ޤައުމެއްގެ އަމިއްލަވަންތަކަމާއި، ބަހާއި ދީން ރައްކާތެރިކުރެވޭނީ އަދި އަމިއްލަ ބަސް ބުނެވޭނީ ބޭރު މީހުންގެ ކުރިމަތީގައި ސަލާންޖަހަން ނުޖެހޭ ފަދަ ވަރުގަދަ، ފުދުންތެރި އިޤުތިޞާދެއް ޤާއިމުވެފައި އޮވެގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ތަހުޒީބު ރާއްޖެއެއް ބިނާކުރެވޭނީ ދިވެހިންގެ މާނަވީ އަދި މާއްދީ ތަރައްޤީއަށް އެއްވަރަކަށް އިސްކަންދީގެން ކަމަށެވެ. އަދި ޤައުމުގެ ޙައްޤުގައި ޝަހީދުވި ކޮންމެ ބޭފުޅަކުވެސް ފުރާނައިން ޤުރުބާންވީ މި އަމާންކަމުގެ ސުވަރުގެ އަމާންކަންމަތީ ދެމެހެއްޓުމަށް ބޭނުންވާތީ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖެ ބަނގުރޫޓުވުމުގެ ބިރުވެރިކަމުން ސަލާމަތްކުރުމަށާއި، ޒިންމާދާރުކަމެއް ނެތި ފައިސާ ޗާޕުކުރުން ހުއްޓާލައި، ދައުލަތުގެ ދަރަނިތައް ދައްކައި ޚަލާޞްކުރުމަށް ސަރުކާރުން މުހިންމު މަސައްކަތްތަކެއް މިހާރުވެސް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން، ބޭރުގެ ސިފައިން ރާއްޖެއިން ފޮނުވާލުމާއި، ގެއްލިފައިވާ ކަނޑުގެ ސަރަޙައްދު ހޯދުމުގެ މަސައްކަތް ބައިނަލްއަޤްވާމީ މައިދާނުގައި ފެށިފައިވާކަމަށާއި، ޤައުމީ ދިފާޢީ ބާރުގެ ޢަސްކަރީ ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލާއަށް ފަހު 38 އަހަރު ފާއިތުވެގެން ގޮސްފައިވާއިރު، އެ ހާދިސާ ނުދެކޭ އައު ދެ ޖީލެއް މިއަދު ތިބިކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އެ ކުދިންނަށްޓަކައި އަދާކުރަންޖެހޭ ޒިންމާތަކުގެ ބިންގާ ގުޅެނީ ޤައުމުގެ މިނިވަންކަމާއި، އިޤްތިޞާދީ ފުދުންތެރިކަމާއި، ދައުލަތުގެ ސިޔާދަތާއި އިސްތިޤުލާލު ދެމިއޮތުމުގެ ކަށަވަރުކަމާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.