ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ "ކިއުއެސް އޭޝިއާ ޔުނިވާސިޓީ ރޭންކިންސް 2027" ގައި ހިމެނި ތާރީޚީ ކާމިޔާބީއެއް ހާސިލުކޮށްފިއެވެ. މިއީ ރާއްޖޭގެ މަތީ ތަޢުލީމީ މުއައްސަސާއަކުން ބައިނަލްއަޤްވާމީ މިފަދަ ރޭންކިންއަކުން ޖާގަ ހޯދި މުހިންމު ފަހަރެކެވެ.
މި ރޭންކިން ދައްކާގޮތުން އެމްއެންޔޫ ހިމެނިފައިވަނީ އޭޝިއާ ސަރަޙައްދުގެ 1101 އާއި 1200 އާ ދެމެދުގެ ބޭންޑުގައެވެ. މީގެއިތުރުން ދެކުނު އޭޝިއާގެ ގަދަ 400 ޔުނިވާސިޓީގެ ލިސްޓުން ޖާގަ ހޯދުމާއެކު، ރާއްޖޭގެ މަތީ ތަޢުލީމީ މުއައްސަސާތަކުގެ ތެރެއިން އެއްވަނަ މަޤާމު ކަށަވަރުކޮށް، ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ފެންވަރު ވަނީ ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ސާބިތުކޮށްދީފައެވެ.
މި ކާމިޔާބީއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ، މިއީ ފާއިތުވި އަހަރުތަކުގައި އެތައް ބައެއްގެ ބުރަ މަސައްކަތާއި އިޚްލާޞްތެރި ޚިދުމަތުން ޙާޞިލުކުރެވުނު މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ. އަދި މިއީ ހަމައެކަނި ޔުނިވާސިޓީއަށް ލިބުނު ކުރިއެރުމެއް ނޫން ކަމަށާއި، މުޅި ރާއްޖޭގެ މަތީ ތަޢުލީމީ ދާއިރާއަށް ލިބުނު ފާހަގަކޮށްލެވޭ ރީތި ނަމެއް ކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
ކިއުއެސް ރޭންކިންގައި ޔުނިވާސިޓީތަކުގެ ފެންވަރު ވަޒަންކުރަނީ މައިގަނޑު ގޮތެއްގައި ރިސާޗުތައް ނެރޭ މިންވަރާއި ފެންވަރާއި، މުދައްރިސުންނާއި ދަރިވަރުންގެ ނިސްބަތުގެ އިތުރުން، ބައިނަލްއަޤުވާމީ ފެންވަރުގައި ތަޢުލީމާއި ރިސާޗު ފުޅާކޮށް އެއްބާރުލުންދޭ މިންވަރަށް ބަލައިގެންނެވެ. އެމްއެންޔޫއިން މި މިންގަނޑުތަކުން ކުރިއެރުން ހޯދައި މިފަދަ ރޭންކިންއެއްގައި ހިމެނުމަކީ ރާއްޖޭގެ ތަޢުލީމީ ނިޒާމު ދުނިޔޭގެ ފެންވަރުގައި ބަލައިގަންނަމުންދާ ކަމުގެ ހެއްކެކެވެ.