ދައުލަތުގެ އާމްދަނީ 34.52 ބިލިއަން ރުފިޔާއަށް އަރައި، ޓީ.ޖީ.އެސް.ޓީއިން ލިބުނު އާމްދަނީ 5 އިންސައްތަ އިތުރުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 6ސ
ދައުލަތުގެ އާމްދަނީ 34.52 ބިލިއަން ރުފިޔާއަށް އަރައި، ޓީ.ޖީ.އެސް.ޓީއިން ލިބުނު އާމްދަނީ 5 އިންސައްތަ އިތުރުވެއްޖެ

29 އޮކްޓޫބަރ 2026 ގެ ނިޔަލަށް ދައުލަތަށް ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 34.52 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 32.79 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 5.3 އިންސައްތައިގެ ކުރިއެރުމެއް ކަމަށް، މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް އިން އެންމެ ފަހުން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައި ބުނެފިއެވެ.

މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ޓެކްސް އާމްދަނީއަށް އައި ބަދަލެވެ. އެގޮތުން މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 24.48 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، މިއަހަރު ޓެކްސް އާމްދަނީ ވަނީ 9.1 އިންސައްތަ އިތުރުވެ 26.70 ބިލިއަން ރުފިޔާއަށް އަރާފައެވެ.

ދައުލަތުގެ އާމްދަނީގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރާ ފަތުރުވެރިކަމުގެ މުދަލާއި ޚިދުމަތްތަކުން ނެގޭ ޓެކްސް (ޓީ.ޖީ.އެސް.ޓީ) އިން ލިބުނު އާމްދަނީ ވަނީ 5.0 އިންސައްތަ އިތުރުވެފައެވެ. އެއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 8.88 ބިލިއަން ރުފިޔާއިން 9.32 ބިލިއަން ރުފިޔާއަށެވެ. މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ ދެމެހެއްޓެނިވި ގޮތެއްގައި ލިބެމުންދިއުމާއެކު، ފާއިތުވެދިޔަ ހަފުތާއަށް ބަލާއިރުވެސް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީވެސް ޓީ.ޖީ.އެސް.ޓީއިންނެވެ.

އާމްދަނީ ލިބޭ އެހެނިހެން ދާއިރާތަކަށް ބަލާއިރު، ވިޔަފާރި އާއި މުދަލުން ނެގޭ ޓެކްސް ވަނީ 23.7 އިންސައްތަ އިތުރުވެ 6.07 ބިލިއަން ރުފިޔާއަށް އަރާފައެވެ. އިމްޕޯޓް ޑިއުޓީ 12.3 އިންސައްތަ އިތުރުވެ 2.90 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އާންމު މުދަލާއި ޚިދުމަތްތަކުން ނެގޭ ޓެކްސް (ޖީ.ޖީ.އެސް.ޓީ) ގެ ގޮތުގައި 4.63 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 2.3 އިންސައްތަ އިތުރުވެ 1.88 ބިލިއަން ރުފިޔާއަށް އަރާފައެވެ. ޓެކްސް ނޫން އާމްދަނީގެ ތެރެއިން މުދަލުން ލިބޭ އާމްދަނީ 28.2 އިންސައްތަ އިތުރުވެ 2.27 ބިލިއަން ރުފިޔާއަށް އަރާފައިވަނީ ރިސޯޓްތަކުގެ ކުލިން ލިބުނު އާމްދަނީ އިތުރުވުމާ ގުޅިގެންނެވެ. ހިލޭ އެހީގެ ގޮތުގައި 0.53 ބިލިއަން ރުފިޔާ ލިބިފައިވީ ނަމަވެސް، ޖުމްލަ ޓެކްސް ނޫން އާމްދަނީ ވަނީ 8.8 އިންސައްތަ ދަށަށް ގޮސްފައެވެ.

ޚަރަދުތަކަށް ބަލާއިރު، 29 އޮކްޓޫބަރ 2026 ގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ޚަރަދު ހުރީ 38.99 ބިލިއަން ރުފިޔާގައެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 16.2 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ ތެރެއިން ހިނގަމުންދާ ޚަރަދު ނުވަތަ ރިކަރަންޓް އެކްސްޕެންޑިޗަރ 16.9 އިންސައްތަ އިތުރުވެ 33.68 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ކެޕިޓަލް ޚަރަދު ވަނީ 12.0 އިންސައްތަ އިތުރުވެ 5.30 ބިލިއަން ރުފިޔާއަށް އަރާފައެވެ.

މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ކުރި ޚަރަދު 14.7 އިންސައްތަ އިތުރުވެ 6.15 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އިދާރީ އަދި ހިންގުމުގެ ޚަރަދުތަކަށް 20.28 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. ބިމާއި އިމާރާތް ފަދަ އިންފްރާސްޓްރަކްޗަރ ވަސީލަތްތަކަށް ކުރި ކެޕިޓަލް ޚަރަދު 10.4 އިންސައްތަ އިތުރުވެ 4.63 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. މީގެ ތެރެއިން ބިމާއި އިމާރާތްތަކަށް ކުރި ހޭދަ 35.4 އިންސައްތަ އިތުރުވެފައިވާއިރު، ފާލަންތަކާއި ބަނދަރުތަކަށް ކުރި ޚަރަދު ވެސް ވަނީ 20.1 އިންސައްތަ އިތުރުވެފައެވެ.

އެހެނިހެން މުހިންމު ރިކަރަންޓް ޚަރަދުތަކުގެ ތެރޭގައި ހިމެނޭ އެހީ އާއި ސަބްސިޑީއަށް ކުރި ހޭދަ 34.9 އިންސައްތަ އިތުރުވެ 10.81 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. މީގެ ތެރެއިން ސަބްސިޑީއަށް 4.31 ބިލިއަން ރުފިޔާ އަދި އާސަންދައަށް 1.96 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. ކައުންސިލްތަކަށް ދޭ ގްރާންޓްގެ ގޮތުގައި 2.08 ބިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.

29 އޮކްޓޫބަރ 2026 ގެ ނިޔަލަށް ދައުލަތުގެ ބަޖެޓްގެ ޖުމްލަ ބެލެންސް ހުރީ 4.47 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގައެވެ. އަދި ޕްރައިމަރީ ބެލެންސް ހުރީ 0.33 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގައެވެ.

މިއަދު އޮންލައިން