިންކޮށް އިސްލާމާއި ދިވެހި ބަސް ކިޔަވައިދިނުމުގެ ހާއްސަ ކްލާސްތަކެއް ކުރިއަށްގެންދާކަން ވަޒީރު ހާމަކުރެއްވިއެވެ. މީގެއިތުރުން، އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން ކުދިންނަށް ބޭނުންވާ ނަފްސާނީ އަދި އިޖުތިމާއީ އެހީތެރިކަމުގެ ގޮތުން ކައުންސިލިންގެ ހިދުމަތާއި، އެކުވެރިކަން ބަދަހިކުރުމުގެ ކުޅިވަރު ހަރަކާތްތައް ވެސް ދަނީ ހިންގަމުންނެވެ.

ކޮންސިއުލާ ހިދުމަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު އިރުތިޝާމް ވިދާޅުވީ، ރައްޔިތަކަށް ދިމާވާ ކުއްލި ކޮންމެ ހާލަތެއްގައިވެސް އެހީތެރިވުމަކީ ހާރިޖީ މިޝަންތަކުގެ އެންމެ މުހިންމު ޒިންމާ ކަމަށެވެ. އެގޮތުން ލިޔެކިޔުންތައް ގެއްލުން، ވިހެއުމާއި މަރުވުން، ނުވަތަ ބަންދުވުން ފަދަ ކޮންމެ ނާޒުކު ހާލަތެއް މެދުވެރިވި ނަމަވެސް، ކަނޑައެޅިފައިވާ ހަރުދަނާ އުސޫލުތަކުގެ ތެރެއިން ސަރުކާރުން އެންމެ ފުރިހަމަ އަދި އެންމެ އަވަސް އެހީތެރިކަން ދެމުންގެންދާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.

 

މިއަދު އޮންލައިން