ކައުންސިލުތަކަށް މާލީ ގޮތުން ބާރުވެރިކަން ހޯދައިދިނުމުގެ ސިޔާސަތުގެ ދަށުން، މި އަހަރުގެ ބްލޮކް ގްރާންޓުގެ ގޮތުގައި ކައުންސިލުތަކަށް ދޫކުރި ފައިސާގެ އަދަދު 2 ބިލިޔަން ރުފިޔާއަށް އަރައިފިއެވެ.
މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް މި ފައިސާ ވަނީ ކައުންސިލުތަކުގެ އެކައުންޓުތަކަށް ޖަމާކޮށްދީފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު %17 ގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ބްލޮކް ގްރާންޓުގެ ގޮތުގައި ދޫކޮށްފައިވަނީ 1.7 ބިލިޔަން ރުފިޔާއެވެ.
ރާއްޖޭގެ ތާރީޚުގައިވެސް ކައުންސިލުތަކަށް އެންމެ ބޮޑު މާލީ އެހީއެއް ދިނުމަށް ކަނޑައަޅާފައިވަނީ މިއަހަރު ކަމަށްވާއިރު، މިއަހަރުގެ ބަޖެޓުގައި ކައުންސިލުތަކުގެ ގްރާންޓުގެ ގޮތުގައި 2.4 ބިލިޔަން ރުފިޔާ ވަނީ ހިމަނާފައެވެ. މީގެއިތުރުން، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ ކަނޑައަޅާފައިވާކަން ވެސް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ފާއިތުވި އަހަރުތަކުގެ ހިސާބުތަކަށް ބަލާއިރު، 2023 ވަނަ އަހަރު 2.1 ބިލިޔަން ރުފިޔާ ބަޖެޓުކުރި ނަމަވެސް، ކައުންސިލުތަކުގެ ތަރައްގީގެ ބޭނުންތަކަށް އެ އަހަރު އިތުރު 8 މިލިޔަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. އަދި އޭގެ ކުރީ އަހަރުވެސް ކައުންސިލުތަކަށް 2.2 ބިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ.
ކައުންސިލުތަކަށް ފައިސާ ދޫކުރުމުގައި އެންމެ ބޮޑު ހިއްސާއެއް ލިބެނީ ސިޓީ ކައުންސިލުތަކަށެވެ. މީގެ ތެރެއިންވެސް އެންމެ ބޮޑު ބަޖެޓެއް ލިބެނީ މާލޭ ސިޓީ ކައުންސިލަށެވެ. ދައުލަތުގެ އާމްދަނީއަށް ބިނާކޮށް، އިންސާފުވެރި އުސޫލަކުން ފައިސާ ބެހުމުގެ މަގުސަދުގައި 2020 ވަނަ އަހަރުން ފެށިގެން ކައުންސިލުތަކަށް ފައިސާ ދޫކުރަމުން އަންނަނީ ޚާއްސަ "ފިސްކަލް ފޯމިއުލާ" އަކަށް ބަރޯސާވެގެންނެވެ.